ރައީސްގެ ދެކަނބަލުން މަދީނާއަށް ވަޑައިގެންފި

ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މަދީނާއަށް ވަޑައިގެންފިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނުގެ ޚާއްސަ މެހެމާންދާރީގައި ކުރައްވާ ޢުމްރާ ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން, ޕްރިންސް މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން ދެކަނބަލުންނަށް މަރުޙަބާ ދެންނެވީ، މަދީނާ ސަރަޙައްދުގެ ގަވަރުނަރު، ޞާޙިބުއްސުމުއްވުލް މަލަކީ އަލްއަމީރް ސަލްމާން ބިން ސުލްޠާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދެވެ.
ސަޢޫދީ ސަރުކާރުން ފޮނުއްވި ޚާއްސަ މަތިންދާ ބޯޓެއްގައި ރައީސްގެ ދެކަނބަލުން އެ ގައުމަށް ވަޑައިގެންނެވީ މިއަދު މެންދުރުކުރީގެ ވަގުތެއްގައެވެ.
މިދަތުރުފުޅުގައި ރައީސް ޑރ.މުޢިއްޒުގެ ދެކަނބަލުންގެ އަރިހުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދާއި އިސްލާމީ މަރްކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަބްދުالله ފަޔާޟް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ ޢާރިފް ގެ އިތުރުން މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ޢަބްދުالله ނާޞިރު ބައިވެރިވެވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ