ޔޫރަޕިއަން ޕާލިމަންޓުން ދެކުނު އޭޝިއާއަށް ކަނޑައަޅާފައިވާ ޑެލިގޭޝަނާއެކު ބޭއްވި ބައްދަލުވުމުގައި ޑިއޭގޯ ގާސިއާ ހިމެނޭހެން ޗާގޯސްގެ ރަށްތަކަށް ސަރުކާރުން ދައުވާ ނުކުރާ ކަމަށް ބުނި ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި އެވެ.
ވީކިހިނެއް؟ - އޮންލައިންކޮށް އެ ޑެލިގޭޝަނާއެކު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ:
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް
ޝައުނާ އާއި މީކާއީލް އަކީ އެމްޑީޕީގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ހިމެނޭ ދެ މެންބަރެއް
ސަރުކާރުގެ ފަރާތުން އީޔޫއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގީލާ އަލީ
ތަފްސީލް - އެ ބައްދަލުވުމާ ގުޅޭ ގޮތުން އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ޑިއޭގޯ ގާސިއާއަށް ސަރުކާރުން ދައުވާ ނުކުރާ ކަމަށް ސަފީރު ގީލާ އަލީ ވިދާޅުވި ކަމަށް ފާހަގަކުރަމުން އެމްޑީޕީން ބުނެފައި ވަނީ ޕީޕީއެމް، ޕީއެންސީން އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް އިރު، އެ ރަށްތަކަކީ ރާއްޖޭގެ މިލްކުވެރިކަން އޮތް ތަނެއް ކަމަށް ވަކާލާތުކުރަމުން އައި ކަމަށެވެ.
ސަރުކާރުން ހާރިޖީ ގުޅުންތަކާއި އިސްތިގުލާލާއި މިނިވަންކަމަށް ގެންގުޅޭ ސިޔާސަތުތަކުގައި އެއްވެސް ހާމަކަމެއް ނެތް ކަމަށާއި ވަރަށް ބޮޑަށް ސިޔާސީ މަގުސަދުތަކެއް ހާސިލްކުރުމަށް އެ ސިޔާސަތުތައް ބޭނުންކުރަމުންދާ ކަމަށް އެމްޑީޕީން ބަޔާނުގައި ތުހުމަތުކުރި އެވެ.
ޗާގޯސްގެ ރަށްތަކަށް ގެންގުޅޭ ސްޓޭންޑަކީ އޭގެ އެއް މިސާލު ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން އީޔޫގެ ވަފުދާ ހިއްސާކުރި އިތުރު ކަންބޮޑުވުންތަކަކީ:
ސަރުކާރާއި މަޖިލީހުގެ މަސްލަހަތު އޮތް މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް ދެ ފަނޑިޔާރަކު ވަކިކުރުމުން ސުޕްރީމް ކޯޓާއި ޖުޑީޝަރީގެ ބާރު ވަނީ ކެނޑިފައި
ޕާޓީން ވަކިކޮށް މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ސަބަބުން މަޖިލީހުގެ ބާރެއް ވެސް؛ މަޖިލީހުގައި ތިބި މަދު އިދިކޮޅު މެންބަރުންގެ ވެސް އަޑު ކަނޑުވައިލުމަށް އިޖުރާއަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދޭ
މިދިޔަ ސަރުކާރުގައި ކޮރަޕްޝަނާއި މައްސަލަތައް ރިޕޯޓްކުރުމަށް ހެދި ވިސްލްބްލޯވާ ޕޯޓަލް ޑައުންކޮށް؛ ވަކިވަކި ބްރޯޑްކާސްޓަރުންނާއި ނޫސްވެރިންނަށް އިންޒާރު ދިނުން ގިނަ
ސަރުކާރުގެ މާލީ ހާމަކުރުމެއް ނެތް އަދި އަންނަ އަހަރު ދައްކަން ޖެހޭ ދަރަނިތައް ދެއްކުމަށް ފައިސާ ހޯދުމަށް ހަރުދަނާ ސިޔާސަތެއް ގެންގުޅޭ ތަނެއް ނުފެނޭ
2028ގެ ރިޔާސީ އިންތިހާބުގެ ކުރިއަށް އިންތިހާބީ ނިޒާމުތަކަށް ސަރުކާރުން ގެންނަން އުޅޭ ބަދަލުތަކާއި މުއައްސަސާތަކުގެ ބާރު ނެތް ހާލަތުގައި، އިންތިހާބުގެ ހަމަހަމަކަމާ މެދު ސުވާލު އުފެއްދުމުގެ ޖާގަ ބޮޑު
ފާހަގަކޮށްލެވޭ ކަމެއް - ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރު ރާއްޖެއަށް މާ ހައްގުކަން ފާހަގަކުރައްވައި އިނގިރޭސިވިލާތުގެ ސަރުކާރަށް ރައީސް މުހައްމަދު މުއިއްޒު ސިޓީއެއް ވެސް ފޮނުވި ކަމަށް ވިދާޅުވެފައިވެ އެވެ. އަދި އެ ރަށްތައް ހޯދުމަށް މަސައްކަތް ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
މިފަހުން އިނގިރޭސިވިލާތާ މޮރިޝަސްއާ ދެމެދު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ޗާގޯސްގެ ރަށްތަކުގެ މިލްކުވެރިކަން ވަނީ މޮރިޝަސްއާ ހަވާލުކޮށްފަ އެވެ.
އެނގުން މުހިންމު - އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ މައި އޮފީހުގައި 28 އޭޕްރީލް 2024ގައި ވަނީ، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް ހުކުމްކޮށްފަ އެވެ. އެއާ އެކު، ފުށުއަރާ ސަރަހައްދުން ބޮޑު ބައެއް ރާއްޖެއަށް ލިބުނެވެ.
އިޓްލޮސް އިން ނިންމީ ދެ ގައުމުގެ ދެމެދުގައި ބަހަން ޖެހޭ 92،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުން:
ރާއްޖެއަށް - 47،232 އަކަ ކިލޯމީޓަރު
މޮރިޝަސްއަށް - 45،331 އަކަ ކިލޯމީޓަރު
ނަމަވެސް، އިދިކޮޅުގައި އޭރު ތިބި އަދި މިހާރު ވެރިކަން ކުރާ ޕީޕީއެމް-ޕީއެންސީން ތުހުމަތުކުރީ، އެ ހުކުމާ އެކު ދެކުނުގެ އިގްތިސާދީ ސަރަހައްދުން މުހިންމު އަދި ބޮޑު ބައެއް ގެއްލިފައިވާ ކަމަށެވެ. ކަނޑު ހޯދުމުގެ މަސައްކަތުގައި އިދިކޮޅުން ކުރި މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ ވެސް މުނައްވަރެވެ.
ސަރުކާރާ ހަވާލުވުމާ އެކު، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ވެސް ގެއްލުނު ކަމަށް ބުނާ ކަނޑުގެ ބައި ހޯދުމުގެ މަސައްކަތް ހިމަނައި އެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ފެށި އެވެ. އެ މަސައްކަތަށް ހާއްސަ ކޮމިޓީއެއް ނަގައި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ވެސް ހޯދި އެވެ.
އެކަމަކު އަދި އަދަށް ދާންދެން ވެސް އިޓްލޮސްގެ ނިންމުން މުރާޖައާކުރުމަށް ސަރުކާރުން ހުށަހަޅާފައެއް ނުވެ އެވެ.
އީޔޫ ޕާލިމެންޓު ވަފުދުގެ ބައްދަލުވުމުގައި ޗާގޯސް ހޯދަން ވަކާލާތު ނުކުރާކަމަށް ސަރުކާރުން ބުނި: އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ