އައްޑޫ ކަރަންޓު މައްސަލަ ހައްލުކޮށްދެވޭނީ ސީދާ ރައީސަށް

އައްޑޫ ސިޓީގެ ކަރަންޓު މައްސަލަ ހައްލުކޮށްދެވޭނީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކަމަށް، އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވެފައިވާއިރު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ އައްޑޫގެ ކަރަންޓުގެ މައްސަލަ ފެނަކަ ކުންފުންޏަށް ހައްލު ނުކުރެވޭނެ ކަމަށާއި އެއީ ސަލާމަތް ކުރަން ނޭނގި ބަގުރޫޓު ކުރެވިފައިވާ ކުންފުންޏެއް ކަމަށެވެ.
"މިކަން ހައްލު ކޮށްދެވޭނީ ސީދާ ރައީސް މުއިއްޒަށް. އައްޑޫ ރައްޔިތުންނަށް ކަރަންޓާއި، ފެނާއި، ނަރުދަމާ މިއީ މުސީބަތަކަށް ހަދައި ކަހާތަން ހިރުވައި ނުލާ ތިބުމަކީ ވެވަޑައިގެންނެވި ވައުދު ހަނދާން ނެތޭނެ ކަމެއް ނޫން،" ނިޒާރު ވިދާޅުވި އެވެ.
ފެނަކަ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ޖެންސެޓްތަކަށް ބޭނުންވާ ސްޕެއާ ޕާޓްސް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ސްޕެއާ ޕާޓްސް ލިބި، އެއް ޖެންސެޓުގެ މައްސަލަ މިއަދު ހައްލުވާނެ ކަމަށެވެ.
އަދި ސްޕެއާ ޕާޓްސް ލިބުނުހާ އަވަހަކަށް، ދެން ހުރި ޖެންސެޓުތައް ހައްލުކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށާއި މި މައްސަލަ ހައްލުވަންދެން ކަރަންޓު ލޯޑް ހިފެހެއްޓުމަށްޓަކައި، ގުޅިފައިވާ ރަށްތަކުގެ އެކި ސަރަހައްދުތަކުން، އެކުލަވާލެވޭ ތާވަލާއި އެއްގޮތަށް، ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
މިކަމުގެ ސަބަބުން އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށާއި މި މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކޮށް ކަރަންޓުގެ ހިދުމަތް އާއްމު ހާލަތަކަށް ގެންނަން މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށްވެސް ފެނަކަ އިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ