ކެމެރާ އާއި ބެޓެރީގެ އަޕްގްރޭޑްތަކާއެކު އައިފޯން އެއާ 2 އުފައްދަނީ

ކެމެރާ އާއި ބެޓެރީގެ އަޕްގްރޭޑްތަކާއެކު އައިފޯން އެއާ 2 އުފެއްދުމުގެ މަސައްކަތް އެޕަލްއިން ފަށައިފިއެވެ. އެޕަލް ކުންފުނިން ދެވަނަ ޖީލުގެ އައިފޯން އެއާ (އައިފޯން އެއާ 2) އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި ފޯނު 2027 ވަނަ އަހަރުގެ ބަހާރު މޫސުމުގައި ބާޒާރަށް ނެރުމަށް ރާވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. "ވީ62" ގެ ކޯޑު ނަމުގައި ތަރައްގީކުރަމުންދާ މި ފޯނަކީ އެޕަލްގެ އައިފޯން ނެރުމުގެ ސްޓްރެޓެޖީއަށް ގެންނަ ބޮޑު ބަދަލެއްގެ ބައެއް ކަމަށް ބުލޫމްބާގް ރިޕޯޓެއްގައިވެއެވެ. މި އާ މޮޑެލްގައި ފުރަތަމަ ޖީލުގެ އައިފޯން އެއާ އަށް އާންމުން ކުރި ބައެއް ޝަކުވާތަކަށް ހައްލު ހޯދައިދިނުމަށް އެޕަލް އިން ދަނީ މަސައްކަތް ކުރަމުންނެވެ. އައިފޯން އެއާ އުފެއްދީ ތުނި އަދި ލުއި ފޯނަށް ލޯބިކުރާ މީހުންނަށް އަމާޒުކޮށްގެން --- އެޕަލް އިން ޓެސްޓުކުރަމުންދާ އައިފޯން އެއާ 2 ގައި މިހާރު ހުރި މައިގަނޑު ކެމެރާގެ އިތުރުން "އަލްޓްރާވައިޑް" ސެންސަރެއް ހިމެނޭ ގޮތަށް ފަހަތު ކެމެރާ ސެޓަޕް ބަދަލުކުރަމުންދާ ކަމަށްވެއެވެ. މީގެ އިތުރުން ފޯނުގެ ބެޓެރީގެ ބާރު ގިނައިރު ހިފެހެއްޓުމަށްޓަކައި ބެޓެރީ ބޮޑުކުރުން ނުވަތަ އެފިޝަންސީ ރަނގަޅުކުރުމުގެ މަސައްކަތްތަކެއް އެޕަލް އިން ދަނީ ދިރާސާކުރަމުންނެވެ. ނަމަވެސް ފޯނުގެ ހިމޭނޭ ޑިޒައިނުގެ ސަބަބުން ބެޓެރީގެ ސައިޒު ބޮޑުކުރުމަށް ވަރަށް ބޮޑެތި ހުރަސްތަކެއް ހުރިކަން ފާހަގަކުރެވެއެވެ. އައިފޯން އެއާގެ ފުރަތަމަ ޖީލު ބާޒާރަށް ނެރުނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. މި ފޯނަކީ ބަރުދަން ލުއި އަދި ތުނި ފޯނުތަކަށް ލޯބިކުރާ މީހުންނަށް ޚާއްސަކޮށްގެން ނެރުނު ފޯނެކެވެ. ނަމަވެސް މި ފޯނުގެ ފަހަތުގައި އިންނަނީ އެންމެ ކެމެރާއެއް ކަމަށްވުމުންނާއި، ބެޓެރީ ލައިފް ދަށްވުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން އެ ފޯނަށް އަމާޒުވިއެވެ. އެޕަލްގެ އާ ރޭވުމުގެ ދަށުން މިއަހަރުގެ އޯޓަމް އިވެންޓް ޚާއްސަކުރާނީ އައިފޯން 18 ޕްރޯ، ޕްރޯ މެކްސް އަދި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނަށެވެ. އަދި އޭގެ ހަ މަސް ފަހުން އައިފޯން 18 ގެ ސްޓޭންޑަޑް މޮޑެލް އާއި އައިފޯން އެއާ 2 ބާޒާރަށް ނެރޭނެއެވެ. މިގޮތަށް އަހަރުގެ އެކި ދުވަސްވަރަށް ބަހާލައިގެން ފޯނުތައް ނެރުމުން ކުންފުންޏަށް ލިބޭ އާމްދަނީ އެއްވަރެއްގައި ހިފެހެއްޓުމަށާއި ވާދަވެރި އެހެން ކުންފުނިތަކަށްވުރެ ކުރިހޯދުމަށް ފަސޭހަވާނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ