ސުޕްރީމް ކޯޓުގެ ވަގުތީ އަމުރަށް އަމަލުނުކުރަން މަޖިލީހުން ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުން ގުނާއިރު، މަޖިލިހުން ވަކިވެފައި ތިބި މެންބަރުން ނުގުނާގޮތަށް ގަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރުން މަޑުޖައްސައިލަން ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރަށް ތަބާނުވާން މަޖިލީހުން މިއަދު ނިންމައިފިއެވެ.މިގޮތަށް ފާސްކުރީ، އެ އަމުރަށް އަމަލުކުރާނެ ގޮތަކާމެދު ގޮތެއް ކަނޑައެޅުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގަ އެވެ.މަޖިލީހުގައި އެ އިސްލާހު ފާސްކުރަން ވޯޓު ދެއްވީ 45 މެންބަރުންނެވެ. އެ ވޯޓުގައި ދެކޮޅަށް، އަދި އެއްކޮޅަށް ވެސް ސަރުކާރަށް ނިސްބަތްވާ ޕީޕީއެމް/ޕީއެންސީ މެމްބަރުން ވޯޓު ދެއްވާފައެއް ނުވެ އެވެ. އެ އިސްލާހު ފާސްވުމާ އެކު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަސްލަމް ވިދާޅުވީ، މަޖިލީހުގެ ޖުމްލަ އަދަދު އަނެއްކާވެސް ގުނަމުންދާނީ އިސްލާހުގައިވާ ގޮތުގެ މަތިން ކަމަށާއި އެ އަދަދަކީ 80 ކަމަށެވެ."އިއްޒަތްތެރި މެމްބަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަން މިވަގުތުން ފެށިގެން ވޯޓު ގުނުމުގަޔާއި، ކޯރަމް ހަމަކުރުމުގައި މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަކީ 80 ކަމަށް ބަލައިގެން ކުރިއަށްދާނީ އެ ނޫން ގޮތަކަށް ކަނޑަނާޅާހާ ހިދަކު،" ހުށަހެޅުން ފާސްވުމާ އެކު މަޖިލީހުގެ ރިޔާސަތުން އިއުލާން ކުރެއްވި އެވެ.މިއަދުގެ ޖަލްސާގައި މެންބަރުން ވަނީ ސުޕްރީމް ކޯޓުގެ އަމުރާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެމްޑީޕީ އާއި ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެންބަރުން ވިދާޅުވީ މަޖިލީހުގެ މަސައްކަތްތަކާއި ގަވައިދަށް ގެންނަ އިސްލާހުތަކާ މެދު ސުޕްރީމް ކޯޓަށް ބަސް ނުކިޔޭނެ ކަމަށެވެ.މަޖިލީހުގެ ރައީސް އަސްލަމް ވެސް ވިދާޅުވީ ސްޕްރީމް ކޯޓުން ވަގުތީ އަމުރު ނެރެފައި ވަނީ ގާނޫނުއަސާސީއާ ހިލާފުތޯ ނިންމުމެއް ނެތި ކަމަށާއި އެއީ ކަންބޮޑުވާ މައްސަލައެެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވެން އޮތީ މަޖިލީހުގެ ކޯރަމަކީ ކޮބައިކަން އެނގިގެންނެވެ.އޭނާ ވިދާޅުވީ މަޖިލީހުގެ ނިންމުންތަކަށް ބާރު ފޯރުވުމުގެ ބާރު އެއްވެސް ފަރާތަކަށް ނޯންނަ ކަމަށާއި އެހެންވެ މެމްބަރުންގެ އަދަދު ގުނާ މެދު ވެސް ގޮތް ނިންމާނީ ވެސް މަޖިލީހުން ކަމަށެވެ.ނަމަވެސް، މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ފޮނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ ކޯޓެއްގައި ޝަރީއަތް ހިނގަމުން އަންނަ މައްސަލައަކާ ގުޅިގެން ބަހުސް ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުން ސާފުކޮށް އެނގެން އޮތް ކަމަށެވެ. އޭނާގެ ކަންބޮޑުވުމަކަށް ވީ މަޖިލީހުގައި އެ މައްސަލާގައި މިއަދު ބަހުސްކުރުމެވެ.ގާނޫނުއަސާސީ ބުނާ ގޮތުން ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ 3/2 ބައި ވޯޓު ބޭނުންވާނެ އެވެ. މަޖިލިހުގައި ފުރިހަމަ މެޖޯރިޓީ އޮތް އެމްޑީޕީން ގަވާއިދަށް މިފަހުން އިސްލާހު ގެނައީ މަޖިލިހުގައި އެ ވަގުތަކު ތިބި މެމްބަރުންގެ އަދަދު ގުނާނެ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ