ތިބާގެ ޒަވާޖީ ޙަޔާތަށް ޒަހަރުލާން މީހަކު އުޅޭނަމަ އަޅަން އެންމެ ކާމިޔާބު ފިޔަވަޅު-

ތިބާގެ ޒަވާޖީ ޙަޔާތަށް ޒަހަރުލާން މީހަކު އުޅޭނަމަ އަޅަން އެންމެ ކާމިޔާބު ފިޔަވަޅަކީ ކޮބައިކަމާއިމެދު ބޮޑެތި ފޯރަމްތަކުގައި އަބަދުވެސް މަޝްވަރާ ކުރެއެވެ. ނަމަވެސް އަލަންޖެހޭނެ ފިޔަވަޅު ނިންމިފައެއް ނުވެއެވެ. ސަބަބަކީ އެކި މީހުންނަށް ކަންކަން ކުރިމަތިވާނީ އެކިގޮތަށް ކަމަށްވާތީއެވެ. 
އެޙާލަތުގައި ކެތްތެރިވެ ތަޤްވާވެރިވާން ބުނެފިނަމަ އުފައްދާ ސުވާލަކީ އެއިރުން އަނިޔާވެރިޔާ ބަލިކަށިވެ އޭނާގެ ކިބައިން ސަލާމަތްވެވޭނެތޯއެވެ؟ މިސުވާލުގެ ޖަވާބަކީ އޭނާ ގަދަވުމާއި ބަލިކަށިވުން ތިބާއަށް މުހިންމެއް ނޫނެވެ. ތިބާއަށް މުހިންމީ ތިބާއަށް ރަނގަޅު ގޮތް މެދުވެރިވެ އުފާވެރިކަން ލިބުމެވެ. 
ތިބާއަށް ދެރައެއް ދޭން ކޮންމެ ރޭވިޔަސް އެކަމަށް މަސައްކަތްކުރިޔަސް ތިބާ ކޮއްޕައި ވައްޓައިލާން މަސައްކަތްކުރިޔަސް އެމީހާގެ ފަހަތުން ނުދުވެ ކެތްރިވެ ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ! އެއިރުން ﷲ ތަޢާލާގެ ޙަޟްރަތުގައި ތިބާގެ ދަރަޖަ އުފުއްލަވާނެތެވެ. ތިބާ މަތިވެރިކުރައްވަވާނެތެވެ. 
އެއިރުން ދެން ވާނެގޮތަކީ ތިބާއަށް ލިބޭ އުފާވެރިކަން ބޮޑުވެގެން ދިއުމެވެ. އަނިޔާވެރިއެއްގެ ސަބަބުން ތިބާގެ ދިރިއުޅުމަށް ދެރަގޮތެއް މެދުވެރިވެއްޖެނަމަ ދެއްވަވާ ބަދަލު މާބޮޑުވާނެއެވެ. މާއުފާވެރިވާނެއެވެ! އެކަމުގެ ސަބަބުން މާބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެއެވެ. 
މިކަންކަމަށް ޝައްކު ނުކުރާށެވެ! މިކަންކަމަށް ﷲ ތަޢާލާ ވަނީ ޔަޤީންކަން ދެއްވަވައިފައެވެ. ކެތްތެރިވެ ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާ މީހަކު ބަލިކޮށް ނިކަމެތި ނުކުރެވޭނެކަމުގެ ޔަޤީންކަމެވެ. އިން ޝާ ﷲ 
ޔަޤީންކުރާށެވެ! މުހިންމީ ވަކިމީހަކާއިއެކު ދިރިއުޅެވުމެއް ނޫނެވެ. އުފާވެރިކަމުގައި ދިރިއުޅެވުމެވެ. ވީމާ މީހެއްގެ ބަހަށް ހެއްލިގެން ނަމަވެސް ތިބާ އާއި ވަކިވާން އުޅޭ މީހާ ވަކިވިއަދޭށެވެ! ތިބާއަށް ދެއްވަވަން އޮތް އުފާވެރިކަން ލިބޭނީ އޭނާއާއި ވަކިވެގެންނެވެ.
ޔަޤީންކުރަން އޮތް ކަމަކީ ޙަސަދަވެރިޔާ ތިބާއަށް ލާން އުޅޭ ޒަހަރަކީ ތިބާއަށްޓަކައި މާމުޔަށްވުރެ ފޮނި އެއްޗަކަށް ބަދަލުކޮށްދެއްވަވަން ﷲ ތަޢާލާ ކުޅަދުންވަންތަކަމެވެ. އެކަން ޔަޤީންކޮށް ކެތްތެރިވެ ތަޤްވާވެރިވާ ކޮންމެ މީހަކަށްވެސް އެކަން އެގޮތަށް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ