ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކުއްލި ގޮތަކަށް ސަސްޕެންޑުކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އދ. އަށް ހުށަހެޅި މައްސަލައިގައި ސަރުކާރުން ޖަވާބުދާރީވާން އަންގައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ސަސްޕެންޑުކުރުމުން އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދު އޭނާ ސަސްޕެންޑުކުރި މައްސަލައިގައި ހުރި ކަންބޮޑުވުންތައް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުމުން އދ. އިން ވަނީ އެކަމާ ގުޅިގެން ސަރުކާރުން ޖޫން 2، ކުރިން ޖަވާބުދާރީވާން އަންގައިފަ އެވެ.
"އަޅުގަނޑު ހުށަހެޅި މައްސަލައިގައި ސަރުކާރުން ޖަވާބުދާރީވާން އެޕްރީލް 2، ގައި އދ. އިން ވަނީ ސަރުކާރަށް އަންގާފައި. އެންގީ ޖޫން 2، ގެ ކުރިން ޖަވާބުދާރީވާން،" ސުއޫދު އަދަދު އަށް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ސުވާލުކުރުމުން މިހާތަނަށް ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ސުއޫދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު، މަހާޒް އަލީ އާއި ޑރ. އަޒްމިރަލްދާ ޒާހިރު ވެސް ސަސްޕެންޑުކުރި އެވެ. އޭގެ ތެރެއިން އަޒްމިރާލްދާ ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައި ގާނޫނީ ވަކީލުންނާއި ފަނޑިޔާރުންގެ މިނިވަންކަމާ ބެހޭ އދ. ގެ ރެޕަޓުއާއަށް މައްސަލަ ހުށަހަޅުއްވާފަ އެވެ.
ސުއޫދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ އޭނާއާއެކު މަހާޒް އަލީ އާއި ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑު ކުރީ މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭގޮތަށް ގާނޫނުއަސާސީ ބަދަލު ކުރި މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔުމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރުދައްކައި އެ ކޯޓުގެ ކޮންޓްރޯލް ނަގަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ބުނެ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހަށް ހުސްނުއްސުއޫދު މައްސަލައެއް ހުށަހަޅާފައިވާއިރު، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރުމާ ގުޅިގެން އެ ކޯޓުގައި ދުސްތޫރީ އެއްވެސް މައްސަލައެއް ހިންގުމުގެ ފުރުސަތު މިހާރު ވަނީ ބަންދުވެފަ އެވެ.
ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ އަޑުއެހުން ފަށަން ކުޑަ ވަގުތުކޮޅަކަށްވެފައި އޮއްވައި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ ފެބްރުއަރީ 26، ގަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކުރި މައްސަލަތައް އދ. ގެ އިތުރުން އެމްބަސީތަކާއި ހައިކޮމިޝަންތަކުގެ ސަމާލުކަމަށް ވެސް ވަނީ ގެނެސްފަ އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ އެ ފަނޑިޔާރުންގެ ޖިނާއީ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށް ބުނެ އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ކޮމިޝަނުން ބަލަމުން ދަނީ ކޮން މައްސަލައެއް ކަމެއް ހާމައެއް ނުކުރެ އެވެ.
ފަނޑިޔާރުން ސަސްޕެންޑުކުރުމާ ގުޅިގެން ޖަވާބުދާރީވާން އދ. އިން ސަރުކާރަށް އަންގައިފި ފަނޑިޔާރުން ސަސްޕެންޑުކުރުމާ ގުޅިގެން ޖަވާބުދާރީވާން އދ. އިން ސަރުކާރަށް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ