މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މާދަމާ (14 އޮގަސްޓް 2024) ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލް ޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.
ހީނާ އިތުރަށް ވިދާޅުވީ މާދަމާ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލް ޖުމްހޫރިއްޔާ މި ހަމަޖެއްސެވީ، ރާއްޖޭގެ ވަރަށްގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން، ކިޔަވާ ކުދިންނާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވެސް ދަތުރުފަތުރު ކުރުމާއި ހިނގާބިނގާވާން ދަތިވުމާއި ގުޅިގެން ދެއްވާ ލުއެއް ގޮތުގައި ކަމަށެވެ.
ހީނާ އިތުރަށް ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރާގައި ގޯތިގެދޮރަށާއި އާއިލާތަކަށް ލިބޭ ގެއްލުން ކުޑަކޮށް ދިނުމަށާއި، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ރޭގަނޑާއި ދުވާލު މަސައްކަތް ކުރަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ދެވާކަމަށެވެ.
މުޅިރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ. މިއަދު ހެނދުނުން ފެށިގެން ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހުނުއިރު، މިއަދު މެންދުރު ފަހު މާލެ ސަރަހައްދަށް ވަނީ އޮރެންޖް ސަމާލު ވެސް ނެރެފައެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާކޮށް، ވަރަށް ވައިގަދަވާނެ އެވެ. އުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް ވައިޖެހެނީ 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ދެކުނުގެ ރަށްތަކަށް ވައިޖެހޭނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
މޫސުން ގޯސްވުމުން، މާދަމާ ސަރުކާރު ބަންދު ކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ