ރޮނާލްޑޯގެ މެސެޖު: މި އަދި ނިމުނީއެއް ނޫން!

ހިއުސްޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 18) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މި ފަހަރުގެ އެއް ފޭވަރިޓް ކަމަށް ބެލެވޭ ޕޯޗުގަލް އިން ފުރަތަމަ މެޗުގައި 1-1 އިން ކޮންގޯއާ އެއްވަރުވި މެޗުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހޭ ކަމަށާއި އެކަމަކު މިއީ އަދި ހުރިހާ ކަމެއް ނިމުނީކީ ނޫން ކަމަށް ގިނަ ފާޑުކިޔުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ. 
ޕޯޗުަގަލްގެ ޖޮއާއޯ ނެވޭސް ހަ ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިންއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޔޮއާން ވިއްސާ ވަނީ 52 އަހަރަށް ފަހު ވޯލްޑް ކަޕަށް އައި ކޮންގޯ އަށް އެއްވަރުކޮށްދީފަ އެވެ. އެ ނަތީޖާގައި އޮވެގެން މެޗު ނިމުނުއިރު، އެެ މެޗުގެ 90 މިނިޓް އެއްކޮށް ކުޅުނު 41 އަހަރުގެ ރޮނާލްޑޯ އަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. 
ހާއްސަ ގޮތެއްގައި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒަށް ވަނީ ރޮނާލްޑޯއާ ގުޅޭ ގިނަ ސުވާލުތަކަކަށް ޖަވާބު ދޭން  ޖެހިފަ އެވެ. މައިގަނޑު ސުވާލަކަށް ވީ ރޮނާލްޑޯ މުޅި މެޗު އެއްކޮށް ކުޅުވި ސަބަބާ ގުޅޭގޮތުންނެވެ. މާޓިނޭޒް ބުނެފައިވަނީ ގޯލެއް ޖަހަން ޖެހޭ ހާލަތުގައި އެކަން އެންމެ ރަނގަޅަށް ކުރާ ކުޅުންތެރިޔާ ބަދަލު ނުކުރެވޭނެ ކަމަށެވެ. 
ކޮންގޯއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ބަދަލުނުކޮށް ބެހެއްޓި ނިންމުން ދިފާއުކުރަމުން ކޯޗު މާޓިނޭޒް ބުނީ، ލަނޑެއް ބޭނުންވާ ވަގުތެއްގައި އޭނާ ދަނޑުމަތީގައި ހުރުން މުހިންމު ކަމަށް. އަދި މެޗު އެއްވަރުވުމުން އަމާޒުވި ފާޑުކިޔުންތަކަށް ރައްދުދެމުން، މާޓިނޭޒް ވަނީ މީގެ ކުރިން އާޖެންޓީނާ އާއި ސްޕެއިން ވޯލްޑް ކަޕް ކާމިޔާބުކުރި ގޮތުގެ ވާހަކަ ދައްކައިފައި
ފްރާންސްގެ ލެޖެންޑަރީ ފޯވާޑް، ތިއަރީ އޮންރީ، މަޝްހޫރު ކުޅިވަރު މީޑިއާ، ފޮކްސް ސްޕޯޓްސްގެ ވޯލްޑް ކަޕް ޝޯގައި ބުނެފައިވަނީ، ރޮނާލްޑޯގެ ސަބަބުން އެހެން ކުޅުންތެރިންނަށް އުނދަގޫ ވާ ހާލަތްތައް ވެސް ފެންނަ ކަމަށް ބުނެފަ އެވެ. އަދި، ރޮނާލްޑޯ ގަބޫލުުކުރަން ޖެހޭ ކަމަކީ، ޓީމު ލަނޑު ޖެހުމަކީ އަމިއްލަ އަށް ލަނޑު ޖަަހަން އުޅުމަށް ވުރެން މުހިންމު ކަމެއް ކަމަށެވެ. 
މި ހުރިހާ ވާހަކަ އަކަށް ފަހު، ރޮނާލްޑޯ، އޭނާގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް ވަނީ މެސެޖެއް ދީފަ އެވެ. 
"މިއީ އަހަރެމެން ބޭނުންވި ފެށުމެއް ނޫން. އެކަމަކު މިއީ ފުޓްބޯޅައިގައި ހިނގާނެ ކަމެއް. އަހަރެމެން މޮޅުވެސް އަދި ބަލިވެސް ވެދާނެ. އެކަމަކު، މިއީ އަދި ނިމުމެއް ނޫން، އަހަރެމެން މި ތިބީ އެކުގައި. އަހަރެމެންގެ އުންމީދު އެބައޮތް. ވިސްނަންވީ ދެން އޮތް މެޗަށް،" ރޮނާލްޑޯ ބުންޏެެވެ. 
ރޮނާލްޑޯ މި ވަގުތު ގުނަމުން އެ ދަނީ ދަށް ރެކޯޑަކާ ގުޅިފައި އޮތް ދުވަސްތަކެކެވެ. އެއީ، ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި އޭނާ އަށް އެންމެ ފަހުން ކުޅުނު 10 މެޗުގައި ވެސް ލަނޑެއް ނުޖެހެ އެވެ. އެ ގޮތުން، 2022 ގެ ވޯލްޑް ކަޕްގައި، އުރުގުއޭ، ދެކުނު ކޮރެއާ، ސްވިޒަލެންޑް އަދި މޮރޮކޯ ކޮޅަށް ލަނޑު ނުޖެހި ދިޔައިރު، 2024 ވަނަ އަހަރުގެ ޔޫރޯގައި ޗެކް ރިޕަބްލިކް، ތުރުކީ، ޖޯޖިއާ، ސްލޮވީނިއާ އަދި ފްރާންސް ކޮޅަށް ލަނޑެއް ނުޖެހި ދިޔައިރު، މި ފަހަރުގެ ވޯލްޑް ކަޕް ފެށި މެޗުގައި ކޮންގޯއާ ދެކޮޅަށް ދިޔައީ ދަށްކޮށެވެ. 
ޕޯޗުގަލް އިން ވޯލްޑް ކަޕްގައި ކުޅޭ ދެ ވަަނަ މެޗު އޮތީ، އަންނަ ބުދަ ދުވަހު އުޒްބެކިސްތާނާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ