ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރާ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުއްވާލައްވައިފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ބިލާމެދު އަލުން ވިސްނުމަށް އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފި އެވެ.ރައީސް އޮފީހުން މިރޭ ނެރުނު ކުރު ބަޔާނެއްގައި ބުނިގޮތުގައި އެ ބިލު، "އަލުން ވިސްނެވުމަށް އެދިވަޑައިގެން" އަނބުރާ ރައްޔިތުންގެ މަޖިލީހަށް ރައީސް ވަނީ މިއަދު ފޮނުއްވައިފަ އެވެ. ބިލް ތަސްދީގު ކުރައްވަން ނުވަތަ އަނބުރާ ފޮނުވާލުމަށް ރައީސަށް ލިބިވަޑައިގަންނަވަނީ ޖުމުލަ 15 ދުވަހެވެ. މި ބިލު އަނބުރާ ފޮނުވާލަން ރައީސް ނިންމެވީ 13 ދުވަސް ފަހުންނެވެ.ސުޕްރީމް ކޯޓުގެ ބެންޗު ޖަތަކު ފަހަކަށް ތިރިކުރުމަށް އަވަސް އަރުވާލައިގެން ރައްޔިތުން މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 26 ވަނަދުވަހު އެވެ. ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދު މި ބިލް މަޖިލިހަށް ހުށައެޅީ ފެބްރުއަރޫ މަހުގެ 25 ވަނަ ދުވަހު އެވެ.އެ ބިލު މަޖިލީހުން ފާސްކުރިތާ ކުޑަ ވަގުތުކޮޅެއް ތެރޭ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މަގާމުން ސަސްޕެންޑްކޮށް، އެ ބޭފުޅުންގެ މައްޗަށް ސުލޫކީ މައްސަލަތަކެއް ބަލަން ފަށައިފަ އެވެ.ޖޭއެސްސީން އެގޮތަށް ނިންމީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރުމާ ގުޅޭ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ފަށަން ވަގުތު ކުޑަތަން ވެފައި ވަނިކޮށެވެ. ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުން އެ މައްސަލަ ވަނީ ހުއްޓިފަ އެވެ. ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ