ސިހުރުވެރިޔާއަކީ އެންމެ ބޮޑަށް ބިން ފަސާދަކުރާ މީހުންގެ ތެރެއިންވާ މީހެއް ކަމަށާއި ސިހުރުވެރިޔާއަށް ދުނިޔޭގައި ވެސް އަދި އާހިރަތުގައި ވެސް އެއްވެސް ކާމިޔާބެއް، ނަޞީބެއް ނުވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”ސިހުރުހާހޫރައިގެ ނުބައިކަން“ މި މައުޟޫއުއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, ސިހުރުހެދުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެއް އަދި އެއީ ޝިރުކުގެ އަމަލެއް ކަމަށެވެ. އެގޮތުން ސިހުރުވެރިޔާ، ކޮންމެ ކަމެއްގައިމެ ޝައިތާނާއަށް ކިޔަމަންވުމަށް އޭނާއާ އެކު އަހުދުކަށަވަރު ހިފައިފުމަށް ދާންދެން ސިހުރުވެރިއަކަށް ނުވެވޭނެ ކަމަށާއި ޖުނުބުވެރިކަމުން ހިނައިނުގަނެ ދިގު މުއްދަތަކަށް ހުރުމަށާއި ފަޅު ތަންތަނަށް ނުވަތަ ކުނިބުންޏާއި ނަޖިސް ތަންތަނަށް ގޮސް، އެ ތަންތަނުގައި ގިނަ ވަގުތު ހޭދަކުރުމަށް ޝައިތާނާ އޭނާއަށް އަމުރުކުރާ ކަމަށް ބުންޏެވެ.
އޭގެ އިތުރުން ކީރިތި ގުރުއާނަށް އިހާނެތިކޮށްހިތުމަށާއި ވުޟޫއާ ނުލައި ނަމާދުކުރުމަށާއި ޖިންނިޝައިތާނުންގެ ނަމުގައި ކަތިލައި، ޖިންނިޝައިތާނުންގެ އެހީއަށް އެދި، އެ ނޫން ވެސް ބޮޑެތި ފާފަތަކަށް އަރައިގަނެ، އިސްލާމް ދީނުން ބޭރުވެގެން މެނުވީ ސިހުރުވެރިޔާއަށް އޭނާގެ ސިހުރު ފުރިހަމައެއް ނުކުރެވޭ ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ, މި ސަބަބަށް ޓަކައި، ސިހުރުވެރިޔާގެ ކާފިރުކަމާއި ނުބައިކަން ބޮޑުވެ، މާތް ﷲއާއި އެކަލާނގެ ރަސޫލާއަށާއި މުއުމިން އަޅުންނަށް ހުރި އަދާވާތްތެރިކަން ބޮޑުވިވަރަކަށް، އޭނާގެ ސިހުރު ބާރުގަދަވެފައި މާ އަވަހަށް އަސަރުކުރާ ކަމަށެވެ.
ސިހުރުވެރިޔާއަކީ އެންމެ ބޮޑަށް ބިން ފަސާދަކުރާ މީހުންގެ ތެރެއިންވާ މީހެއްކަން ފާހަގަކޮށް ހުތުބާގައި އިތުރަށް ބުނީ, ސިހުރު ނުހެދި ނަމަވެސް އެ އުނގެނި އުނގަންނައިދިނުމަކީ ވެސް މީހާ ކުފުރުވާވަރުގެ ބޮޑު ފާފައެއް ކަމަށެވެ. އަދި ބައްޔެއްވެގެން ނުވަތަ އަޖުމަބަލައިލުމުގެ ނިޔަތުގައި ނަމަވެސް ސިހުރުވެރިޔެއް ނުވަތަ ކާހިނެއްގެ ގާތަށް ގޮސް ކަމަކު އެދުމާއި ސުވާލުކުރުމާއި އެ މީހުންގެ ބަސް ގަބޫލުކުރުން ވެސް ނަހީކުރައްވާފައިވާ ކަމަށް ބުންޏެވެ.
މާތް ﷲ ވަހީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”އަދި ސިހުރުވެރިޔާ ކޮންމެ އެއްޗެއް ގެނައިކަމުގައި ވިޔަސް، އޭނާއަކަށް ކާމިޔާބެއް ނުވާނެތެވެ.“
ހުތުބާގައި ބުނީ, ސިހުރުވެރިޔާގެ ފާފައިގެ ބޮޑުކަމާއި ފަސާދައިގެ ބޮޑުކަމުން އޭނާ ގަތުލުކުރުމަށް ސަހާބީންނާއި ތާބިއީ ބޭކަލުންގެ ތެރެއިން ޖަމާއަތެއްގެ ބޭކަލުންގެ އަރިހުން ސާބިތުވާކަމުގައި އިބުނު ގުދާމާ އެކަލޭގެފާނުގެ ”އަލްމުޣްނީ“އޭ ކިޔުނު ފޮތުގައި ބަޔާންކުރައްވާފައިވާ ކަމަށެވެ.
ހުތުބާގައި ބުނީ, ސިހުރުވެރިޔާ ކޮންމެ ސިހުރެއް ހެދި ނަމަވެސް މާތް ﷲ ތިބާއަށް ލިޔުއްވައިފައިވާ ކަމެއް މެނުވީ ނުޖެހޭނޭކަން ޔަގީންކަމާ އެކު ހިތުގެ އަޑީން ގަބޫލުކުރަންޖެހޭ ކަމަށެވެ. އަދި ފެންނަ ހުވަފެނެއް ނުވަތަ ގައިގައި އަޅާ ވޭނެއް ނުވަތަ ކުއްޖެއްގެ ނަތީޖާ ދަށްވުމުން ނުވަތަ މީހެއްގެ ކައިވެނި ލަސްވުމުގެ ސަބަބަކީ ސިހުރުގެ ސަބަބުން މެދުވެރިވާ ކަމެއްކަމުގައި ގަބޫލުކުރުމަކީ މުސްލިމުން ކޮށްގެންވާނޭ ކަމެއް ނޫން ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ, މުސްލިމުންގެ އަގީދާއަކީ ކޮންމެ ނިއުމަތަކާއި ކޮންމެ މުސީބާތެއް ޖެހެނީ މާތް ﷲގެ މިންވަރުފުޅުންކަން ގަބޫލުކުރުން ކަމަށެވެ. އަދި ފަރުޟު ފަސް ނަމާދު އޭގެ ވަގުތުގައި އަދާކުރުމާއި ހެނދުނާއި ހަވީރުގެ ޒިކުރުތަކަށް ރައްކާތެރިވުމާއި ގޭތެރޭގައި ކީރިތި ގުރުއާން (ހާއްސަކޮށް ސޫރަތުލްބަޤަރާ) ކިޔެވުން ގިނަކުރުމަކީ ޝައިތާނާގެ މަގުތައް ބަންދުވެ، ހިތުގައިވާ ވަހުމުތައް ފިލައިދާ ކަމެއް ކަމަށް ބުންޏެވެ.
ސިހުރުވެރިޔާއަކީ އެންމެ ބޮޑަށް ބިން ފަސާދަކުރާ އެކަކެވެ. އޭނާއަށް ކާމިޔާބެއް ނަސީބެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ