ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުތަކުން އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ ފަސް ކުޅުންތެރިން ފެނިގެންދިޔަ

އެމެރިކާ އާއި ކެނަޑާ އަަދި މެކްސިކޯގައި މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފެށި ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ 48 ގައުމުން މިހާތަނަށް ވަނީ ކޮންމެ ޓީމަކުން އެއް މެޗު ކުޅެފަ އެވެ. އެކި ގޮތްގޮތުން މިހާރު ވެސް މި ފަހަރުގެ ވޯލްޑް ކަޕް ހާއްސަވެފައިވާއިރު، މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ފަސް ގައުމަކުން އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ ކުޅުންތެރިން ވަނީ ފެނިގެންގޮސްފަ އެވެ. 
އެ ފަސް ކުޅުންތެރިންނަކީ، ޕޯޗުގަލްގެ ގޯލްކީޕަރު ޑިއޯގޯ ކޮސްޓާ، ނިއު ޒީލެންޑުގެ މިޑްފީލްޑަރު ސަރްޕްރީތު ސިންގް، ގަތަރުގެ ފޯވާޑް ތަހުސިން ޖަމްޝީދު، އޮސްޓްރޭލިއާގެ ފޯވާޑް ނިޝާން ވެލުޕިއްލޭ އަދި ކޮންގޯގެ ސޭމް މުއްތުސާމީ އެވެ. 
މީގެ ތެރެއިން، ޕޯޓޯ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކީޕަރު ކޮސްޓާގެ މާމަ އާއި ކާފަ ނިސްބަތްވަނީ އިންޑިއާެގެ ފުޓްބޯޅައިގެ މަޝްހޫރު ސަރަހައްދެއް ކަމަށްވާ ގޯއާ އަށެވެ. ކޮސްޓާ ނުކުމެފައިވަނީ މި ފަަހަރުގެ ވޯލްޑް ކަޕްގައި ކޮންގޯއާ ދެކޮޅަށެވެ. އެ މެޗުގައި ކޮންގޯ ޓީމުގެ މެދުތެރޭގައި މޮޅު ކުޅުމެއް އެ މެޗުގައި ދެއްކި މުއްތުސާމީގެ ބައްޕަ ނިސްބަތްވަނީ ޓަމިލް ސަރަހައްދަށެވެ. އެހެންކަމުން، އެއް މެޗެއްގައި އިންޑިއާ ދަރިކޮޅުގެ ދެ ކުޅުންތެރިންގެ ކުރިމަތިލުން ފެނިގެންދިޔައީ އެވެ. 
ނިއު ޒީލެންޑާއި އިރާން ބައްދަލުކުރި މެޗު އެއްވަރުވިއިރު، އެ މެޗުގައި ނިއު ޒީލެންޑުގެ ޕްލޭމޭކަރަކަށް ކުޅުނު ސަރްޕްރީތަކީ އިންޑިއާގެ ޕަންޖާބު ސަރަަހައްދަށް ނިސްބަތްވާ ދެމަފިރިއަކަށް ލިބުނު ދަރިއަކެެވެ. ނިއު ޒީލެންޑުގެ އެކި ޓީމުތަކަށް މިހާތަނަށް ވެސް އޭނާ ވަނީ ކުޅެފަ އެވެ.
ގަތަރުން ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުން ތާރީހީ ޕޮއިންޓެއް ހޯދިއިރު، އެ ޓީމުގައި ހިމެނޭ އިންޑިއާ ދަރިކޮޅުގެ ތަހުސިން އެ މެޗުގައި ކުޅެފައިނުވެ އެވެ. އެޓޭކުގެ ކޮންމެ މަގާމަކަށް ކުޅެވޭ ތަހުސިން އަކީ އިންޑިއާގެ މަލަޔާލީ އާއިލާ އަކަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. 
ތުރުކީގެ މައްޗަށް އޮސްޓްރޭލިއާ އިން ކުރިހޯދިއިރު، އެ މެޗުގައި އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ ވެލުޕިއްލޭ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޮސްޓްރޭލިއާ ޓީމަށް ކުޅެފަ އެވެ. އޭނާ އަކީ އިންޑިއާގެ ޓަމިލް އާއިލާ އަކަށް ނިސްބަތްވާ ކުޅުންތެރިއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ