ކެމޮމައިލް 22

"ކޮންމެ އިންސާނަކަށް ކުރިމަތިވާ އިމްތިހާނު ތަފާތުވާނެއެވެ. ސުބުހާނަﷲ. ތިބާއަށް ކުރިމަތިވާ ދަތިކަމެއް އެހެން މީހަކަށް ކުރިމަތިނުވާނަމަ އެމީހާގެ ދިރިއުޅުން ހާދަ ފުރިހަމައޭ ހިތަށް އަރާފާނެއެވެ. އެކަމަކު ފަހަރެއްގައި ތިބާއަށް ނޭގޭ ކިތަންމެ އުދަގޫތަކާއި އިމްތިހާނުތަކެއް އެމީހަކަށް ކުރިމަތިވެފައިވެދާނެއެވެ. އިމްތިހާނުތަކަށް ކެތްކޮށް ހިތާމައާއި އުފަލުގައިވެސް ﷲ ތައާލާއަށް ހަމްދުކުރާށެވެ." *** "އިނަފް. އަހަންނެއް މުޅި އުމުރަށް އިންތިޒާރު ނުކުރާނަން.. އަދި އަހަރީ ޗުއްޓީވެސް އިންތިޒާރުގައި ގޭގައި އިންނަން ނުނަގާނަން.. ލައިފް ވޭސްޓްކުރަން ގޭގައި އިންތިޒާރުގައި...."އޭނަ އަމިއްލަ ނަފުސަށް ކިޔައިލިއެވެ. އޭނަ ވަގުތުން ވިސާނަގަން އެދި ބޭނުންވާ ފޯމުތައް ހުށަހަޅާ އޮންލައިންކޮށް ޓިކެޓް ބުކިންވެސް ހެދިއެވެ. އިތުރަށް ޚިޔާލުކޮށް ސިކުނޑި ހައިޖާނަކަށް ހަދާނެކަމެއް ނެތެވެ. އެހެން މީހެއްގެ ޚިޔާލާއި ލަފާ ހޯދުމުގެ މާނައެއްވެސް ނެތެވެ. އޮންލައިންކޮށް ހޮޓެލް ބުކިން ހަދަން އެނގޭވަރަށް އޭނަވަނީ ދުނިޔެއަށް ލޯ ހުޅުވިފައެވެ. މައުލޫމާތު ތަނަވަހެވެ. އިޖިފްޓަށް ދާއިރު ދުބާއީގައި ދެތިން ގަޑިއެއްހާއިރު މަޑުކޮށްލަން ޖެހެއެވެ. ސީދާ ފްލައިޓެއް ނެތުމުންނެވެ. މޫދު ފެންނަ ހިސާބުގައިވާ ކުޑަ ހޮޓަލެކެވެ. ޓެރެސްއެއް ހުއްޓަސް އެތަނުގެ މަރާމާތާއި ބެހޭގޮތުން ހުރި ރިވިއުތައް މުރާޖައާކުރުމުން އެހާ ރަގަޅުނޫންކަން އެނގުނެވެ. އޭނައަށް ފަރުވާލެއްނެތެވެ. ހުރިހާ ކަމެއް ފުރިހަމަވާނީ މަހުޖަނުންނަށެވެ. އެމީހުންވެސް ދުވަހަކު ހިތް ފުރޭނެހެއްޔެވެ؟ އިންސާނުންގެ ޝަކުވާތަކަށް ނިމުމެއް ނޯންނާނެއެވެ. ޝަކުވާއާއި ފާޑުކިޔުންތަކުން ސަލާމަތެއް ނުވެވޭނެއެވެ. މިރިއަމް އޭނަގެ މަންމަގެ ގާތުގައި އެވާހަކަ ބުނަން ނިންމީ ފުރުމުގެ އެއް ދުވަސްކުރިންނެވެ. އެއީ ހުކުރުދުވަހެކެވެ. އޭނަ ކޮޓަރިން ނިކުތްއިރު މަންމަ ހުރީ އާދައިގެ މަތިން މަސައްކަތުގައެވެ. ރާއްޖެއަށް ޚަރީފު މޫސުމް ނަޔަސް ބައެއްފަހަރު އަނބުގަސްތަކުން ފަތްތައް ފައިބާފައި ހުންނައިރު އޭނައަށް ވަރަށް ހިތްގައިމެވެ. އޮރެންޖާއި ރީދޫފަތްތަކުގެ ދޫލައަށް އެޅިފައި ހުރުމުން ހީވަނީ ބޭރު ގައުމެއްގައި އުޅެވޭހެންނެވެ. މަންމައާއި އޭނަގެ ވިސްނުން ތަފާތެވެ. އެންމެ ފަތެއް އަދި ކުނިކޮޅެއް ފެންނާން އޮތަސް މަންމައަށް ކަމަކުނުދާނެއެވެ. މަންމަ ސާފުތާހިރުކަމަށް ލޯބިކުރާ ވަރުން ހުސްވަގުތެއް ވާއިރަށް ތަންތަން ފޮޅާ ސާފުކުރުމާއި ކުނިކެހުމުގައި ދެމިހުންނައިރު އަރާމުކޮށްލަންވެސް ބޭނުމެއްނުވެއެވެ. މިހާރުވެސް ހުރީ ފަތްތަކުގެ ފުންޏެއް ޖަހާފައެވެ. އެއް އަތުން އިލޮށިފަތީގައި ހިފަހައްޓާލައިގެން އަނެއް އަތުން އަނބުގަހުގެ ތިރި ގޮފިކޮޅެއްގައި ހިފަހައްޓައިގެން ބަލަހައްޓައިގެން ގެއްލިފައެވެ. "މަންމާ؟" މިރިއަމް ގޮވައިލިއެވެ. ޖަމީލާ އިސްއުފުލައިލުމާއެކު ސިހޭގޮތްވިއެވެ." އަނހަ މިރިއަމް. މަންމަ ހީކުރީ އޮފް ދުވަހެއްކަމަށް. މިހާ ހެނދުނު ހޭލީ ކީއްވެތަ؟ އޮފް ދުވަހު މިގަޑީގައި ނިދަން އޮންނާތީ ނާސްތާވެސް ތައްޔާރުނުކުރަން.." "މަންމާ. އަހަރެން މިއުޅެނީ ފުރަން..." އޭނައަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ." މިސްރަށް...." އޭނައަށް ޓިކެޓް ޔަގީންވީކަމުގެ މެސެޖް ލިބުނީ ހަމަ ދެންމެއަކުއެވެ. ޖަމީލާއަށް އިލޮށިފަތީގައި ތަންކޮޅެއް ބާރަށް ހިފައިލެވުނެވެ. "މިސްރަށް؟" ތަކުރާރުކޮށް ޖަމީލާ ކިޔައިލިއެވެ. އެއަޑުގައިވި ޖަޒުބާތުތައް ދެނެގަންނަން އޭނައަށް ނުކުޅެދުނެވެ. "ހަމަ އެންމެ ހަފްތާއަކަށް...."އޭނަ އަވަސްއަވަހަށް ބުނެލިއެވެ." ޗުއްޓީއަށް އެޕްލައިކޮށްފިން. މާދަމާ ރޭ ފްލައިޓް އޮތީ.." "ކޮންތަނަކަށް ދަނީ؟ " "މިސްރަށް...."މަންމަ މާ ގިނައިން ސުވާލުކުރަނީއެވެ. އެއްފަހަރު ބުނީމަ އަނެއްކާވެސް ތަކުރާރުކޮށް މަންމަ އެބަ އަހައެވެ. ގަހުގެ ފަތްތަކާއި ވައިރޯޅިތައް ކުޅެލިއެވެ. ތަންކޮޅެއް ވައިގަދަވުމުން ދޮން ފަތްތަކެއް ގަހުން ވަކިވުމާއެކު ވައިގެ ތެރޭގައި އެނބުރެމުން ސެނބުރެމުން ގޮސް އޭނައާއިވެސް މައްލަވަކޮށްލިއެވެ. މަންމަ ވަށައިގެން ނަޒަރު ހިންގައިލާފައި އަނެއްކާ ފަތްތައް އެއްކުރަންފެށިއެވެ. "މިރަށް ނޫން ތަނަކަށް ދުވަހަކުވެސް ދެވުނީއެއް ނޫން..އެހެންނޫނަސް މިސްރަށް ގޮސްފައި އިތުރަށް ކިޔެވުން ކުރިއަށް ގެންދެވިދާނެ......"އޭނަ އިތުރަށް ބުނެލިއެވެ. މަންމަ އަނގައިން ބުނުމެއްނެތި ފަތްތައް ކަހާލަފައިގޮސް ފަތް ފުންޏާއި ދިމާލަށް ޖައްސައިލިނަމަވެސް ވަޔާއެކު ގިނަ ފަތްތައް ނަށަމުން ދުރަށްދާން ފެށިއެވެ. "މަންމާ. ވައި މަޑުވީމަ ކުނިކަހާނީ...ނޫނީ ހަމަ އަލުން ހަޑިވާނެ..." ޖަމީލާ އިލޮށިފަތި ބާއްވާފައި ކައިރިއަށް އައީ ބަސްއަހާ ކުޑަކުއްޖެއްހެންނެވެ. "ކީއްކުރަން މިސްރަށް ދަނީ؟" "މަންމާ. އަހަރެން ބުނީމެއްނު އެކޮޅަށް ގޮސް ކިޔަވާނީއޭ.." "އާނ. ކޮންމެހެންވެސް ދާންވާނެ. ދުނިޔެއަކީ ތަނަވަސް ތަނެއް. ދަތުރުކޮށް ދުނިޔޭގެ ރީތިކަމުންވެސް އިބުރަތް ހާސިލުކުރަންވާނެ..."ޖަމީލާ ގެ މޫނުގެ މަސްތަކުގައިވާ ވާންކަން ކެނޑި މަޑުވިހެން ހީވިއެވެ. މިރިއަމްއަށް ގަބޫލެއްވެސް ނުކުރެވުނެވެ. ހައިރާންވެގެން އެސްފިޔަ ތަޅުވައިލިއެވެ. އޭނަ ޔަގީންކުރީ މަންމަ ދެކޮޅުހަދާނެ ކަމުގައެވެ. ތަމްސީލެއް ކުޅެލާނެކަމުގައެވެ. ފަހަރެއްގައިވެސް މިހަ ފަސޭހައިން އެއްބަސްވެދާނެކަމަށް ހިތަށް ނާރައެވެ. "އެކަމަކު......"ޖަމީލާ އިތުރަށް ބުނަން ފެށުމާއެކު އޭނަ ޔަގީންކުރީ ދެކޮޅުހެދުމުގެ ބާބު ފެށުނީކަމުގައެވެ. "ދަތުރުކުރަންވާނީ މަހްރަމަކާއެކީ...ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް ހަދީސްކުރައްވާފައިވަނީ މަހްރަމަކާއެކު ނޫނީ އަންހެންކުދިން ދަތުރުނުކުރަން..." ޖަމީލާގެ ފަނޑު ހިނިތުންވުން ލޮލާއި ހަމަޔަށް ނުފޯރައެވެ." ޒުބޭރުއާއި ކައިވެނިކޮށްގެން އޭނައާއެކު ދާންވީނު؟ އެސޮރު ވަރަށް އުފާވާނެ. ހަމަ ޔަގީންކަމެއް..." "މަންމާ..."މިރިއަމްގެ އަޑު ތަންކޮޅެއް ހަރުވިއެވެ."އަހަރެން މީހަކާއި އިންނާނަކަށް ބޭނުމެއްނޫން..." ޖަމީލާ އަނެއްކާ އިލޮށިފަތި ހިފައިގެން ކުނިކަހަންފެށިގޮތުން ހީވީ އެއްވެސް ވަރަކަށް ކައިވެނީގެ ވާހަކަ ނުދައްކާހެންނެވެ. ފާރުމަތިން ފުންމައިލި ބުޅަލެއް އިލޮށިފަތި ފެނުމާއެކު ވޫސްލާފައި ދުއްވައިގަތްގޮތަށް އޭނައާއި މުޑިނޭރީވެސް ކިރިޔާއެވެ. ޖަމީލާ ބުޅާ ލޯމަތިން ގެއްލުމުން އޭނައަށް ނަޒަރު ހުއްޓައިލިއެވެ. " ހަމްޒާ ސިޓީ ފޮނުވާދޯ...ދުވަހަކުވެސް އެ ސިޓީގައި ހުންނަ ވާހަކަތަކެއް މަންމައަށް ކިޔާނުދެމެއްނު......" "ކޮން ސިޓީއެއްތަ މަންމާ؟" އޭނަގެ މެޔަށް ފިނިވެގެން ދިޔުމާއެކު ލޯބޮޑުވެ މުޅި ނަފުސް ސަމާލުވެލިއެވެ. މަންމަ ޖަވާބެއް ނުދިނެވެ. "މަންމާ..." އޭނަގެ އަޑަށް ހަރުކަށިކަމެއް ވެރިވިއެވެ."ސިޓީއެއް ދުވަހަކުވެސް ނުލިބޭ..." ޖަމީލާ ހީގަތެވެ. ކުޑަކުއްޖެއްފަދަ މައުސޫމް ހުނުމެކެވެ." ލިބުނު.....ތި ކޮޓަރިން ބައިވަރު ސިޓީތައް ފެނުނު...ސިޓީތައް ކިޔާފައި ބަހައްޓާފައި ހުރީ....ދެން އަންދައިލީނު...." އޭނައަށް ލަސްލަހުން ފިޔަވަޅު ފަހަތަށް އެޅުނުއިރު ހިތުގެ ވިންދު ދެގުނަ އިތުރުވިއެވެ."މަންމާ ސިޓީއެއް ނުލިބެއޭ......" ޖަމީލާ އޭނަ ކިޔާ އެއްޗަކަށް ފަރުވާލެއް ނުބަހައްޓާ ކުނިކަހަން ފެށިއެވެ. އިރުކޮޅެއްފަހުން ސިއްސައިގެންގޮސްފާ އަނބުގަހުގެ ގޮފިތަކަށް ބަލަން ފެށިއެވެ. "އަނބުގަހަށް އެރިޔަނުދޭތި..އޭނަ ވެއްޓިދާނެ. އަބަދުވެސް ވެއްޓޭ ވިއްޔަ...." ނާޒުކް، ބޯ އަދި އުދަގޫދެނިވި ހިމޭންކަމެއް ފެތުރުނެވެ. "ކާކުތަ؟" އޭރު ޖަމީލާގެ އަތުން އިލޮށފަތި ދޫވެ ފައިތިލަ ކައިރީ ޖެހުނީ މަޑު އަޑަކާއެކުގައެވެ. އޭރުވެސް މަންމަގެ ނަޒަރު ހުރީ ގަހަށް ހުއްޓިފައެވެ. މާޒީގެ އަނދިރިކަމުގެ ތެރެއަށް ފީނައިގަތް ފަދައެވެ. އޭނަގެ ކަރުތެރެ ހިކޭގޮތްވިއެވެ. "މަންމާ......" ޖަމީލާ އެނބުރުނެވެ." މިސްރަށް ދަންޏާ.......ބައްޕަ ގާތުން ހުއްދަ ހޯދާ. އަދިވެސް ބައްޕަ ގެއަށް ނާދެެއެއްނު....." މަންމަގެ އެ ހަމަނުޖެހޭ ލަފުޒުތަކުގެ ސަބަބުން މެޔަށް އުދަގޫވެ އަވަހަށް އަނެއް ފަރާތަށް އެނބުރުނެވެ. އޭނައަށް ނޭގުނީ ހިތަށް ބޮޑަށް އަނިޔާ ލިބުނީ މަންމަގެ ހަމަނުޖެހޭ ވާހަކަތަކުން ނޫނީ މަންމަގެ އަޑުގައިވި މަޑުމައިތިރިކަމުން ކަމެވެ. އޭނަ ބާރުބާރަށް ހިނގާފައި ގޮސް ގެއަށް ވަނެވެ. އޭނަ އަމިއްލަ ނަފުސަށް ވިސްނައިދޭން މަސައްކަތްކުރީ މަންމައަށް ދިމާ ވާ ހާލަތަކީ ސްޓްރެސްކަމުގައެވެ. ނޫނީ މާބޮޑަށް ވަރުބަލިވަނީއެވެ. އޭނަ ފުރާ ވާހަކަ ބުނުމުން މަންމައަށް އެކަންތައް ނަގައި ގަންނަން ދަތިވީއެވެ. ފަހުން ހަމަޔަކަށް އެޅިދާނެއެވެ. އޭނައަށް މަންމަގެ ސިކުނޑީގެ މައްސަލައެއް ނެތްކަން ޔަގީންވީ ތަންކޮޅެއް ފަހުންނެވެ. މަންމަ ބަލިކަމުގެ އެއްވެސް ނިޝާނެއް ނެތެވެ. އެ ދުވަހު މަންމަ ސަލަވާތްކިޔަވަން އިނދެފައި އޭނައަށްވެސް ހަނދާންކޮށްދިނީ ސަލަވާތް ކިޔެވުމަށެވެ. ޚާއްސަކޮށް ހުކުރުދުވަހު ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްއަށް ސަލަވާތްކިޔެވުމުގެ ފައިދާގެ ވާހަކަ މަންމަ ދެއްކިއެވެ.އަދި އެ ހަދީސް އަރަބިބަހުން މަންމަ ކިޔާދިނެވެ. އައުސް އިބްން އައުސް ރިވާކުރެއްވި ހަދީސެއްގައިވެއެވެ. އެންމެ މާތް ދުވަހަކީ ހުކުރުދުވަހެވެ. އެދުވަހަކީ އާދަމްގެފާނު ޚަލްގުކުރެއްވުނު ދުވަހެވެ. އަދި އެކަލޭގެފާނު ސުވަރުގެ ވަޑައިގަތީވެސް އެދުވަހުއެވެ. ތާޅަފިިލި ފުންމަވައިލެއްވޭނީ ހުކުރުދުވަހެއްގައެވެ. ހެއްދެވިހާ އެއްޗެއް ފަނާވެގެންދާނެ ދުވަހެވެ. އެހެންވީމަ ހުކުރުދުވަހު ގިނައިން ސަލަވާތްކިޔަވާށެވެ. އެ ސަލަވާތް ތިމަންކަލޭގެފާނަށް ލިބިވަޑައިގެންނަވާނެއެވެ. މިރިއަމް އަލަމާރި ހާވަންހުރީ ދަތުރުގެންދާނެ އެއްޗެހި ތައްޔާރުކޮށްލުމަށެވެ. އޭނަގެ އަތުގައި ގެންދާނެ މާ ގިނަ އެއްޗެއް ހުންނަނީއެއްވެސް ނޫނެވެ. އަދި ދަބަހެއްވެސް ނެތެވެ. "ދަރިފުޅު... އުދަގޫވެ ދަތިވެފައިވާކަމެއްވާނަމަ ނޫނީ ބޭނުންވާކަމެއް އޮތްނަމަ ދުޢާކުރަން ޚާއްސަ ވަގުތުތަކެއްވޭ. ވާރޭ އެވެހެނީ އަދި ހުކުރުދުވަހުގެ އެންމެ ފަހު ގަޑި ގުނަމުން މިދަނީ... ހަދީސްގައިވާގޮތުން މުސްލިމް އަޅަކު ހުކުރުދުވަހު އެންމެ ފަހު ގަޑީގައި ކުރާ ދުއާ އަނބުރާ ރައްދުނުކުރައްވާނެ..އެކަމެއް ފުއްދަވާދެއްވާނެ.. އެހެންވީމަ މިވަގުތުގައި ދުޢާކުރަންވާނެ..މިހަދީސުން އެނގެނީ މިވަގުތު ކުރާ ދުޢާގެ ބާރުގަދަކަން.....މިއީ ކުރަން ރަގަޅު ދުޢާއެއް....." "اَللّٰهُمَّ قَنِّعْنِيْ بِمَا رَزَقْتَنِيْ ، وَبَارِكْ لِيْ فِيْهِ ، وَاخْلُفْ عَلَيٰ كُلِّ غَائِبَةٍ لِّيْ بِخَيْرٍ" މަންމަގެ ނަސޭހަތް ގަބޫލުކޮށްގެން އޭނަ އެހެން މަސައްކަތް ހުއްޓާލާފައި ވުޟޫކޮށްލައިގެން މުސައްލަމަތީގައި އިށީނެވެ. އޭނަގެ ސިކުނޑީގައިވަނީ ހަމްޒާއެވެ. އެރޭ އެކިގޮތްގޮތަށް ފިކުރުކުރުމަށްފަހު އޭނަ ނިންމީ ސަޔާރާއަށް ދަތުރުގެ ޚަބަރު ދިނުމަށެވެ. އެކަމަކު މަންޒިލްއަކީ އަދި ސިއްރެކެވެ. "ކޮންތަނަކަށް ދަނީ؟" "ކުޑަ ޗުއްޓީއަކަށް..ފުރަތަމަ މާލެއަށް ދާނީ. ހަފްތާއެއްފަހުން އެނބުރި އަންނާނަން...." "އިންޝާﷲ.."ސަޔާރާ ކިޔައިލިއެވެ. "ސަޔާ...."މިރިއަމް ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ."އަހަރެން ހިތަށް އަރަނީ....ސަޔާ ގެ މަންމަ.....އަހަރެންގެ މަންމަ އުޅޭނޫޅޭ ގޮތް ކޮންމެވެސް ވަރަކަށް ބަލައިލެވޭނެ ހެއްޔޭ...ދުވާލު ދެއިރު ނަމަވެސް..އެޓްލީސް އެންމެ ފަހަރަކުވެސް.." "އަހަރެން ރޭގަނޑު ތިގޭގައި ހުރުން ކިހިނެއްވާނެތަ؟މަންމައަށް އެކަނި ތިގޭގައި ނިދަން އުދަގޫވާކަން އެނގޭތީ މިހެން ބުނީ...." ސަޔާރާގެ ޖުމްލައިން އޭނަ ހައިރާންވިއެވެ. ކިހާ އޯގާތެރި ކުއްޖެއްހެއްޔެވެ؟ކިހާވަރަށް ވިސްނާހެއްޔެވެ؟ އެކަމަކު އޭގެކުރިން އޭނަވެސް އެކަމާއި ވިސްނާލާފައި އަވަށްޓެރިއެއްކަމަށްވާ ޒުލޭޚާ އެގޭގައި ނިދާގޮތަށް ވަނީ ހަމަޖައްސާފައެވެ. އެންމެ ހަފްތާއަކަށް ނޫންހެއްޔެވެ؟ ރޭގަނޑު ކެއުމުގެ ފަހުން ސަޔާރާ ދަބަހެއް ގެނެސްދިނެވެ. އޭނަ އިންތިހާއަށް ޝުކުރުވެރިވިއެވެ. ކޮޓަރީގައި ދަބަސް ތައްޔާރުކޮށްލަން އުޅެނިކޮށް މަންމަ ދޮވެފައިވާ ހެދުންތައް ހިފައިގެން އައިސް ދޮރުމަތީގައި ހުއްޓުނެވެ. އަދި އަސާރަ ފުޅިތަކާއި ބަތާއިއެކީ ކެވޭކަހަލަ އެކި ސާމާނުތައްވެސް ހުއްޓެވެ. މަންމަ މިހުރިހާ އެއްޗެއް ތައްޔާރުކޮށްލީ ކޮންއިރަކުހެއްޔެވެ؟ ހަފްތާއަކަށްވާ ވަރަށްވުރެ ގިނައެވެ. "މަންމާ..އަބަދަށްޓަކާ ދަނީއެއްނޫން. މިހާ ގިނަ ކާއެއްޗެއްސެއް ބޭނުމެއްނޫން. ފަޅު ސަހަރާއަކަށް ނޫނެއްނު..މި ދާ ތަނުގައިވެސް ފިހާރަތައް ހުރޭ.." އޭނަ ހެދުންތައް ރީތިކޮށް ފައްޖަހާފައި ދަބަހަށް ލާންފެށިއެވެ. މަންމަ ޖަވާބެއް ނުދިނުމުން އޭނަ އިސްއުފުލައިލިއިރު މަންމަގެ އަތުގައިހުރި ހެދުންތައް ބޮނޑިއަކަށް ބިންމައްޗަށް ވެއްޓިފައިވިއެވެ. މަންމަގެ ނަޒަރު ހުރީ ކޮންމެވެސް އެހެން ދިމާލަކަށް ހުއްޓިފައެވެ. "އޭނަ އެހެރީ އައިސް..."މަންމަ ވައިއަޑަކުން ބުނެލިއެވެ. "ކީކޭ މަންމާ...ކާކު؟" މަންމަ ލޯބޮޑުކޮށްގެން ހުރެ އެކި ދިމާލަށް ލޯ ހިންގައިލިއެވެ." ފުރަތަމަވެސް ބުނިން އޭނަ ކައިރީ ޓަކިނުޖަހާ ނުވަންނާށޭ...އެކަމަކު ހަނދާނެއް ނުހުރޭ. ހަމަ އެހެން ވަދެލާފައި ބުނާނެ ގޭގައި އެބަ ދުވައޭ އެއްޗެއް ފިހާ ވަސް.." އޭނައަށް އިހުސާސްވީ މައިބަދައިގާ ފިނި ރާޅެއް ދުވެލިހެންނެވެ. "މަންމަ ތި ކިޔަނީ ކީކޭތަ؟" އޭނަ އެއްވަރަކަށް އަޑު ހިފަހައްޓަން މަސައްކަތްކުރިއެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ