ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ބޭންކުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި މަސް ނިމުމުގެ ކުރިން ކަސްޓަމަރުންނަށް އޭގެ ފައިދާ ލިބޭނެ ކަމަށް ބީއެމްއެލް އިން މިއަދު ބުނެފި އެވެ.
ވިޔަފާރިއަށާއި އާންމު ބޭނުންތަކަށް ބޭނުންވާ ވަރަށް ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން، ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. ބޭންކަށް ލިބޭ ޑޮލަރަށް ވުރެ ޑޮލަރުގެ ޑިމާންޑް ބޮޑުވެ، މިދިޔަ މަހުން ފެށިގެން ދިވެހި ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ އީ-ކޮމާސް އަދި އޮންލައިން މުއާމަލާތްތައް ކުރުމުގައި ބީއެމްއެލް އިން ވަނީ ހިފެހެއްޓުންތަކެއް ގެންގުޅެފަ އެވެ.
ނަމަވެސް، އެ ގޮންޖެހުންތަކަށް ހައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ފަހުން ވަނީ ވިދާޅުވެފަ އެވެ.
މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން، ރާއްޖޭން ބޭރަށް ދަތުރުކުރާ މީހުންނަށް ޕީއޯއެސް މެދުވެރިކޮށް މަހަކު 1,000 ޑޮލަރާ ހަމައަށް މުއާމަލާތް ކުރެވެ އެވެ. އެއާލައިން ޓިކެޓާއި ހޮޓާ ބުކިން އަދި ހޮސްޕިޓަލްތަކަށް ދައްކާ ފައިސާ އަށް މަހަކު 3,000 ޑޮލަރުގެ ލިމިޓެއް ލިބެ އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި، އެ މި ލިމިޓްތަކަށް އެ އަދަދަށް ބޮޑުކުރި ފަހުން ބަދަލެއް ގެނެސްފައެއް ނުވާނެ އެވެ. އަދި، ބޭސްފަރުވާ ނުވަތަ ތައުލީމީ ކަންކަމަށް ފައިސާ ފޮނުވުމުގައި ދަތިވާ މީހުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ރާއްޖޭގެ ގައުމީ ބޭންކުން ބުންޏެވެ.
ބީއެމްއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެ ބޭންކުން ވިއްކާ ޑޮލަރުގެ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
• މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި 345 މިލިއަން ޑޮލަރު ވިއްކި.
• މީގެ ތެރެއިން 198 މިލިއަން ޑޮލަރު ވިއްކާފައި ވަނީ ކާޑު މުއާމަލާތްތަކަށް.
• ވިޔަފާރިތަކަށް 147 މިލިއަން ޑޮލަރު ވިއްކާފައިވޭ.
• މަހެއްގެ މައްޗަށް އެވްރެޖްކޮށް 69 މިލިއަން ޑޮލަރު ވިއްކާފައިވޭ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 47 ޕަސެންޓުގެ އިތުރުވުމެކެވެ.
ބީއެމްއެލްގެ އޮފިޝަލް ފާހަގަކުރެއްވި ގޮތުގައި، ކަސްޓަމަރުންގެ ބޭނުންތައް ފުއްދުމަށްޓަކައި ވީހާ ވެސް ގިނަ އަދަދަކަށް ބޭރު ފައިސާ ފޯރުކޮށްދިނުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ މަަސައްކަތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެސް އެހީތެރިކަން ފޯރުކޮށް ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
ރާއްޖޭގައި ހިންގާ އެހެން ބޭންކުތަކާ އަޅާބަލާއިރު، ދިވެހި ރުފިޔާކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރުމަށް އެންމެ ބޮޑު ލިމިޓެއް ދެނީ ބީއެމްއެލް އިންނެވެ.
މި މަސް ނިމުމުގެ ކުރިން ޑޮލަރު ލިމިޓަށް ލުޔެއް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ