އެމްޑީޕީ ގެމަނަފުށީ ދާއިރާގެ ޕްރައިމަރީ ބޭއްވުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ސިވިލް ކޯޓުން ނެރެނުދިން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕްރައިމަރީގައި ގއ.ގެމަނަފުށީ ދާއިރާގެ މަޖިލީސް ޕްރައިމަރީ ބޭއްވުން ހުއްޓުވައި ދިނުމަށް، ވަގުތީ އަމަރު ނެރެ ދެވެން ނެތްކަމަށް ސިވިލް ކޯޓުން ބުނެފިއެވެ.
ގއ. ކަނޑުހުލޫދޫ ފީރޯޒުގެ އަޒުމޫން އަހުމަދުދީދީ ހުށަހެޅި މި މައްސަލައަކީ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ގއ. ގެމަނަފުށީ ދާއިރާ އަށް ވާދަކުރުމަށް އޭނާ ހުށަހެޅި ފޯމް އެމްޑީޕީ އިން ބަލައި ނުގަތުމާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލައިގައި އަޒުމޫން ވަނީ އެމްޑީޕީގެ ނިންމުމަކީ ކަނޑައަޅާފައިވާ އުސޫލުތަކާ ގަވާއިދުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައެވެ.
މީގެއިތުރުން އަޒުމޫން ހުށަހެޅި މައްސަލައިގައި ވަނީ އޭނާގެ ފޯމް ބަލައިގަނެ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު އޭނާއަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ.
މި މައްސަލައަށް ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ވަގުތީ އަމުރެއް ނެރެދިނުމަށް އަޒުމޫން އެދިފައިވާއިރު އޭނާ ކޯޓުގައި ބުނެފައި ވަނީ އެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމެއް ކުރުމުގެ ކުރިން، ގެމަނަފުށީ ދާއިރާގެ ޓިކެޓް އެހެން ފަރާތަކަށް ދީފިނަމަ، އެކަމުގެ ސަބަބުން މައްސަލައިގައި ސިވިލް ކޯޓުން ހުކުމްކުރާ ހާލަތުގައި އެ ހުކުމް ތަމްފީޒު ނުވެދާނެ ކަމުގެ އިހްތިމާލު އޮތް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އޭނާއަށް އިއާދަ ނުކުރެވޭ ފަދަ ގެއްލުމެއް ލިބިގެންދާނެކަން ފާހަގަކޮށް އަޒުމޫން ވަނީ އެމްޑީޕީގެ ފަރާތުން އެ ދާއިރާއަށް ވާދަ ކުރުމުގެ ޓިކެޓް އެއްވެސް ފަރާތަކަށް ނުދިނުމަށް އަންގައި އެ ޕާޓީގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އެދިފައެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ، އެ މައްސަލައިގައި ވަގުތީ އަމުރު ނެރެދެވޭނެ ތަނެއް ނެތް ކަމަށް ބުނެފައެވެ. އެމްޑީޕީން ޓިކެޓް ކަށަވަރު ވެފައިވާ ދާއިރާތަށް އަންގައި އިއުލާންކޮށްފައިވާ އިރު، އޭގެ ތެރޭގައި ގެމަނަފުށީ ދާއިރާވެސް ހިމެނައިފައިވާކަން ފާހަގަކޮށް ސިވިލް ކޯޓުން ނެރުނު އަމުރުގައިވަނީ ވަގުތީ އަމުރެއްގެ ޒަރީއާއިން ހުއްޓުވުމަށް އެދިފައިވާ ކަމަކީ އެ މައްސަލަ ސިވިލް ކޯޓުގައި ރަޖިސްޓްރީ ކުރި ތާރިހުން ބެލިކަމުގައ ވިޔަސް އަދި އަޒުމޫނުގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅި ތާރީހުން ބެލިކަމުގައި ވިޔަސް އެ ތާރީހުގެ ކުރިން ނިމިފައިވާ ކަމެއްކަން އެނގޭކަމަށެވެ.
އަޒުމޫންގެ ފަރާތުން ކޯޓަށް ދައުވާ ހުށަހަޅާފައިވަނީ ޖަނަވަރީ 16، 2024 ވަނަ ދުވަހުއެވެ. އަދި އެ މައްސަލަ ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށްފައިވަނީ ޖަނަވަރީ 17، 2024 ވަނަ ދުވަހުއެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި ބާއްވާ ޕްރައިމަރީއާ ނުލައި ގެމަނަފުށީ ދާއިރާގެ ޓިކެޓް ދިނުމަށް ނިންމާފައިވާކަން އެ ޕާޓީން އިއުލާންކޮށްފައިވަނީ ޖަނަވަރީ 15، 2024 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ