ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު އިންނަމާދޫ އިން މާކުރަތު ބަލިކޮށްފި

ރަސްމާދޫގައި މިހާރު ކުރިއަށްދާ "ރ.ވެޓަރަންސް ފުޓްސަލް މުބާރާތް 2025" ގެ ގުރޫޕް ބީގައި މިރޭ ކުޅުނު ދެވަނަ މެޗުގެ ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު 3-2 ގެ ނަތީޖާއަކުން މާކުރަތު ބަލިކޮށް އިންނަމާދޫ އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
މުބާރާތުގެ ގުރޫޕް ސްޓޭޖުގައި އިންނަމާދޫ ކުޅުނު ފުރަތަމަ މެޗުގައި 7-2 ގެ ނަތީޖާއަކުން އިނގުރައިދޫ އަތުން ބަލިވެފައިވާއިރު، ގުރޫޕް ސްޓޭޖުގައި މާކުރަތު ކުޅުނު ފުރަތަމަ މެޗުގައި މީދޫއާ ވާދަކޮށް 3-3 ގެ ނަތީޖާަައަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އިންނަމާދޫ އިންނެވެ. މިލަނޑު މެޗު ފެށިގެން ޱދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު ޝަހާދު އެވެ.
މާކުރަތު އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ހުސެއިން ސިވާދު އެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ މާކުރަތު އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި އެޓީމުގެ އަހުމަދު ޝާފީ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދައިދީފައެވެ.
އިންނަމާދޫ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަލީ ޝިފާއު އެވެ. އަދި މިމެޗުން އިންނަމާދޫ މޮޅުވި ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު ޝަހާދު އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން އިންނަމާދޫ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިންނަމާދޫ މުހައްމަދު ޝަހާދު އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން އިންނަމާދޫއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި މާކުތަރު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ލިބުނު އެއްޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ގުރޫޕް ފުލުގައެވެ.
1 ޖުލައި 2025 އިން 10 ޖުލައި 2025 ގެ ނިޔަލަށް ކުރިއަށް ގެންދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ނުވަ ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ނުވަ ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ގުރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.
މި މުބާރާތުގެ ގޯލްޑް ސްޕޮންސަރ އެެއްގެ ގޮތުގައި އެމްޕީ އިބްރާހިމް ފަލާހް ހިމެނިވަޑައިގަންނަވާއިރު، ބްރައުންޒް ސްޕޮންސަރ އަކަށް މާޅޮސްމަޑުލު އުތުރުބުރީ ކައުންސިލް އިދާރާ ވަނީ ހަމަޖައްސާފައެވެ. 
މީގެ އިތުރުން މުބާރާތުގެ މިނީ ސްޕޮންސަރުންގެ ގޮތުގައި، ފިޝިން ވޮލެޓް ހިމެނޭއިރު، މުބާރާތުގެ ސަޕޯޓް ސްޕޮންސަރުންނަކީ ދަ ބޫޓް ރޫމް، ހިލް މާރޓް ފުލަސް، ޓްރީ ހައުސް، އެލަންޒާ މޯލްޑިވްސް، އަހުރަ ޕްލަސް އަދި ލިންކް ސާރވް އެވެ. 
މުބާރާތުގެ ކިޓް އެންޑް ޕްރިންޓިންގ ޕާޓްނަރަކަށް އިރާ ގާމެންޓްސް ހަމަޖައްސާފައިވާއިރު، ޓްރޮފީ ޕާޓްނަރަކީ ލޭޔާ އެވެ. އަދި ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް މީޑިޔާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ