ރައީސްގެ ދެކަނބަލުން ހައްޖަށް ފުރާވަޑައިގެންފި
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައޫދީ އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޑރ މުޙައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. އެ ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލްގެ ދެކަނބަލުންނާއި، އިސްލާމިކް މިނިސްޓަރު މުޙައްމަދު ޝަހީމް އަލީ ސައީދާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ ދެކަނބަލުންނާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިޚް މުޙައްމަދު ލަޠީފްގެ ދެކަނބަލުންނާއި ޗީފް އޮފް ޕްރޮޓޮކޯލް، މުޙައްމަދު ޝަހުދީ ބައިވެރިވެވަޑައިގަންނަވައެވެ. ރައީސް އޮފީހުން ބުނީ، އެ ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންނާއި، އަރިހުގައި ވަޑައިގަންނަވާ ވަފުދުގެ ބޭފުޅުން ސައުދީ އަރަބިއްޔާގައި ތިއްބަވާނީ ސައުދީ ސަރުކާރުގެ ޚާއްސަ މެހެމާންދާރީގައި ކަމަށެވެ. މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ ބުރާސްފަތި ދުވަހެވެ. ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް މި އަހަރު ވަނީ 1،000 ކޯޓާ ލިބިފައެވެ. މީގެ ކުރިން، އާންމުންގެ ސުވާލުތަކަށް ރައީސް ޖަވާބުދެއްވާ ޕޮޑްކާސްޓް 'ރައްޔިތުންނާއެކު'ގައި އެ މަނިކުފާނު ވަނީ، އެ މަނިކުފާނުގެ ޙައްޖު ދަތުރުފުޅަކީ، ސަރުކާރުން އެއްވެސް ޚަރަދެއް ކުރަންޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެއީ، ހިލޭ ސައުދީ ރޯޔަލް ކޯޓުން ހަމަޖައްސައިދީފައިވާ ދަތުރުފުޅެއް ކަމަށާއި އެއީ ސައުދީގެ ފުރިހަމަ މެހެމާންދާރީގެ ތެރެއިން ދެއްވި ފުރުސަތެއް ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. މިދިޔަ އަހަރު ރައީސްގެ ދެކަނބަލުން ވަނީ އުމްރާގެ އަޅުކަމަށް ވެސް ސައުދީން ދެއްވި ފުރުސަތެއްގައި އެ އަަހަރުގެ މެއި މަހު ވަޑައިގެންފައެވެ. ރައީސް ވަނީ، މި ފަހަރުގެ ހައްޖަކީ ދިވެހި ޙައްޖުވެރިންނަށް އެންމެ ލުއި އަހަރަށްވާނެ ކަމަށް ވިދާޅުވެފައެވެ. ދިވެހި ހައްޖުވެރިންނަށް އެންމެ ބޮޑު ލުޔެއް ލިބެނީ ރާއްޖެއަށް މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުންނެވެ. އޭގެ ސަބަބުން، ރާއްޖޭން ހައްޖަށް ދާ މީހުން ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި މަޑުކުރަން ނުޖެހި, ވަގުތުން ހޮޓަލަށް ދެވެއެވެ. ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބުނީ ސީދާ ހޮޓަލުންނެވެ. އެއާޕޯޓުން ހޮޓަލަށް ދިއުމުގެ ކަންކަން ވެސް ވަރަށް ފަސޭހައެވެ. ދިވެހި ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު އިއްޔެ ފުރީ ހޯމަ ދުވަހު ކަމަށްވާއިރު، ފަހު ފްލައިޓް ފުރައިފައިވަނީ އިއްޔެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ