ކާރިސާތަކުން އަރައިގަތުމުގެ މަޝްރޫއަށް ވޯލްޑް ބޭންކް ދޭ ފައިސާގެ ބޮޑު ބައެއް ކެންސަލްކޮށްފި

ވިއްސާރައާ ގުޅިގެން މަގުތައް ފެންބޮޑުވުމާއި މޫސުމީ ބަދަލުގެ ސަބަބުންނާއި ކާރިސާތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެއްބަސްވި ބޮޑު މަޝްރޫއަށް ދޫކުރާ ފަންޑުގެ %60 ކެންސަލްކުރިކަން މިދިޔަ ހޮނިހިރު ދުވަހު ނެރުނު އޮޑިޓް ރިޕޯޓަކުން ހާމަވެއްޖެ އެވެ.
ވީކިހިނެއް؟ - މި މަޝްރޫއު ގެންދަން ބޭނުންވާ ފައިސާ، ވޯލްޑް ބޭންކުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޫކުރާ ގޮތަށް އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ސަރުކާރުގެ ދުވަސްވަރު 28 އޭޕްރީލް 2020ގަ އެވެ. އެ ގޮތުން:
މުޅި މަޝްރޫއުގެ ޖުމުލަ ފަންޑަކީ 16.5 މިލިއަން ޑޮލަރު
8.25 މިލިއަން ޑޮލަރަކީ ހިލޭ އެހީ؛ 8.25 މިލިއަން ޑޮލަރަކީ ލޯނު
ޕްރޮޖެކްޓްގެ ނަމަކީ މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރިސައިލަންސް ޕްރޮޖެކްޓު
ތަފްސީލް - މި މަޝްރޫއުގެ މަސައްކަތްތައް ހިނގި ގޮތް އޮޑިޓްކުރުމަށް ފަހު، އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައިވާ ގޮތުން %60 ކެންސަލްކުރީ މި ސަރުކާރުން ސިޔާސަތުތަކަށް ގެނައި ބަދަލުތަކެއްގެ ސަބަބުން ކަމަށެވެ. އެ ގޮތުން:
ފަންޑުގެ 9.85 މިލިއަން ޑޮލަރު ވަނީ ކެންސަލްކޮށްފައި
ފަންޑުގެ ބާކީ އޮތީ 6.65 މިލިއަން ޑޮލަރު
ފަންޑުން ދޫކުރުމަށް ކެންސަލްކުރި ބައިތަކަކީ:
ވާރޭ ފެން ހިންދާ ނިޒާމު ސްޓޯމް ވޯޓާ ޑުރައިނޭޖުގެ މާސްޓާ ޕްލޭން
ފެން ރައްކާތެރިކަމާއެކު ނައްތާލަން ބޭނުންކުރާ ޓްރީޓްމަންޓް ޕްލާންޓް
އަލިފާން ނިއްވުމުގެ ނިޒާމު ހަރުދަނާކުރުމުގެ މަޝްރޫއު
ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ އާ އިމާރާތް
ނުރައްކާތެރި މާއްދާތަކުން ރައްކާތެރިކޮށްދޭ ހަޒުމަތު ސީޓް ފަދަ ސާމާނު
އިލެކްޓްރޯނިކް ކޮންސްޓްރަކްޝަން ޕާމިޓް މެނޭޖުމަންޓް ސިސްޓަމް
އާންމުންގެ ދިރިއުޅުމާ ސީދާ ގުޅުން ހުރި މި މުހިންމު މަޝްރޫއުގެ ފަންޑުގެ ބޮޑު ބައެއް ކެންސަލްވީ، އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދެ ސަރުކާރުގެ ވެސް ޕްލޭނިންގެ ފެންވަރު ނެތުމުންނެވެ. އަދި އެއް އިދާރާ އާއި އަނެއް އިދާރާގެ ދެމެދު މުއާމަލާތް ކުުރުން ރަނގަޅު ނުވުމުގެ ސަބަބުންނެވެ.
ފާހަގަކޮށްލެވޭ ކަމެއް - އެންޑީއެމްއޭގެ އާ އިމާރާތުގެ ފަންޑު ދޫނުކޮށް ވޯލްޑް ބޭންކުން ހިފެހެއްޓީ، ކުރީ ސަރުކާރުން ފެށިގެން ވެސް އެ ކަމަށް ސަރުކާރުން ކަނޑައެޅި ހުޅުމާލޭގެ އިމާރާތުގެ މިލްކުވެރިކަން އެޗްޑީސީން އެންޑީއެމްއޭއަށް ބަދަލުނުކޮށް އޮތުމުންނެވެ.
މިދިޔަ އަހަރު އޮޑިޓް އޮފީހުން ނެރުނު ރިޕޯޓެއްގައާއި ފަހުން ނެރުނު ރިޕޯޓްގައި ވެސް މި ކަން ފާހަގަކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ