އިމިގްރޭޝަންގެ ހިޔާނާތް: ހައްޔަރުކުރީ ސައްހަ ލިޔުން ހުރި ބިދޭސީންތަކެއް

އިމިގްރޭޝަނުގެ މުވައްޒަފުންތަކެއް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީން އަތުން ނާޖާއިޒު މަންފާތަކެއް ނެގި ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ތަފްސީލު ފުލުހުން މިރޭ އާއްމުކޮށްފި އެވެ. ފުލުހުން ބުނީ ބިދޭސީން ދިރިއުޅޭ ގެއެއް ފާސްކޮށް، ހައްޔަރުކުރީ ސައްހަ ލިޔުން ހުރި ބައެއް ކަމަށެވެ.
މައްސަލައިގެ ފެށުން- މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިންގެ އަތުން ފައިސާ ނެގި ކަމަށް ބުނާ މި މައްސަލައިގައި، އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ހިމެނޭ ގޮތަށް މިހާތަނަށް ފަސް މުވައްޒަފަކު ވަނީ ހައްޔަރުކޮށްފަ އެވެ. ޝައްމާންގެ ގެއިން ގިނަ އަދަދެއްގެ ފައިސާ ވެސް ވަނީ ހޯދައިފަ އެވެ.
ވީ ކިހިނެއް؟- ފުލުހުން ބުނީ މި މަހުގެ 12  ވަނަ ދުވަހުގެ ރޭ އިމިގްރޭޝަންގެ ތިން އޮފިސަރަކު ވަނީ ބިދޭސީންތަކެއް ދިރިއުޅޭ ގެއަކަށް ވަދެ، އިމިގްރޭޝަނުން އަމަލުކުރާ އުސޫލުތަކާ ހިލާފަށް އޮޕަރޭޝަނެއް ހިންގައިފައި ކަމަށެވެ. އެ އޮޕަރޭޝަނުގެ މައުލޫމާތު، ޝައްމާނަށް ކުރިން އެނގިވަޑައިގަންނަވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި:
އެއީ ކޮންޓްރޯލާ ޖެނެރަލްގެ ބިއުރޯ އަދި ބިއުރޯގެ ދަށުން ހިންގާ ޕްލޭނިން އާއި މީޑިއާގައި މަސައްކަތް ކުރާ ތިން މީހުން
އެ ތިން މީހުން ފުރަތަމަ، ބިދޭސީން ދިރިއުޅޭ ގެއަށް ގޮސް އެތަން ފާސްކުރި. އެރޭ ފަހުން އެފަދަ އޮޕަރޭޝަންތަކަށް ހާއްސަ ޓީމެއް އަލުން އެ ގެއަށް ފޮނުވައި ފާސްކުރުން ކުރިއަށް ގެންދިޔަ
ބިދޭސީންގެ ގެއިން ހޯދި ތަކެތި ގެންދިޔައީ އެ އޮޕަރޭޝަނުގައި ބައިވެރިވި މުވައްޒަފުން
ފުލުހުން ބުނިގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރި ހަތް ބިދޭސީންގެ އަތުގައި ވެސް ރަސްމީ ލިޔެކިޔުންތައް ހުއްޓެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު، ޖެހިގެން އައި ދުވަހުގެ ރޭ ދަންވަރު، އިމިގްރޭޝަނުގެ އޮފީސް ހުންނަ ގ. ސްޓާކްލައުޑްއަށް ގެންދިޔަ ކަމަށާއި އޭނާ ދޫކޮށްލީ، ޝައްމާނުގެ އިރުޝާދުގެ ދަށުން 'އާޖެންޓް' ކަމެއްގެ ގޮތުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި:
އެ ބިދޭސީ މީހާގެ ސްޕޮންސަރުގެ ހައިސިއްޔަތުން ހަވާލުވީ ދިވެއްސެއް
އެއީ މި މައްސަލައިގައި ހައްޔަރުކުރި އިމިގްރޭޝަންގެ މުވައްޒަފުގެ އާއިލާގެ މެމްބަރެއް
ބިދޭސީ މީހާގެ އަތުން ހޯދި ފައިސާ، އޭނާ ދޫކޮށްލި އިރު ކޮތަޅަކަށް އަޅައި އަނބުރާ ހަވާލުކުރި
އޭނާ ދޫކޮށްލުމުން ފުރަތަމަ ދިޔައީ ސްޕޮންސަރުގެ ސައިކަލުގައި
އެކަމަކު ވަކި ހިސާބަކުން އިމިގްރޭޝަނުގެ މުވައްޒަފުން އެތަނުގެ ވެހިކަލަކަށް އެރުވި
"އެ ވެހިކަލް މާލޭގެ އެކި ސަރަހައްދުތަކުގައި ދުއްވާފައިވާއިރު، ތަހުގީގަށް ގަބޫލުކުރެވޭ ގޮތުގައި 'ވަކި ކަންތައްތަކެއް ނިންމުމަށް ފަހު' ބިދޭސީ މީހާ ދިރިއުޅޭ ގެ ހުންނަ ސަރަހައްދަށް ވަނީ ގެންގޮސްފަ އެވެ،" ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުންޏެވެ.
ފުލުހުން ދެން ބުނިގޮތުގައި އިމިގްރޭޝަނުގެ ވެހިކަލްގައި އެތަނުގެ މުވައްޒަފުން ދެން ދިޔައީ ޝައްމާންގެ ގެއަށެވެ. އެ ގެއަށް ވަންއިރު އެ މީހުންގެ އަތުގައި ގިނަ އަދަދެއްގެ ފައިސާ ހުރި ކޮތަޅެއް އޮތް ކަމަށާއި ނުކުތް އިރު، ކޮތަޅު އޮތީ މުށުތެރޭގައި ބޮނޑިކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ.
ފަހުން ފުލުހުން ވަނީ ޝައްމާންގެ ގެ ފާސްކޮށް، އެ ގެއިން 250،000 ރުފިޔާ އާއި 10،000 ޑޮލަރު ހޯދައިފަ އެވެ.
އެ މައްސަލައިގައި އޭނާ މިހާރު ހުރީ ހައްޔަރުކޮށްފަ އެވެެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ