ރާއްޖޭގެ ހާލަތާ ގުޅޭ މައުލޫމާތު އެމްޑީޕީން އީޔޫ ޕާލިމެންޓުގެ މި ސަރަހައްދަށް ހާއްސަ ވަފުދަކާ ހިއްސާކޮށްފި ރާއްޖޭގެ ހާލަތާ ގުޅޭ މައުލޫމާތު އެމްޑީޕީން އީޔޫ ޕާލިމެންޓުގެ މި ސަރަހައްދަށް ހާއްސަ ވަފުދަކާ ހިއްސާކޮށްފި

އަދުގެ ސަރުކާރުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމުގެ ހާލަތު ގޯސްވަމުންދާ ކަމުގެ މައުލޫމާތު އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ޔޫރަޕިއަން (އީޔޫ) ޕާލިމަންޓާ ހިއްސާކޮށްފި އެވެ.
މި ބައްދަލުވުމަށް ފަހު ނެރުނު ނޫސްބަޔާނުގައި އެމްޑީޕީން ބުނީ، މިއީ ރާއްޖޭގެ ހާލަތާ ގުޅޭ މައުލޫމާތު ހިއްސާކޮށްދިނުމަށް އީޔޫ ޕާލިމަންޓުގެ ދެކުނު އޭޝިއާ ގައުމުތަކުގެ ގުޅުންތަކާ ބެހޭ ވަފުދު (ޑީއެސްއޭއެސް) އިން ދިން ދައުވަތަކަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
އީޔޫގެ ވަފުދުން މަޝްވަރާކުރަން ބޭނުންވީ މިދިޔަ މެއި މަހުގެ ތެރޭގައި އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ބްރަސްލްސްއަށް ގޮސް ހިއްސާކުރި މައުލޫމާތުގެ އަދާހަމަަ ހޯދުމަށެވެ.
ބްރަސްލްސްގައި ބޭއްވި މި ބައްދަލުވުމުގައި ޝާހިދުގެ އިތުރުން، އެމްޑީޕީގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މެންބަރުން ކަމުގައިވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކައިލް ނަސީމް އާއި ކުރީގެ އެންވަޔަރަމަންޓު މިނިސްޓަރު އައިމިނަތު ޝައުނާ އޮންލައިންކޮށް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ޔޫރަޕިއަން ޔޫނިއަނަށް ދިވެހި ސަރުކާރުން ކަނޑައަޅާފައި ހުންނަ ސަފީރު، ގީލާ އަލީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެމްޑީޕީން ބުނީ، މައިގަނޑު ފައިސް ދައިރާއަކުން އެ ޕާޓީގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރި ކަމަށެވެ. އޭގެ ތެރޭގައި ފަނޑިޔާރުގޭގެ މިނިވަންކަން ނިގުޅައިގަތުމާއި، ބާރުތައް މުށުތެރެއަށްލާ މުއައްސަަސާތަކުގެ ބާރު ކަނޑުވާލުމާއި މީޑިއާ އާއި މަދަނީ ޖަމިއްޔާތަކަށް ބިރުދެއްކުމުގެ އިތުރުން އިގުތިސޯދީ ހާލަތު ގޯސްވުމާއި އަންނަ ރިޔާސީ އިންތިހާބަށް ނުފޫޒޯފޯރުވަން މަގުކޮށަމުންދާ މައްސަލަ ހިމެނޭ ކަމަށް އެ ޕާޓީން ބުންޏެވެ.
އޭގެ އިތުރުން، ހާރިޖީ ގުޅުންތަކާއި ގައުމުގެ ސަލާމަތަށް ހުރި ނުރައްކާތަކުގެ ވާހަކަ ވެސް ހިއްސާކުރި ކަމަަށް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ. އަދި ސަރުކާރުން ބައިނަލުއަގުވާމީ ގުޅުންތަކުގެ ގޮތް ނިންމުން ސިޔާސީކޮށްފައިވާ ކަމަށް ވެސް އީޔޫއަށް މައުލޫމާތު ދިން އެމްޑީޕީގެ ވަފުދުން ބުންޏެވެ.
މީގެ އެއް މިސާލަކީ، ޗާގޯސް ޖަޒީރާތަކާ ގުޅިގެން ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ގެނައި ބަދަލުގެ ވާހަކަ އެމްޑީޕީން ފާހަގަކުރި އެވެ. މިކަން ފާހަގަކުރުމުން އެ ބައްދަލުވުމުގައި ބައިވެރިވެވައިގެންނެވި ސަރުކާރުގެ މަންދޫބު ގީލާ ވަނީ، ޑިއޭގޯ ގާސިއާ ގުޅޭ ގޮތުން ސަރުކާރުން ވަކި ގޮތެއް ނުގެންގުޅޭ ކަމަށް ވިދާޅުވި ކަމަށް އެމްޑީޕީން ބުންޏެވެ.
ސަރުކާރުގެ ބަހާއި މަންދޫބުގެ ބަހުގައި ފުށުއެރުންތަކެއް ހުރުމަކީ، ސަރުކާރުގެ ހާމަކަމާއި އިތުބާރާއި ސިޔާދަތީ އެދުންތަކާ މެދު ކަންބޮޑުވުންތަކެއް އުފެދޭ ކަމެއްގެ ގޮތުގައި އެމްޑީޕީން ފާހަގަކުރި އެވެ.
އެމްޑީޕީގެ ވަފުދުން ވަނީ ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު ބަދަލުކުރަން ގެންގުޅޭ ގުޅުން ދަމަހައްޓަން އީޔޫއަށް ބާރުއަޅާފަ އެވެ. އަދި ޑިމޮކްރެސީގެ ހަމަތާކާއި ގާނޫނީ ވެރިކަން ދަމަހައްޓަން މަސައްކަތް ކުރާ ފަރާތްތަކަށް ދޭ އެހީތެރިކަން ދެމުން ދިޔުމަށް ވެސް އެ ވަފުދުން އެދުނު ކަމަށް އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ