‏ޑިޖިޓަލް ގަވާއިދުތަކާ ހިލާފުވުމުން އެޕަލް އަދި މެޓާއަށް އީޔޫއިން ބޮޑެތި ޖޫރިމަނާތަކެއް‏ ‏ޑިޖިޓަލް ގަވާއިދުތަކާ ހިލާފުވުމުން އެޕަލް އަދި މެޓާއަށް އީޔޫއިން ބޮޑެތި ޖޫރިމަނާތަކެއް‏

‏ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ޓެކްނޮލޮޖީގެ ދާއިރާގައި އެންމެ ބާރުގަދަ ކުންފުނިތަކުގެ ތެރެއިން ދެ ‏‏ކުންފުންޏަކަށް ‏‏ބޮޑެތި ޖޫރިމަނާތަކެއް ކޮށްފިއެވެ.
މިއީ ޑިޖިޓަލް މާކެޓްސް އެކްޓް (ޑީއެމްއޭ) ގެ ދަށުން އީޔޫއިން ‏‏ކުރި ފުރަތަމަ ޖޫރިމަނާއެވެ. ‏‏އެޕަލް ކުންފުންޏަށް 500 މިލިއަން ޔޫރޯ (570 މިލިއަން އެމެރިކާ ޑޮލަރު) އަދި މެޓާ ‏‏‏ކުންފުންޏަށް 200 މިލިއަން ޔޫރޯ އިން ޖޫރިމަނާ ކުރުމަށް ބުދަ ދުވަހު ނިންމާފައިވެއެވެ‏‎.‎
‏އީޔޫގެ އެންޓިޓްރަސްޓް ރެގިއުލޭޓަރުން މި ޖޫރިމަނާތައް ނިންމީ އެއް އަހަރުދުވަހުގެ ތަހުގީގުތަކަށް ފަހުއެވެ. މި ތަހުގީގުތަކުގައި ބެލީ 2023 ވަނަ އަހަރު ތަޢާރަފްކުރެވުނު ޑީއެމްއޭ ގާނޫނާ އެއްގޮތަށް ކުންފުނިތަކުން ‏‏ޢަމަލުކުރޭތޯއެވެ. ‏‏ޑީއެމްއޭގެ މައިގަނޑު މަގުސަދަކީ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ ބާރުތައް ހިފެހެއްޓުމާއި، ކުދި ‏‏ވާދަވެރިންނަށް އެ ‏‏މާކެޓްތަކަށް ވަދެވޭނެ މަގުފަހިކޮށްދިނުމެވެ‏‎.‎
‏ޖޫރިމަނާކުރެވުނު ސަބަބުތަކުގެ ތެރޭގައި އެޕަލް އަށް ތުހުމަތުކުރެވެނީ އެޕް ޑެވެލޮޕަރުންނަށް އެޕް ސްޓޯއިން ބޭރުން ‏‏އަގުހެޔޮ ‏‏ޑީލްތަކަށް ބަދަލުވުމަށް ހުރަސްއެޅުމާއި، "ސައިޑްލޯޑިން" ކިޔާ އެޕް ސްޓޯތަކާއި އެޕްތައް ވެބްއިން ‏‏ޑައުންލޯޑް ކުރުމަށް ‏‏ހުރަސްއެޅުމެވެ. އެޕަލްއިން ތަޢާރަފްކޮށްފައިވާ "ކޯ ޓެކްނޮލޮޖީ ފީ" ކިޔާ އައު ފީއަކީ ޑެވެލޮޕަރުން ‏‏އައިއޯއެސް ބޭނުންކުރުމަށް ‏‏ހުރަސްއެޅޭ ގޮތަށް އޮތް އެއްޗެއްކަމަށް ޔޫރަޕިއަން ޔޫނިއަނުން ބުނެފައިވެއެވެ‏‎.‎
‏މެޓާއަށް ކުރެވުނު ޖޫރިމަނާއަކީ ފޭސްބުކް އަދި އިންސްޓަގްރާމްގައި 2023 ވަނަ އަހަރުގެ ނޮވެމްބަރ މަހު ‏‏ތަޢާރަފްކުރި "ޕޭ-‏‏އޯ-ކޮންސެންޓް" މޮޑެލް ޑީއެމްއޭ އާ ހިލާފުވުމުގެ ސަބަބުންނެވެ. މި މޮޑެލްގެ ދަށުން ޔޫޒަރުންނަށް ‏‏ދެ ‏‏ގޮތެއް އޮވެއެވެ: އިޝްތިހާރުތަކުގެ އާމްދަނީއަށް ބަރޯސާވާ ހިލޭ ހިދުމަތެއް ނުވަތަ އިޝްތިހާރު ނުހިމެނޭ ‏‏ހިދުމަތަކަށް ފައިސާ ‏‏ދެއްކުމެވެ. މި މޮޑެލް މިހާރުވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރުގައި ބަދަލުކޮށްފައެވެ‏‎.‎
‏އެޕަލް އިން ވަނީ މި ޖޫރިމަނާ ދެކޮޅަށް ދަޢުވާ ކުރާނެކަމަށް ބުނެފައެވެ. އެޕަލްއިން ބުނާގޮތުގައި އީޔޫގެ މި ‏‏ނިންމުމަކީ އެޕަލްގެ ‏‏ޔޫޒަރުންގެ ޕްރައިވަސީއަށާއި ސަލާމަތަށް ގެއްލުންވެދާނެ ނިންމުމެކެވެ. އެހެންމެ، އެޕަލްގެ ‏‏ޓެކްނޮލޮޖީ ހިލޭ ދޫކޮށްލުމަށް ‏‏މަޖުބޫރު ކުރަނީކަމަށް އެ ކުންފުނިން ބުނެއެވެ‏‎.‎
‏މެޓާއިންވެސް މި ނިންމުމަށް ފާޑުކިޔައި، ޔޫރަޕިއަން ކޮމިޝަނުން އެމެރިކާގެ ކާމިޔާބު ވިޔަފާރިތަކަށް އަމާޒުކޮށް ‏‏ގޯނާކުރާ ‏‏ކަމަށާއި، ޗައިނާގެ އަދި ޔޫރަޕްގެ ކުންފުނިތަކަށް ތަފާތު މިންގަނޑުތަކުން ހިންގުމަށް ހުއްދަ ދީފައިވާކަމަށް ‏‏ބުނެފައިވެއެވެ. ‏‏މެޓާގެ ޗީފް ގްލޯބަލް އެފެއާޒް އޮފިސަރު ޖޮއެލް ކަޕްލަން ވިދާޅުވީ މިއީ ހަމައެކަނި ޖޫރިމަނާއެއް ‏‏ނޫންކަމަށާއި، ކޮމިޝަނުން ‏‏މެޓާގެވިޔަފާރީގެ މޮޑެލް ބަދަލުކުރުމަށް މަޖުބޫރުކުރުމަކީ މެޓާއަށް ބިލިއަނުން ޓެރިފް ‏‏ނެގުން ކަމަށެވެ‏‎.‎
‏މި ޖޫރިމަނާތަކަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އީޔޫއާ ދެމެދު ދެބަސްވުން އުފެދިދާނެ ކަމެއް ކަމަށް ‏‏ބެލެވެއެވެ. ‏‏ކުރިން، ފެބްރުއަރީ މަހު، ޓްރަމްޕް ވަނީ އެމެރިކާގެ ކުންފުނިތަކާއި އުފެއްދުންތެރިންނަށް އެހެން ‏‏ގައުމުތަކުން ‏‏އަނިޔާވެރިވެގެން ދާނަމަ އެ ގައުމުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ‏‎.‎
‏އެއާއެކު، އީޔޫގެ މި ނިންމުންތަކުން އެނގެނީ ޓެކްނޮލޮޖީ ކުންފުނިތަކާ ދެކޮޅަށް 2023 ވަނަ އަހަރު ތަޢާރަފްކުރި ‏‏‏ގާނޫނުތައް ތަންފީޒުކުރުމުގައި އީޔޫ ދެމިއޮންނާނެކަމެވެ. އަލްފާބެޓް (ގޫގުލް) އަދި އެލޮން މަސްކްގެ އެކްސްގައި ‏‏ވެސް މިހާރު އީޔޫ ރެގިއުލޭޓަރުންގެ ޖޫރިމަނާތަކާ ކުރިމަތިލާން ޖެހިދާނެއެވެ‏‎.‎
‏އީޔޫގެ އެންޓިޓްރަސްޓް ޗީފް ޓެރެސާ ރިބެރާ ވިދާޅުވީ މީ ދެ ކުންފުންޏާމެދު ކަނޑައެޅި، ވަޒަންކުރެވޭ ފިޔަވަޅުތަކެއް ‏‏‏ކަމަށާއި، މި ފިޔަވަޅުތައް ކަނޑައެޅިފައިވަނީ ސާފު އަދި ލަފާކުރެވޭ ގަވާއިދުތަކަށް ބިނާކޮށްކަމަށެވެ. އީޔޫގައި ‏‏މަސައްކަތްކުރާ ‏‏ހުރިހާ ކުންފުނިތަކުން އީޔޫގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެ ކަމަށާއި، ޔޫރަޕިއަން ‏‏އަގުތަކަށް ‏‏އިހުތިރާމްކުރަންވާނެކަމަށް އޭނާ ވިދާޅުވިއެވެ‏‎.‎
‏ޔޫރަޕިއަން ޔޫނިއަންގެ މެމްބަރެއްކަމަށްވާ އެންޑްރިއާސް ޝްވާބް ކޮމިޝަނަށް ގޮވާލާފައިވަނީ ގޫގުލްގެ ފައިދާބޮޑު ‏‏އެޑްޓެކް ‏‏ވިޔަފާރިއާއި އެލޮން މަސްކްގެ އެކްސްއާ ދެކޮޅަށް ކުރިއަށްގެންދާ ތަހުގީގުތައް ދެމެހެއްޓުމަށެވެ. އޭނާ ވިދާޅުވި ‏‏ގޮތުގައި ހުކުމް ‏‏ތަންފީޒުކުރުމުގައި ލުއިތައް ދިނުމުން ޖުމްލަކޮށް ވާދަވެރިކަމުގެ ސިޔާސަތުގެ މުހިންމުކަމަށް ‏‏އަސަރުކޮށްފާނެކަމަށެވެ. ‏‏
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ