ހަނގުރާމައާ ގުޅިގެން އުފެއްދި ކޮމިޓީގެ ޗެއާއަކަށް ޒަމީރު

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތައް ދެނެގަނެ، އެކަމާ ގުޅިގެން އަޅާނެ ފިޔަވަޅުތައް ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ވަޒީރުންގެ ހާއްސަ ކޮމިޓީ އަލުން އެކުލަވާލައި، އެ ކޮމިޓީގެ ޗެއާއަކަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި، އެ ކޮމިޓީގެ އެކުލަވާލުމަށް ބަދަލު ގެންނަން ޖެހުނީ ސަރުކާރުގެ މިނިސްޓްރީތަކުގެ އަދަދު 20 އިން 15 އަށް މަދުކޮށް، ކެބިނެޓަށް މި ހަފުތާގައި ގެނައި ބަދަލުތަކާ ގުޅިގެންނެވެ. މި ނިންމުން ނިންމާފައިވަނީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ކޮމިޓީގެ ޗެއާގެ މަގާމުގައި ކުރިން ހުންނެވީ އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ.
ނަމަވެސް، މިދިޔަ އަންގާރަ ދުވަހު ސަރުކާރުގެ މަގާމުތަކުން އިސްތިއުފާ ދެއްވި 10 ވަޒީރުންގެ ތެރޭގައި ޑރ. ހަލީލް ހިމެނިވަޑައިގަންނަވާތީ، ކޮމިޓީގެ އިސްވެރިޔާގެ މަގާމަށް މިވަނީ ބަދަލު ގެނެސްފައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ރައީސް އުފެއްދެވި މި ކޮމިޓީގެ މައިގަނޑު މަގްސަދަކީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ރައްޔިތުންނަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން ސަލާމަތްވުމަށް ދުރާލާ ތައްޔާރުވުމެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ