މަޑުއްވަރީގައި ބޭބެއަށް ވަޅިން ހަމަލާ ދިނީ 10 އަހަރުގެ ޖަލު ހުކުމެއްގައި ހުއްޓައި ދޫކޮށްލި މީހެއް މަޑުއްވަރީގައި ބޭބެއަށް ވަޅިން ހަމަލާ ދިނީ 10 އަހަރުގެ ޖަލު ހުކުމެއްގައި ހުއްޓައި ދޫކޮށްލި މީހެއް

ރ. މަޑުއްވަރީގައި ރޭ އެއްބަނޑު އެއްބަފާ ބޭބެއަށް ވަޅިން ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ އަކީ، މީހަކަށް ވަޅިން ހަމަލާ ދިން ކުށުގައި 10 އަހަރުގެ ޖަލު ހުކުމެއްގައި ހުއްޓައި، ދޫކޮށްލާފައިވާ މީހެއްކަން އެނގިއްޖެ އެވެ.
މަޑުއްވަރީން އަދަދު ނޫހާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ ދެބޭންގެ ދެމެދުގައި ރޭ ކުރި ޒުވާބެއްގައި ވަޅިއަކުން ހަމަލާ ދިނީ، އެރަށު ބީޗު ހައުސް، އިސްމާއީލް އާސިފު ކަމަށެވެ. އޭނާ ދިން ހަމަލާ ޒަހަމްވީ އެއްބަނޑު އެއްބަފާ ބޭބެ މުހައްމަދު މުއީން އަށެވެ.
މުއީންގެ ބޮލުގެ ދެ ތަނަށް ވަޅިން ހަމަލާދީފައިވެ އެވެ. މިހާރު އޭނާ އަށް ފަރުވާ ދެމުންދަނީ އުނގޫފާރު ހޮސްޕިޓަލްގަ އެވެ.
މުއިންއަށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ އާސިފަކީ ލަނޑާ ނަގާ ދޯންޏެއްގެ ތެރޭގައި 2019 ގައި ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދުއާ ދެމެދު އުފެދުނު ދެބަސްވުމެއްގައި ހައްމާދަށް ވަޅިން ހަމަލާދީ މޫދަށް އެއްލައިލި މައްސަލާގައި 10 އަހަރަށް ޖަލަށް ލާން ސެޕްޓެމްބަރު 2022 ގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ މީހެކެވެ.
ނޮވެމްބަރު 22، 2019 ގައި "ޖަރީ" ނަމަކަށް ކިޔާ ދޯނީގައި ހައްމާދުގެ ބޮލަށާއި ވާތު ކޮލަށާއި ވާތު ކަންފަތަށާއި ވާތު އަތްތިލައާއި އެ އަތުގެ އިނގިލިތަކަށާއި ތުންފަތަށާއި ބުރަކައްޓަށް ވަޅި ހަރައި ޒަހަމްކޮށްލާފައިވެ އެވެ.
އެ މައްސަލާގައި އާސިފްގެ މައްޗަށް ދައުލަތުން އުފުލީ މީހަކަށް ނުރައްކާތެރި ހާނީއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އެވެ.
ދައުވާއަށް އޭނާ އިންކާރުކުރި ނަމަވެސް, ކުށް ސާބިތުކުރަން ދައުލަތުން ގިނަ ހެކިތަކެއް ހުށަހެޅި އެވެ. އޭގެ ތެރޭގައި މައްސަލައިގެ ތަހުގީގުގައި ބައިވެރިވި ފުލުހުންނާއި ގިނަ އަދަދެއްގެ ސިއްރު ހެކިން ވެސް ހިމެނެ އެވެ.
ހައްމާދު ބުނެފައިވަނީ އޭނައަށް ހަމަލާދިނީ އާސިފް ކަމަށާއި އޭނައަށް ހަމަލާ ދިނީ ދޯނީގެ ތެރޭގައި އުޅެނިކޮށް ދީނީ ގޮތުން ހިޔާލު ތަފާތުވެގެން އުފެދުނު ދެބަސްވުމެއްގެ ތެރެއިން ކަމަށެވެ. އެކަމަކު އާސިފް ބުނެފައިވަނީ އެ އަނިޔާތަކަކީ އާނުގަނޑެއް ފަދަ ތަނެއްގެ މައްޗަށް ހައްމާދު ވެއްޓުމުން ލިބިފައިވާ ޒަހަމްތަކެއް ކަމަށެވެ.
ޖަލު ހުކުމެއް އިއްވާފައި ހުރި އާސިފް ދޫކޮށްލާފައި ވަނީ ކޮން އިރެއްގައި ކަމެއް، އަދި ކީއްވެގެންކަން ނޭނގެ އެވެ.
މަޑުއްވަރީން ވާހަކަ ދެއްކި ބައެއް މީހުން ބުނީ އޭނާ ދޫކޮށްލީ، "ނަފުސާނީ މައްސަލަތަކެއް އުޅޭތީ" ކަމަށް އަޑު އިވިފައިވާ ކަމަށެވެ.
ރޭ ހިންގި މާރާމާރީއާ ގުޅޭ ގޮތުން ފުލުހުން އަދި ބަހެއް ނުބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ