ދިގު މުއްދަތު ހިދުމަތް ކުރާ ސިފައިންނަށް ގެދޮރު މިލްކު ކުރެވޭ ގޮތް ހަދަނީ

ސިފައިންގޭގައި ދިގު މުއްދަތަކަށް ހިދުމަތް ކުރާ ސިފައިންނަށް ގެދޮރު މިލްކު ކުރެވޭ ގޮތް ހަދަން ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިހެން ވިދާޅުވީ، ސިފައިންގެ 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ ބައިވެރިންގެ ދަސްވެނިވުމުގެ ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ. ސިފައިންގެ އެންމެ މަތީވެރިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ ސިފައިންގެ ވަސީލަތްތައް، ކަނޑާއި އެއްގަމުގައި ބޭނުން ކުރާ ހަތިޔާރު އިތުރު ކުރުމާ އެކު، ސިފައިން ފަރުދީ ގޮތުން ވެސް ތަރައްގީ ކުރުން ކަމަށް ޣައްސާން ވިދާޅުވިއެވެ. ދިވެހި ސިފައިންގެ ހިދުމަތަކީ ޒުވާނުންނަށް ކެރިއާއެއްގެ ގޮތުގައި ކުރިއަށް ދެވޭނެ ތަނަކަށް ހެދުމަށް ރައީސް ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް ޣައްސާން ވިދާޅުވިއެވެ.
އޭގެ މާނައަކީ ތި ޒުވާނުންނެކޭ އެއްގޮތަށް ސްކޫލް ދައުރު ނިންމާލައި އެހެން ޒުވާނުން ވެސް ސިފައިންގެ ހިދުމަތާ ގުޅި އަސްކަރީ ނޫނަސް ގައުމަށް ފައިދާވާ އެހެން ދާއިރާތަކުން ހިދުމަތް ކުރެވޭނެ ކަމަށް ޣައްސާން ވިދާޅުވިއެވެ. މިސާލަކަށް އިންޖިނިއަރަކަށް ވާން ބޭނުންވާ ކުއްޖެއް އިންޖިނިއަރިން ޑިގްރީ އަށް، ޑޮކްޓަރަކަށް ވާން ބޭނުންވާ ކުއްޖަކު މެޑިސިން ހަދަން ސްކޮލަޝިޕްގެ ފުރުސަތުތައް ސިފައިންނަށް ހޯދައިދޭން ރައީސް ވަނީ މަސައްކަތް ފައްޓަވާފައި ކަމަށް ޣައްސާން ވިދާޅުވިއެވެ.
ހަމައެއާއެކު ސްކޫލް ނިމިގެން ސިފައިންގެ ހިދުމަތަށް ވަންނަ ޒުވާނުން ބޭރުން ކިޔަވައިގެން އައިސް، ސިފައިންގެ ހިދުމަތުގައި ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރަމުން ގޮސް، ރިޓަޔަމެންޓް އުމުރާ ހަމައަށް ދެވިއްޖެ ނަމަ، ރިޓަޔާކުރާނީ އަނބިދަރިންނާއި ކާފަ އާއި މާމަ ކުދިންނާ އެކު އަބުރުވެރި ދިރިއުޅުމެއް އުޅެވޭ ހާލަތުގައި ކަމަށް ޣައްސާން ވިދާޅުވިއެވެ. އެކަން ކަށަވަރު ކޮށް ދިނުމަށް ރައީސް ނިންމަވާފައި އޮތީ ސިފައިންގެ ތެރޭގައި ދިގު މުއްދަތަކަށް ހިދުމަތް ކުރާ ސިފައިންނަށް ގެދޮރުވެރިކަން މިލްކުވެރިވާނެ ގޮތެއް ހަމަޖައްސައިދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ