ފްލެޓަށް ޝަރުތު ހަމައެއްނުވި: ވެގެން އުޅޭ ގޮތް ބަލަން މިދުއަމް ކައިރިއަށް

ބިންވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް އޭނާ ފުރަތަމަ ޝަރުތު ހަމަވި އެވެ. ފަހުން ޝަރުތު ހަމައެއް ނުވި އެވެ. މާލޭގައި ކުލީގެ ދިރިއުޅުމަކުން މުޅި ހަޔާތް މެހިފައި އޮތް މީހަކަސް، މާލޭގައި 'މެދުކެނޑުމެއް ނެތި' 15 އަހަރު އުޅުނު ކަން ސާބިތުނުވެގެން ކަމަށް ބުނެ އެވެ. އެ ފިރިހެން މީހާ އަތުގައި އޮތް ލިޔެކިޔުމެއް ހިފައިގެން، އުންމީދަކާ އެކީގައި، ދިޔައީ ހުޅުމާލޭގެ އެމްޕީއެލް ކެފޭގައި ބަހައްޓާފައިވާ އާންމުންގެ ޖަމިއްޔާގެ މޭޒުދޮށަށެވެ.
އޭނާގެ އަތުގައި އޮތް ލިޔެކިޔުންތައް ވަކިވަކިން، ވަރަށް ފަރުވާ ބަހައްޓައިގެން ޖަމިއްޔާގެ ރައީސް މިދުއަމް ސައުދު ގެންދިޔައީ ބަލަމުންނެވެ. ޝަރުތު ހަމަނުވީ 2019 އިން 2022އަށް މާލޭގައި އުޅުނު ކަން ފެންނަން ނެތިގެންނެވެ. އެކަމަކު މިދުއަމް ބެލިބެލުމުގައި އެ ހުރިހާ އަހަރަކު ވެސް އޭނާ މާލޭގައި އުޅުނު ކަމުގެ ލިޔުންތައް ހަމަ އެވެ. އެހެންވިއްޔާ ދެން މިވީ ކިހިނެއް ހެއްޔެވެ؟
އޭނާ އެންމެ ފުރަތަމަ ޕޯޓަލުން ފޯމު ލީއިރުގައި އެ ލިޔެކިޔުންތައް ހުރީ ނުލަ އެވެ. މި ބުނާ އަހަރުތަކުގެ ލިޔެކިޔުންތައް ލީ މިދިޔަ ސަރުކާރުގައި ޝަކުވާއަށް ހުޅުވާލި ފުރުސަތުގަ އެވެ. މި ސަރުކާރުން ލިސްޓު ރިވިއުކުރުމުގައި ބެލީ، އެންމެ ފުރަތަމަ ފޯމު ލީއިރުގައި ހުރި ލިޔެކިޔުންތަކަށް އެކަންޏެވެ.
މީގައި ޝަރުތު ހަމަނުވި ސަބަބު ފެންނަން އެބަ އޮތެވެ. އެގޮތަށް މި ބުނަނީ މުއްދަތު އެނގެން އޮތީމަ އެވެ. ބައެއް މީހުން ޑިސްކޮލިފައިވި ކަމަށް ބުނެފައި އޮތީ މާލޭގައި 15 އަހަރު އުޅުނުކަން ސާބިތުނުވާތީ އެކަންޏެވެ. ވަކި އަހަރުތަކެއް ވެސް ބުނެފައެއް ނެތެވެ.
އާންމުންގެ ޖަމިއްޔާގެ މޭޒުދޮށަށް ވެސް އެހީއަށް އެދި ދިޔަ ގިނަ މީހުންނަކީ މި ބުނާ ޝަރުތު ފުރިހަމަނުވެގެން ޝަކުވާ ހުށަހަޅަން ބޭނުންވާ މީހުންނެވެ. މިދުއަމް ބުނި ގޮތުގައި %80 މީހުން އައީ އެ ޝަރުތު ފުރިހަމަނުވެގެން ޑިސްކޮލިފައިކޮށްފައި އޮވެގެންނެވެ. ޕޮއިންޓް މަދުވެގެން ފްލެޓް ނުލިބެގެން އައި މީހުންނަކީ %20 އެވެ.
މި ރޯދަ މަހުން ފެށިގެން މޭޒު ބަހައްޓައިގެން އެ ޖަމިއްޔާއިން އެކަނި ވެސް 500އެއްހާ މީހުންނަށް ޝަކުވާ ހުށަހެޅުމުގައި ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ޖަމިއްޔާގެ ހެލްޕު ޑެސްކުން މި މަހު 14 ވަނަ ދުވަހާ ހަމައަށް އެހީ ފޯރުކޮށްދެމުންދާނެ އެވެ.
މި ގޮތަށް ޝަކުވާތައް ހުށަހަޅަން އެހީތެރިކަން ފޯރުކޮށްދިނުމުގައި ބުރަކޮށް އުޅެމުން ވެސް 'ދައުރު'އަށް އިއްޔެ އިންޓަވިއު ދެމުން މިދުއަމް ބުނީ އޭނާއަށް މުޅި މައްސަލަ ފެންނަނީ ގެންގުޅޭ އުސޫލުގަ އެވެ. ކުރީގެ ސަރުކާރުން ވެސް އުސޫލު ހެދިއިރު ބަލަން ޖެހޭ ކަންކަން ބެލިފައި ނެތުމުންނެވެ. މާނަކުރަން ޖެހޭ ކަންކަން އެކަށޭނަ ވަރަކަށް މަނާކޮށްފައި ނެތީމަ އެވެ.
ހާއްސަކޮށް 'މެދުކެނޑުމެއް ނެތި' މާލޭގައި 15 އަހަރު ދިރިއުޅެފައި ވާން ޖެހޭނެ ކަމުގެ ޝަރުތު ތަފްސީލްކޮށްދެވިފައެއް ނުވެ އެވެ. އެ ޝަރުތު ހަމަނުވެ ގިނަ ބަޔަކު ފަހުން ޑިސްކޮލިފައިވެގެން ދިޔައީ ވެސް އެހެންވެ ކަމަށް މިދުއަމް ބުންޏެވެ.
"ހިޔާ ފްލެޓްގެ އެޗް 7 ކެޓަގަރީން ފްލެޓް ދިން އިރުގައި ވެސް މިފަދަ ކަމެއް ތަޖުރިބާކުރިން. އޭގެ އުސޫލުގައި މި އޮންނަނީ ފިރިމީހާ މާލެ އަތޮޅުގެ ރިސޯޓެއްގައި އުޅެންޏާ ޕޮއިންޓް ލިބޭނޭ. އެކަމަކު ފަހުން ވިސްނުނީ އެހެން އަތޮޅެއްގެ ރިސޯޓްގައި އުޅުނަސް މައްސަލައެއް ނޫނޭ. އެކަމަކު ވެސް ދެން އުސޫލުގައި އެހެން އޮތަތީ ފަހުން ގިނަ ބަޔަކު ކެޓީ،" މިދުއަމް ބުންޏެވެ.
އޭރު އުސޫލު ތަފްސީލްނުކޮށްދީ އޮތުމުންނާއި އުސޫލު ބެލުމުގައި އިޖުރާއަތްތައް ވެސް ލިޔުމުން ފެންނަން ނެތުމުގެ ނަތީޖާއަކީ ދެ ސަރުކާރުގައި ޝަރުތު ހަމަވޭތޯ ބަލާއިރު ދެ ގޮތަކަށް އަމަލުކުރުމެވެ. އެއް އުސޫލެއް ނަމަވެސް އުސޫލު ހިންގީ މުޅިން ތަފާތު ދެ ގޮތަކަށެވެ. ފޯމު ލާން ތިބި ފްލެޓަށް 'ހައްގު މީހާ'އަށް ވެސް މި ކަން ތަކުލީފަކަށް ވީ އެހެންވެ އެވެ.
"މީހަކު އޯ ލެވެލް ނިންމާފައި ވަޒީފާއަށް ނުކުތުމާ ދެމެދު ވެސް އަންނާނެ އަހަރެއް ދެ އަހަރެއް ހުސްކަމަށް. އޯ ލެވެލް ނިމިގެން އަދި ވަގުތުން ވަޒީފާއަކަށް ވެސް ނުނުކުންނާނެ. އޭނާ މާލޭގައި ހުރި ކަމަށް ދެއްކޭނެ ލިޔުމެއް ނޯންނާނެ،" މިދުއަމް ބުންޏެވެ.
"ކުރީގެ ސަރުކާރުގައިި ނިންމީ އޭނާ މާލެ ނޫން ތަނެއްގައި އުޅުނު ކަން ސާބިތުވާން ނެތިއްޔާ ދޫކޮށްލާނީއޭ. ފްލެޓް ދޭނީއޭ. އެކަމަކު އުސޫލުގައި މި ކަމެއް ފެންނާކަށް ނެތް." 
ކުރީގެ ސަރުކާރުގައި ޝަރުތު ހަމަވޭތޯ ބަލަން ސަރުކާރުން އިސްވެ ޑޭޓާބޭސްތަކުން މައުލޫމާތު އެއްކުރި އެވެ. ސްކޫލްތަކުގެ ސްކޫލް ފީ، ޕެންޝަން، އެންސްޕާ، ސިވިލް ސާވިސް، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)، އިކޮނޮމިކް މިނިސްޓްރީ، ފެމިލީ ކޯޓުގެ ޑޭޓާބޭސްތަކުން މައުލޫމާތު ނަގައިގެން ބެލި އެވެ. ނަމަވެސް މި ސަރުކާރުން އެ ކަމެއް ނުކުރެ އެވެ.
"އޭރު ސަރުކާރުން އާންމެއް ނުކުރޭ އެއީ ވެރިފައިކުރުމުގައި ބެލި ޕްރައިމަރީ ވެރިފިކޭޝަން ކަމެއް. ލިޔެކިޔުމަކުން ވެސް ފެންނާކަށް ނެތް. އުސޫލުން ވެސް އެ ކަމެއް ނުފެނޭ. ދެން މި ފަހުން އެމްޑީޕީން ބޭއްވި ޕްރެސްގައި އެކަން ފާހަގަކުރީ. މި ސަރުކާރުން ޕްރައިމަރީ ވެރިފިކޭޝަަށް މި ބެލީ، ފޯމާ އެކީގައި އެ މީހަކު ހުށަހެޅި ލިޔުން،" މިދުއަމް ތަފްސީލްކޮށްދިނެވެ.
އޭނާ ދެކޭ ގޮތުގައި މާލޭގައި 15 އަހަރު އުޅުނުކަން ސާބިތުކުރުމަކީ ވެސް ދަތި ކަމެކެވެ. މި 15 އަހަރު މި ދިމާވަނީ 2007 އިން 2022 އަށެވެ. ޕެންޝަން ތައާރަފުވަނީ 2009 ހިސާބުގަ އެވެ. ގިނަ ޕްރައިވެޓް ވިޔަފާރިތައް ޕެންޝަންގެ ތެރެއަށް ވަންނަނީ 2011-2012 ހިސާބުގަ އެވެ. ވަޒީފާގައި އުޅުނު ކަމުގެ ލިޔުން ނުލިބިއްޖެ ނަމަ އެކަން ނުވީ އެވެ.
ކޮންމެ މީހަކީ ވަޒީފާއަށް ދާނެ މީހެއް ވެސް ނޫނެވެ. އަމިއްލަ މަސައްކަތްކޮށްގެން ފައިސާ ހޯދާ ކިތަންމެ ބަޔަކު ވެސް އެބަ އުޅެ އެވެ. އޭނާ ހުށަހަޅާނެ ލިޔެކިޔުމަކަށް އޮންނާނީ ކުއްޔަށް ނެގި ތަންތަނުގެ އެއްބަސްވުމާއި ދަރީންގެ ސްކޫލް މައުލޫމާތެވެ. އެ ގޮތަށް ބެލި ނަމަވެސް ސްކޫލަށް ދަރިއަކު ވައްދާނީ ވެސް ތިން-ހަތަރު އަހަރުގަ އެވެ.
"މީރާގެ ޑޮކިއުމަންޓްސް ބެކް ޑޭޓަށް ބަހައްޓަން ޖެހެނީ ފަސް އަހަރު. ސްކޫލްތަކުގައި ދަރިވަރުންގެ މައުލޫމާތު ވެސް ބަހައްޓަން ޖެހެނީ ފަސް އަހަރު. ކުންފުނިތަކުގެ މުވައްޒަފުންގެ މައުލޫމާތު ވެސް މި ބަހައްޓަނީ ފަސް އަހަރު. އެކަމަކު މި މީހުން އެބަ ބޭނުންވޭ 15 އަހަރުގެ މައުލޫމާތު. ހުށަހަޅާ ލިޔެކިޔުމެއް ވެރިފައިކުރަން ވެސް އިތުރަށް ބެލޭނެ ގޮތެއް ނޯންނާނެ،" މިދުއަމް ބުންޏެވެ.
ޝަކުވާ ހުށަހަޅަން ސަރުކާރުން މި ފަހަރު ހުޅުވާލީ އިތުރު ލިޔެކިޔުމެއް ހުށަނޭޅޭ ގޮތަށެވެ. އެއީ ކުރީގެ ސަރުކާރުގައި އިތުރު ލިޔެކިޔުމާ އެކު، ޝަކުވާ ހުށަހަޅަން ފުރުސަތު ދީފައި އޮތުމުން ކަމަށް ސަރުކާރުން ބުނެ އެވެ.
އެކަމަކު ކުރިން ހުޅުވާލި ފުރުސަތުގައި ޝަކުވާ ހުށަހަޅަން ފުރުސަތު ދީފައި އޮތީ ފުރަތަމަ ބުރުގައި ޝަރުތު ހަމަނުވާ ނުވަތަ ޕޮއިންޓް މަދުވި މީހުންނަށް އެކަންޏެވެ. ފުރަތަމަ ބުރުގައި ފްލެޓް ލިބުނު މީހުންނަށް ޝަކުވާ ހުށަހަޅާކަށް ފުރުސަތެއް ނުލިބެ އެވެ. އެކަމަކު އޭގެ ތެރެއިން ވަރަށް ގިނަ މީހުން މި ފަހަރު ޝަރުތު ހަމައެއްނުވެ އެވެ. އެ މީހުންނަށް ވެސް ލިޔެކިޔުން ހުށައެއް ނޭޅޭނެ އެވެ.
މިދުއަމް ގަބޫލުކުރާ ގޮތުގައި އޭގެ ނަތީޖާއަކީ ޝަކުވާ ހުށަހެޅުމުގެ ހައްގު ގިނަ ބަޔަކަށް ގެއްލުމެވެ. އެކަމުގެ ފަރުވާއަކަަށް ސަރުކާރުން ބުނެފައި އޮތީ ސަރުކާރަށް ވެރިފައި ކުރެވެން ހުރި މައުލޫމާތު ބަލާނެ ކަމަށެވެ. ނަމަވެސް ލިޔެކިޔުން ހުށަނާޅާ ވެރިފައި ނުކުރެވޭނެ ހާލަތުގައި ތިބި ފަރާތްތަކަށް ދިމާވާ މައްސަލައަށް ފަރުވާއެއް އަދި ނުލިބެ އެވެ.
އެ ކަމަށް ފަރުވާއެއްގެ ގޮތުން، އާންމުންގެ ޖަމިއްޔާއިން މި ވަގުތަށް ކުރަމުން އަންނަ ކަމަކީ އީމެއިލް މެދުވެރިކޮށް މިނިސްޓްރީއަށް އެ ލިޔެކިޔުންތައް ފޮނުވުމަށް ފަހު އެކަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ޝަކުވާގައި ފާހަގަކުރަނީ އެވެ.
ގިނަ ބަޔަކަށް ދިމާވެފައިވާ މި މައްސަލައާ މެދު މިދުއަމް އަދި އުންމީދު ދޫކޮށެއް ނުލަ އެވެ. ސަރުކާރުން އެކަމަށް ރިއާޔަތްކުރާނެ ކަމަށް ވެސް އޭނާ އުއްމީދުކުރެ އެވެ.
"ކިޔަވަން ބޭރަށް ދާން ޖެހިގެން، ބޭސްފަރުވާގެ ކަމަކަށް ބޭރަށް ދާން ޖެހިގެން އަހަރެއް ވަރު ގެއްލުނަސް ސަރުކާރުން އެ ކަމަށް ބަލާނެ ކަމަށް ބުނެފައި އެބަ އޮތް. ޝަކުވާގެ މަރުހަލާއަށް ފަހު ގިނަ ބަޔަކަށް ފުރުސަތު ލިބިގެން ދާނެ ކަމަށް އުންމީދުކުރަން،" މިދުއަމް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ