މަސް ނިމުމުގެ ކުރިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނަން: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މި މަސް ނިމުމުގެ ކުރިން ކާޑުތަކުގެ ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަށް ލުޔެއް ދޭނެ ކަމަށް ބުނެފިއެވެ. ބީއެމްއެލްއަށް ލިބޭ ޑޮލަރަށްވުރެ، ޑޮލަރުގެ ޑިމާންޑް ބޮޑުވުމުގެ ސަބަބުން، މިދިޔަ މަހުން ފެށިގެން ދިވެހި ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ އީ-ކޮމާސް އަދި އޮންލައިން މުއާމަލާތްތައް ކުރުމަށް ބީއެމްއެލްއިން ވަނީ ލިމިޓުތަކެއް ކަނޑައަޅައިފައެވެ. އެ ލިމިޓްތަކާ ގުޅޭ ގޮތުން ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ، ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ބޭންކުން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން ކަސްޓަމަރުންނަށް އެކަމުގެ ފައިދާ ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން، ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ޕީއޯއެސް މެދުވެރިކޮށް މަހަކު 1,000 ޑޮލަރާ ހަމައަށް މުއާމަލާތް ކުރެވެއެވެ. މީގެ އިތުރުން، އެއާލައިން ޓިކެޓް، ހޮޓެލް ބުކިންގް އަދި ހޮސްޕިޓަލްތަކަށް ދައްކާ ފައިސާއަށް މަހަކު 3,000 ޑޮލަރުގެ ލިމިޓެއް ލިބެއެވެ. ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ބޭންކުން ވިއްކާ ޑޮލަރުގެ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން، މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި 345 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، އޭގެ ތެރެއިން 198 މިލިއަން ޑޮލަރު ވިއްކާފައިވަނީ ކާޑު މުއާމަލާތްތަކަށް ކަމަށް ބެންކުން ބުނެއެވެ. އެ މުއްދަތުގައި ވިޔަފާރިތަކަށް 147 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މަހެއްގެ މައްޗަށް އެވްރެޖްކޮށް 69 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ބެންކުން ބުނެއެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 47 އިންސައްތައިގެ އިތުރުވުމެއްކަން ބީއެމްއެލްއިން ފާހަގަކުރިއެވެ. ބޭންކުގެ އޮފިޝަލް އިތުރަށް ވިދާޅުވީ، ކަސްޓަމަރުންގެ ބޭނުންތައް ފުއްދުމަށްޓަކައި ވީހާވެސް ގިނަ އަދަދަކަށް ބޭރު ފައިސާ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންވެސް އެހީތެރިކަން ފޯރުކޮށް ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. ރާއްޖޭގައި ހިންގާ އެހެން ބޭންކުތަކާ އަޅައިބަލާއިރު، ދިވެހި ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރުމަށް އެންމެ ބޮޑު ލިމިޓެއް ދެމުންދަނީ ބީއެމްއެލްއިންކަން ވެސް އެ ބެންކުން ފާހަގަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ