އީރާނުން ފަރުބަދަތަކުގެ އަޑީގައިވާ ހަތިޔާރުގެ ބިންގަރާސް ސިޓީއެއް ދައްކާލައިފި

ތެހެރާން (26 މާޗް 2025): އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދޭނެކަމަށް ބުނެ އެމެރިކާ އިންޒާރުތައް ދެމުން ގެންދަނިކޮށް ފަރުބަދަތަކުގެ އަޑީގައި ހަދާފައިވާ ހަތިޔާރުގެ ބިންގަރާސް ސިޓީއެއްގެ ފޮޓޯތަކާއި ވީޑީއޯތައް އީރާނުން ދައްކާލައިފިއެވެ. މިއީ ކޮން ސަރަހައްދެއްގައި ހުރި ހަތިޔާރުގެ ބިންގަރާސް ސިޓީއެއްކަން ނޭނގުނު ނަމަވެސް މި ބިންގަރާހުގައި އީރާންވަނީ ވަރަށް ޕިންޕޮއިންޓް އެކުއުރެސީގައި އަމާޒަށް ވާސިލް މަތީ ފެންވަރުގެ ޓެކްނޮލޮޖީގެ އެތައް ހާސް މިސައިލެއް ހުރިތަން ދައްކާލާފައެވެ. ރިޕޯޓްތައް ބުނާގޮތުން އީރާން އަލަށް ދައްކާލި ހަތިޔާރުގެ ބިންގަރާސް ސިޓީއަކީ ފަރުބަދަތަކެއްގެ ދަށުންވެސް އަދި ވަރަށް ފުނުގައި ހަދާފައިވާ އަސްކަރީ ސިޓީއެކެވެ. އެތައް ކިލޯމީޓަރަކަށް ދެމިގެންދާ މި ސިޓީގައި ދުރުރާސްތާއާއި ކުރު ރާސްތާ އަދި މެދުރާސްތާގެ ބަލިސްޓިކް މިސައިލް އާއި ކުރޫޒް މިސައިލް ހިމެނުމުގެ އިތުރުން ސިފައިން ތިބޭނެ ތަންތަނާއި ކޮމާންޑް ސެންޓަރުތަކާ އަދި ހަތިޔާރު އުފައްދާ ކާރުޚާނާތައް ހިމެނޭ ސިޓީއެކެވެ. ތަޖްރިބާކާރުން ވިދާޅުވާގޮތުގައި އީރާނުގެ ބޮޑުބަޔަކީ ފަރުބަދަތައް ކަމުން އީރާނުގެ ނިއުކްލިޔާ ހައްސާސް މަރުކަޒުތައް ބިނާކޮށްފައިވަނީ އެގައުުމުގެ އެކިކަންކޮޅުތަކުގައިވާ ފަރުބަދަތަކުގެ އަޑީގައެވެ. އެކި ބާވަތުގެ މިސައިލްގެ ސްޓްރެޓީޖކް ސްޓޮކް ތައްވެސް ބިނާކޮށްފައިވަނީ ބަރުބަދަތަކުގެ އަޑީގައެވެ. އީރާނުގެ ބިން ގަރާސް ސިޓީއެއްގައި ހަތިޔާރު އެމެރިކާ އާއި ކުރީގެ އިނގިރޭސިވިލާތާ އަދި ކުރީގެ ސޮވިއެޓް ޔުނިޔަންފަދަ ބޭރުގެ އިސްތިއުމާރީ ބާރުތަކުން އަފްޣާނިސްތާނަށް އަރައިގަތުމުން އަސްކަރީ ގޮތުން ނާކާމިޔާބު ބަލިވެގެން ފައިބަން ޖެހިފައިވާ އެއް ސަބަބަކީވެސް އަފްޣާނިސްތާނުގެ ބޮޑުބަޔަކީ ގަލާއި ހިލައިގެ ފަރުބަދަތަކަށް ވުމެވެ. އީރާނުގެ ބޮޑުބަޔަކީވެސް ގަލާއި ހލައިގެ ފަރުބަދަތަކެވެ. އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދޭނެކަމުގެ އިންޒާރުތައް އެމެރިކާއާއި އިސްރާއީލު ދެމުން ގެންދާ 20 ނުވަތަ 25 އަހަރު ވެފައިވާއިރުވެސް މިހާތަނަށް އެދެގައުމަށް އެކަން އެއްވެސް ވަރަކަށް ކުރަން ކެރިފައި ނުވަނީ އީރާނުގައި ފަރުބަދަތައް ގިނަވެފައި ނިއުކްލިޔާ ހައްސާސް މަރުކަޒުތައް އެތަންތަނުގެ އަޑީގައި ހުރުމާއެކު ދޭ ހަމަލާތައް ނާކާމިޔާބު ވެދާނެކަމުގެ ބިރަށެވެ. ހަމަލާދީފިނަމަ އީރާނުން ދޭ ރައްދުގެ ސަބަބުން ގަލްފުގެ ތެލުގެ ސަޕްލައި އާއި އާގު ބޯޓު ފަހަރުގެ ހަރަކާތްތައް ހުއްޓި ދުނިޔޭގެ އިގްތިސާދަށް އާދަޔާ ޚިލާފު ލޮޅުމެއް އަރާނެތީ އެވެ. ގަލްފުގެ ތެރެއިންދާ ތެލުގެ ސަޕްލައި ހުއްޓިގެން ދިގުމުއްދަތަކަށް އީރާނާ ދެކޮޅަށް އެމެރިކާއަަށްވެސް ހަނގުރާމަ އެއް ނުކުރެވޭނެއެވެ. އަނެއްކޮޅުން އެމެރިކާއާއި އިސްރާއީލުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް އެދެގައުމުން އިސްވެ ދޭ ހަމަލާތަކުން އެތަންތަން ފުނޑާލެވޭނެކަމުގެ ޔަގީންކަން ނެތުމެވެ. ޔަގީންކަން ނެތްއިރު އެ ހަމަލާތަކަށްފަހު އަމިއްލަ ނަފްސުގެ ދިފާއުގައި ނިއުކްލިޔާ ހަތިޔާރު އުފެއްދުން ނޫންއެހެން ގޮތެއް ނެތްކަމަށް ބުނެ އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދާނެކަން ފާޅުގައި އިއުލާން ކޮށްފާނެ ކަމުގެ ބިރު އޮތުމުންނެވެ. އީރާނުގެ ބިންގަރާސް ސިޓީއެއް މިފަދަ ހާލަތެއްގައި ނިއުކްލިޔާ ހަތިޔާރު އުފައްދަން އީރާން ނިންމައިފިނަމަ އެކަމުގެ ޝަރުއިއްޔަތު އީރާނަށް ލިބި ނިއުކްލިޔާ ހަތިޔާރު އުފައްދާނެކަން އިއުލާނު ކުރުމުގެ ފުރުސަތު އީރާނަށް ލިބޭނެތީއެވެ. ދޭ ހަމަލާތަކަކުން އީރާނަށް މާއްދީ ގެއްލުންތަކެއް ލިބުނުނަމަވެސް އީރާނުން ވަރަށް އަވަހަށް އެކަން ފޫބައްދައި ނިއުކްލިޔާ ބާރަކަށް ވާނެތީއެވެ. މިފަދަ ހާލަތެއްގައި ނިއުކްލިޔާ ފެތުރުން މަނާކުރާ މުއާހަދާއިން އީރާން ވަކިވެ ނިއުކްލިޔާ ބާރަކަށް އީރާން ބަދަލުވެއްޖެނަމަ އެކަމުގެ ޒިންމާ ނަގަންޖެހޭނީ އީރާނަށް އިސްވެ ހަމަލާދޭ ފަރާތެއްކަމަށްވާތީ އެވެ. މިއީ ހަގީގަތުގައިވެސް އެމެރިކާއާއި އިސްރާއީލު ކަންބޮޑުވާ މައްސަލައެކެވެ. އީރާނަކީ ނިއުކްލިޔާ އޮޅިގަނޑުގައި އޮތް ގައުމެކެވެ. ބޭނުންވެއްޖެނަމަ ހަފްތާއެއްގެ ތެރޭގައި 3 ނިއުކްލިޔާ ބޮން އުފެއްދުމުގެ ފަންނީ އަދި އިލްމީ ގާބިލްކަން ލބިގެންވާ ގައުމެކެވެ. މިކަން އެޓަމިކް ހަކަތައާބެހޭ ބައިނަލްއަގްވާމީ އިދާރާއިން ކަށަވަރުކޮށް ދެއެވެ. އެމެރިކާވެސް މިކަން ދަނެއެވެ. އެއްވެސް ގައުމަކުން އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދީފި ނަމަ ނިއުކްލިޔާ ފެތުން މަނާކުރާ މުއާހަދާއިން ވަކިވާނެކަމުގެ އިންޒާރު އީރާން ވަނީ ދީފައެވެ. މި މުއާހަދާއިން ވަކިވެއްޖެނަމަ އެޓަމިކް ހަކަތައާބެހޭ ބައިނަލްއަގްވާމީ އިދާރާގެ އިޚްތިސާސުން އީރާން ބޭރުވާނެއެވެ. އެހިސާބުން އީރާނުގެ ނިއުކްލިޔާ ހަރަކާތްތައް ބަލައި ޗެކްކުރުމުގެ ހައްގު އެޓަމިކް ހަކަތައާބެހޭ ބައިނަލްއަގްވާމީ އިދާރާއަށް ގާނޫނީ ގޮތުން ގެއްލުނީއެވެ. އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އެމެރިކާ އެދޭގޮތެއްގެ މަތިން ދެމަސް ތެރޭގައި އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓާލާގޮތަށް އީރާނާ ވާހަކަ ދައްކަން ތައްޔާރަށް އޮތްކަން ހާމަކުރައްވައި އީރާނުގެ ސަރުކާރަށް ސިޓީއެއް ފޮނުއްވާފައެވެ. އީރާނުން އަދި މި ސިޓީއަށް ޖަވާބެއް ނުދެއެވެ. އީރާނުގެ އިސްވެރިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބޮޑު ބައެއް އުވާލުމުން ނޫނީ އެމެރިކާއާ ސީދާ ގޮތެއްގައި ވާހަކަ ނުދައްކާނެކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާއާ ވާހަކަ ދައްކާފަދަ ހާލަތެއް އައިނަމަވެސް ނިއުކްލިޔާ ޕްރޮގްރާމް އެއްކޮށް ހުއްޓާލުމަށް އެއްބަސް ނުވާނެކަމަށް އީރާނުގެ އިސްވެރިން ވަނީ ވިދާޅުވެފައެވެ. އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވިގޮތުގައި އީރާނުން އިސްވެ އެއްވެސް ގައުމަކަށް ހަމަލާއެއް ނުދޭނެއެވެ. ނަމަވެސް އެއްވެސް ގައުމަކުން އީރާނަށް އިސްވެ ހަމަލާދީ ހަނގުރާމަ ފަށައިފިނަމަ އީރާންވެސް އަމިއްލަ ނަފްސުގެ ދިފާއުގައި ހަނގުރާމަ ކުރާނެއެވެ. އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވަން އެމެރިކާ އާއި އިސްރާއީލު އިންތިހާއަށް މަސައްކަތް ކުރަނީ މުޅި ސަރަހައްދުގެ ނިއުކްލިޔާ ހަމައެކަނި ބާރުގެ ގޮތުގައި އިސްރާއީލު ބޭއްވުމުގެ ބޭނުމުގައެވެ. އިސްރާއީލަށް ބިރު ދެއްކޭ ފަދަ ހާލަތެއްގައި އެއްވެސް ގައުމެއް އޮތަ ނުދިނުމަށް އެދެގައުމު ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ. އަދި ހުރިހާ ގައުމަކަށް ބިރު ދެއްކޭ ފަދަ ހާލަތެއްގައި އިސްރާއީލު ބޭއްވުމުގެ ޒަޔަނިސްޓް ސިޔާސަތުގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ