އެއް ސަރަހެއްގައި މުދަލަށް ދަހިވެތި ރަސްކަލަކު އުޅުނެވެ. ދައުލަތުގެ އެކި ވަސީލަތްތަކާއި، ދައުލަތުގެ އެންމެ މަތީ ވެރިޔާކަމުގެ ބާރު ބޭނުންކޮށްގެން ރައްޔިތުންގެ މުދަލުން އެކި ނަންނަމުގައި ފައިސާ ހޯދައި، އަމިއްލަ ހަޒާނާއަށް ޖަމާކުރަމުން ދިޔަ ރަސްކަލެކެވެ. އެ ރާއްޖެއަށް މައިގަނޑު ގޮތެއްގައި ފައިސާ ލިބެނީ އެހެން ސަހަރުތަކުން އެކި ބޭނުންތަކުގައި އަންނަ ސަފަރުވެރިންގެ އަތުންނެވެ. އެ ދައުލަތުގެ ސަރުކާރު ހިންގުމަށް ފައިސާ ލިބެނީ ސަރުކާރުން ރައްޔިތުންނަށް ދޭ ހިދުމަތްތަކުން ނަގާ ފީއާއި، ރައްޔިތުން ދައްކާ ވާރު ނުވަތަ ޓެކުހުންނެވެ. އެކި ދުވަސްވަރަށް ރައްޔިތުން އަތުން ނަގާ ވާރު އެކި ނިސްބަތުން ބޮޑުކުރުމަކީ މި ރަސްގެފާނުގެ އާދައެކެވެ.
އިގުތިސާދީ ގޮތުން މައިގަނޑު އެންމެ ދާއިރާއަކަށް ބަރޯސާވެފައި އޮތުމުން އެ ސަހަރުގެ މާލީ ހާލަތު އެހައި ރަނގަޅެއް ނޫނެވެ. އެކަމުން އެ ސަހަރަށް ވަންނަ މަންފާއަކީ އެ ސަހަރުގެ ރައްޔިތުންގެ ޒަރޫރަތުތައް ފުއްދޭނޭ މިންވަރުގެ އެކަށީގެންވާ މަންފާއަކަށް ނުވެ އެވެ. އެހެން ނަމަވެސް މިކަމާ ރަސްގެފާނު ފިކުރާއެއް ކުރާ މަންޒަރެއް ނުފެނެ އެވެ. ރަސްގެފާނުގެ އާއިލާގެ އެކި މީހުންނަށާއި، އަރީސުންނަށް އެކި ވަރުން ދައުލަތުގެ ހަޒާނާއިން ވެދުން ކުރަމުން ގެންދިޔަ އެވެ. އެކަމަށްޓަކައި ބޭނުންވާ ފައިސާ ދައްކަން ޖެހެނީ ރަށު ރައްޔިތުންނެވެ. އެކި ނަންނަމުގައި ރައްޔިތުން އަތުން ވާރު އަތުލުމާއި، ހިދުމަތްތަކުން ނަގާ ފީ ބޮޑުކޮށްގެން ރަސްގެފާނުގެ މުއްސަނދިކަން ދިޔައީ އިތުރުވަމުންނެވެ. ރާނީ ގޮވައިގެން ދުނިޔެ ބަލާލަން ދަތުރު ކުރުމާއި، އުފަލާއި މަޖަލުގެ ތެރޭގައި ރަސްގެފާނުގެ ދިރިއުޅުން ވެއަތު ކުރަމުން ގެންދިޔަ އެވެ.
ރައްޔިތުންގެ ކެތްތެރިކަން ދިޔައީ ކޮޅުންލަމުންނެވެ. ރަސްގެފާނާމެދު ނުރުހުންވެ ވާހަކަ ދެއްކުން އިތުރުވަމުން ދިޔަ އެވެ. މިކަން ރަސްގެފާނަށްވެސް ފާހަގަކުރެވިއްޖެ އެވެ. އެއާއެކު ރަސްގެފާނުގެ އަބުރުފުޅުގެ ދިފާއުގައި ތެދުވުމަށް ރަސްގެފާނުގެ ވަޒީރުންނާއި، އެ ދައުލަތުގެ އެންމެހައި މުސާރަވެރިންނަށް އަމުރުކުރައްވައިފި އެވެ.
ދައުލަތުން ބަނޑުހަނޑޫ ލިބިފައިވާ ބަޔަކަށް އެ ނޫން ގޮތެއް ނުވެސް އޮންނާނެތާ އެވެ. ދައުލަތުގެ ނިކަމެތި ކަމާއި، ރައްޔިތުންގެ ދަތި ހާލުގެ ވާހަކަ ދައްކާ ކޮންމެ މީހަކީ ދައުލަތުގެ ދުޝްމަނެއް ކަމަށް ސިފަކޮށް އެ މީހެއްގެ އަބުރު ކަތިލަމުން ގެންދެ އެވެ. އެ މީހުންގެ އޮތީ އެންމެ ވަޒީފާއެކެވެ. ދައުލަތުގެ މާލީ ގާބިލުކަން ހުރި މިންވަރުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމެވެ. ބިލިއަނުގެ އަގުހުރި ތަރައްގީގެ މަޝްރޫއުތަކާއި، ކޮންމެ ރައްޔިތަކަށް ލިބޭން އުޅޭ މޮޅުތަކުގެ ވާހަކައިން ހަގީގަތް ފޮރުވުމެވެ. މިކަމުގައި މުސާރަވެރިން ހިސާބަކަށް ކާމިޔާބު ވެސް ހޯދައިފި އެވެ. އެހެންނަމަވެސް ހަގީގަތް ވަންހަނާ ކުރެވޭނީ ވަކި ވަރަކަށްތާ އެވެ.
ރައްޔިތުން ކެކި އަރައިގަންނަ ހިސާބަށް ދިއުމުން ރަސްގެފާނު އަމިއްލަފުޅަށް ނުކުމެވަޑައިގެން ރައްޔިތުންނާ މުހާތަބުކޮށް ވާހަކަ ދައްކަ އެވެ. ރައްޔިތުންނަށް ބޭނުންޖެހިފައި އޮތް އެތައް ކަމެއް ފަހިކޮށްދީފީމެވެ. އަދިވެސް އެތައް ކަމެއް މިގެންދަނީ ރާވަމުންނެވެ. ރައްޔިތުންނަށް ކުރިއަށް އޮތީ އުފާފާގަތިކަމެވެ. މިހާރު ލިބިފައިވާ ފެހި ސިގުނަލްތަކަށް ބަލާއިރު ކުރިއަށް އޮތީ އުފާވެރިކަމެވެ. ރައްޔިތުން ގަބޫލުކުރާށެވެ. ތިޔަ އުޅެވެނީ ވަރަށް އުފަލުގަ އެވެ.
ދައުލަތުން ލިބެންޖެހޭ ފައިސާ ނުލިބިގެން، އެބައެއްގެ ވިޔަފާރި ހުއްޓިފައި ތިބި އެތައް ބަޔަކު އެ ވާހަކަ ދެއްކި މަޖިލީހުގައި އެ އަޑުއަހަން ތިއްބެވެ. ދައުލަތުން ހޯދި ހިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ދައްކާނޭ ގޮތެއް ނޭނގިފައި ތިބި މީހުން ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައި ތިއްބެވެ. މިއުޅެވެނީ އުފަލުގައި ކަމަށްވާނަމަ ހާލުގައި އުޅުމަކީ ކޮބައިބާވައޭ އެކަކު އަނެކަކާ ސުވާލު ކުރި އެވެ.
މި މަޖިލީހުގައި ތިބި މީހުންގެ ތެރެއިން ދެ މީހަކު މި ރަސްގެފާނަށް ލަގާއެއް ދޭން ރާވައިފި އެވެ. ރަސްގެފާނަކީ ރީތި ކަމާއި ހުރިހައި މޮޅަކަށް ލޯބިކުރާ ރަސްކަލެއްކަން މިބައިމީހުން ދަނެ އެވެ.
އަނެއް ދުވަހުގެ އިރު އެރުމާއެކު މި ދެމީހުން ސިފަ ބަދަލުކޮށްގެން ރަސްގެފާނުގެ ދަރުބާރަށް ގޮސް ބުނެ އެވެ. ތިމަންނާމެންނަކީ ދުނިޔޭގެ ރަސްރަސްކަލުންނަށް މޮޅު ހެދުން ތައްޔާރުކޮށްދޭ ބަޔަކީމު އެވެ. މިހައިތަނަށް ހެދުން ފަހައިދިން ކޮންމެ ރަސްކަލަކު ވަނީ އެ ހެދުމުގެ މޮޅުކަމާއި ރީތި ކަމުން އެ ރަސްކަލުންގެ ހަޒާނާއިން އެތައް ބައިވަރެއް ތިމަންނާމެންގެ މައްޗަށް ހޭދަކޮށްފަ އެވެ. ރަސްގެފާނު ވިސްނަން ހުރެފައި ބުނެ އެވެ. ތިޔަހައި މޮޅު ހެދުމެއް ނަމަ ތިޔަ ހެދުމެއް އަހަރެންނަށް ހައްގެވެ. މަސައްކަތާއިގެން ކުރިއަށް ދާށެވެ.
މި ދެމީހުން ބުންޏެވެ. ރަސްގެފާނެވެ. މިއީ ކޮންމެކޮންމެ ރަސްކަލަކަށް ބޭނުންކުރެވޭނޭ ހެދުމެއް ނޫނެވެ. އެހެނީ މި ހެދުމުގެ ފޭރާން ފެންނާނީ، އަދި މި ހެދުމުގައި ހުންނަ މީހާވެސް ފެންނާނީ ހަމައެކަނި އަމާނާތްތެރިންނަށެވެ. ރައްޔިތުންގެ ލޯބި ލިބިފައިވާ ރަސްރަސްކަލުންނަށެވެ. ރަސްގެފާނުގެ ދަރުބާރުގައި އެވަގުތު ތިބި ވަޒީރުން ކުރިއަށް ޖެހިލައި ބުނެ އެވެ. އަހަރުމެންގެ ރަސްގެފާނުގެ ތިޔަ ޝަރުތުތައް ފުރިހަމަވާ ކަމާމެދު ކުޑަވެސް ހިލާފެއް ނެތެވެ. ވަޒީރުންގެ ވާހަކައިން ހިތްވަރު ލިބިގަނެ، މަސައްކަތް ކުރިއަށް ގެންދިއުމަށް ރަސްގެފާނު މި ދެމީހުންނަށް އަންގައިފި އެވެ.
ދުވަހެއްގެ މަސައްކަތުން މި ދެމީހުން ހެދުން ތައްޔާރުކޮށްފި އެވެ. ރަސްގެފާނު އަނެއް ދުވަހު ހެނދުނު މި މީހުންނާ ބައްދަލުކުރުމުން މި މީހުން އަތުގެ އިޝާރާތުން ރަސްގެފާނަށް އެ މީހުން ތައްޔާރުކުރި ހެދުން ދައްކަ އެވެ. މޫނު މަތިން ފެންނަނީ ފަހުރުވެރިކަމެވެ. މި މީހުން ބުނެ އެވެ. ރަސްގެފާނަށް ތައްޔާރު ކުރެވުނު މަލްމަލް ފޮތީގެ މޮޅު ފޭރާން މިއޮތީ އެވެ. އެ ލިބާހުގެ ތިރީކައިރިން މަޅާފައިވާ ބައިގައި ބޭނުންކޮށްފައި އެހުރީ ހާލިސް ރަނުގެ ރޮއްޖެވެ. ލިބާހުގެ ގިރުވާނުގައި އެހުރި ގަދަ ރަތްކުލައާއި ރީދޫކުލައިގެ ފޮތީގެ މަތީގައިވެސް އެވަނީ ރިހި ރޮއްޖެވެ. ޗާލެއް ނޫންހެއްޔެވެ؟
މި ދެމީހުން އަތުގެ އިޝާރާތުން އެ ދައްކާ ހެދުމެއް ރަސްގެފާނަކަށް ނުފެނެ އެވެ. އެކަމަކު، އެ ހެދުން ނުފެންނާނީ އަނިޔާވެރި، އަދި އަމާނާތްތެރިކަމެއް ނެތް ރަސްކަލަކަށް ކަމަށް މި މީހުން ބުނެފައިވާ ބަސް ކުއްލިއަކަށް ހަނދާން ވުމުން ރަސްގެފާނު ބުނެ އެވެ. ތިޔަ ހެދުން ނިކަން ޗާލެވެ. މަގޭ ވަޒީރުންނަށްވެސް ވާނީ ދައްކާށެވެ. ވަޒީރުން އައުމާއެކު ރަސްގެފާނު މި ވަޒީރުންނަށް ބުނެ އެވެ. މި ދެމީހުން ފަހާފައި މިއޮތް ހެދުމާމެދު ތިޔަ ވަޒީރުންގެ ހިޔާލަކީ ކޮބައިހެއްޔެވެ؟ ގިރުވާނުގައި އެހުރި ރިހީގެ ރޮއްޖާއި، މި ހެދުމުގެ ކުލައާމެދު ވިސްނުމަކީ ކޮބައިހެއްޔެވެ؟ ވަޒީރުން ވެސް ހަނދާންވީ މި ހެދުމުގެ ހާއްސަ ކަމެވެ. ހެދުން ފެންނާނީ އަމާނާތްތެރިންނަށެވެ. އެކަން ހަނދާންވުމާއެކު ވަޒީރުން ބުންޏެވެ. ރަސްގެފާނެވެ. ތިޔަފަދަ ޗާލު ހެދުމެއް ތިމަންނާމެން މުޅި އުމުރުގައިވެސް ނުދެކެމެވެ.
ވަޒީރުންނަށް މި ހެދުން ފެންނަ ކަމުގެ ކަށަވަރުކަން ލިބުމުން ރަސްގެފާނު މި ހެދުން ލުމަށް އެއްބަސްވެއްޖެ އެވެ. ހެދުން ފެހި ދެމީހުންގެ އަތުން ހެދުން ދިއްކޮށްލާގޮތަށް އިޝާރާތް ކުރުމުން އެ ހެދުމުގައި ހިފާ ކަމަށް ރަސްގެފާނު ވެސް އިޝާރާތްކޮށްފި އެވެ. އޭގެ ފަހުން އެކަހެރިވެލުމަށްފަހު ރަސްގެފާނު ދަރުބާރަށް ނުކުތީ އެ މޮޅު ހެދުން ލައިގެންނެވެ. ރޯ ބަރަހަނާ ހާލުގަ އެވެ. މި މަންޒަރު ފެނުމާއެކު ހެދުން ފެހި މީހުން ބުނެ އެވެ. ތިޔަ ހެދުން ރަސްގެފާނާ ވަރަށް ގުޅެ އެވެ. ވަޒީރުން ބުނާނޭ އެއްޗެއް ނޭނގި އަނގަހުޅުވިފައި ތިބެ، އެކަމަށް އެއްބަސްވެ ތިބާއީ ހަމަ ތެދެކޭ ބުންޏެވެ. ރަސްގެފާނު ކޮޅުނެތްކޮޅަށް އުފާވެ ހުރެ، އާދައިގެ މަތިން ދުވަސް ފަށައިފި އެވެ.
ދުވަހުގެ ފުރަތަމަ ހަރަކާތަކީ ރަސްގެފާނުގެ ބޮޑުކަން ދައްކާލުމަށް ބާޒާރަށް ދިއުމެވެ. ރައްޔިތުންގެ ހާލު ބެލުމުގެ ނަމުގަ އެވެ. ރަސްގެފާނު ހެއްދެވި ގޮތަށް ހުރެ ބާޒާރުގައި ހިނގަމުން ދެ އެވެ. މީހުންތައް ރަސްގެފާނަށް ބަލައި ބިނދިބިނދިފައި ހެނީ އެވެ. ބާޒާރުގައި އުޅުނު އަންހެންވެރީން އެ މަންޒަރު ނުބަލާން ވެގެން އަނެއް ފަރާތަށް މޫނު އަނބުރައިގެން ތިބެ ވައްކަޅިން ރަސްގެފާނަށް ބަލަމުންދިޔަ އެވެ.
ވެގެން މިއުޅޭ ގޮތް ރަސްގެފާނަށް ސާފުވީ ދެނެވެ. ލަދުން ވިރިވިރި ހުއްޓައި އެއްކަލަ ހެދުން ފެހި ދެ މީހުން ރަސްގެފާނުގެ ކުރި މައްޗަށް އަރައި ބުނެ އެވެ. މާތް ރަސްގެފާނެވެ. ރައްޔިތުން މިތިބީ ވަރަށް އުފަލުގައިކަން ރައްޔިތުން ގަބޫލުކޮށްފީމެވެ. ރަސްގެފާނު ތިޔަ ހުންނެވީ މޮޅު ފޭރާމެއް ލައިގެންކަމަށް ރަސްގެފާނު ގަބޫލުކޮށްލާށެވެ.
ބުނީމާ ގަބޫލުކުރާށެވެ. ރައްޔިތުން ތިޔަ އުޅެނީ ނުލާހިކު އުފަލުގަ އެވެ. ބުނީމާ ގަބޫލުކުރާށެވެ. ރައްޔިތުން ތިޔަ އުޅެނީ ނުލާހިކު އުފަލުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ