އަންނަ ބުރާސްފަތި ދުވަހު އިންޑިއާގެ އަރުނާޗަލް ޕްރަދޭޝްގެ ޔޫޕިއާގައި ފަށާ ސާފްގެ 19 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމު ދަތުރުކުރަން އޮތް ފްލައިޓެއްގެ ޝެޑިއުލަށް އައި ބަދަލެއްގެ ސަބަބުން ކަނޑައެޅި ޕްލޭނާ އެއްގޮތަށް ދަތުރުނުކުރެވި ޓީމު އުނދަގޫ ހާލަތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ރާއްޖޭގެ ޓީމުން، އިންޑިއާ އަށް ދިއުމުގެ ދަތުރު ފަށަން ހޯމަ ދުވަހު ހަވީރު އިރުއޮއްސުނުއިރު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފަ އެވެ. އެއީ، ކޮލަމްބޯ މަގުން ނިއު ދިއްލީ އަށް ދިއުމަށް ފަހު، އެ ތަނުން، މުބާރާތް ބާއްވާ އަނުރާޗަލް ޕްރަދޭޝްގެ ޔޫޕިއާ އަށް ދިއުމަށެވެ.
އެކަމަކު، ކޮލަމްބޯ އަށް މާލެ އިން ދާން އޮތް ފްލައިޓް ލަސްވެ، ދިއްލީ އަށް އޮތް ކަނެކްޓިން ފްލައިޓަށް ވަގުތަށް ދެވޭ ގޮތެއް ނުވުމުން، ޓީމު އެއްކޮށް މާލޭ މަޑުކުރަން މަޖުބޫރުވީ އެެވެ. އެއީ، ފަހުން ލަންކާ އަށް ދިޔަ ނަމަވެސް އިންޑިއާ އަށް ގޮސް އެކުގައި، ޓީމަށް އަރުނާޗަލް ޕްރަދޭޝަށް ދެވެން ނެތުމުންނެވެ. އެ އަށް ފަހު، މިހާރު ނިންމީ، މުޅި ޓީމު ތިން ގްރޫޕަކަށް ބަހާލައިގެން، އަނުރާޗަލް ޕްރަަދޭޝް އަށް ދާ ގޮތަށެވެ. އެ ގޮތަށް ދަތުރުކޮށްގެން، ޓީމު އެއްކޮށް މުބާރާތް ބާއްވާ ޔޫޕިއާގައި ހަމަވާނީ، މާދަމާ އިރުއޮއްސޭއިރު އެވެ. މާނަ އަކީ، ޓީމު ހަމަވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި، ރާއްޖޭން ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ މެޗަށް 24 ގަޑިއިރަށް ވުރެ ވަގުތު ކުޑަވާނެ އެވެ.
"ހުރިހާ ކަމެއް މި ދިމާވީ، މޫސުން ގޯސްވުމުގެ ސަބަބުން އެއް ފްލައިޓް ހަތަރު ގަޑިއިރަށް ޑިލޭވުމާ ގުޅިގެން. އިންޑިއާ އަށް ދިއުމަށް އަހަރެމެންގެ ކަނެކްޓިން ފްލައިޓް ކެޓި ހިސާބުން އަހަރެމެން ބޭނުމެއް ނުވީ، ކުޑަކުދިންތަކެއް ގޮވައިގެން، ގިނައިރުތަކެއް މަޑުކުރަން ޖެހޭގޮތަށް ފުރައިގެންދާން،" ޓީމުގެ އޮފިޝަލަކު "އަދަދު ސްޕޯޓްސް" އަށް ބުންޏެވެ.
އަރުނާޗަލް ޕްރަދޭޝްގެ އިތާނަގަރަށް އިންޑިއާ އިން ދުވާލަކު އޮންނަ ދެ ފްލައިޓް އޮންނަނީ، ނިއު ދިއްލީންނާއި ކަލްކަތާ އިންނެވެ. އެހެންކަމަށްވާއިރު، ކުއްލިއަކަށް މުޅި ޓީމަށް އެއްކޮށް ޓިކެޓް ހަމަޖައްސައިދީގެން އެކުގައި އައުމަށް ގޮންޖެހުންތަކެއް ހުރުމާ އެކު، ތިން ގްރޫޕަކަށް ބަހާލައިގެން ދަތުރުކުރަން ނިންމީ އެވެ. އެންމެ ފަހު ގްރޫޕް ފުރަން ހަމަޖެހިފައިވަނީ މިއަދު އެވެ.
މިއީ، ސާފް އިން، 18، 19 އާއި 20 އަހަރުން ދަށަށް ހާއްސަކޮށް، ބާއްވާ ހަތް ވަނަ މުބާރާތެވެ. ސާފް އިން އެ އަހަރެއްގެ މުބާރާތް ބާއްވާނެ އުމުރުފުރާއެއް ކަނޑައަޅަނީ، އޭއެފްސީ ކޮލިފައިން އަށް ވެސް ބަލައި، ކުޅުންތެރިންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ.
ނޭޕާލުގައި 2019 ވަނަ އަހަރު ބޭއްވި ސާފް 18 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައި ރާއްޖޭން ވަނީ ތިން ވަނަ ހޯދައިފަ އެވެ. އެންމެ ފަހުން، މިދިޔަ އަހަރު މުބާރާތް ބޭއްވީ 20 އަހަރުން ދަށަށެެވެ. އެ ގޮތުން، އެ މުބާރާތުގައި އިންޑިއާ އާއި ބޫޓާނާ ވާދަކޮށް ރާއްޖެ ކެޓީ ގްރޫޕް ސްޓޭޖުންނެވެ. މި ފަހަރުގެ މުބާރާތް ބުރާސްފަތި ދުވަހުން ފެށިގެން މި މަހު 18 އަށް އިންޑިއާގެ އަރުނާޗަލް ޕްރަދޭޝްގެ ޔޫޕިއާގައި ކުރިއަށްދާނީ 15،000 މީހުންގެ ޖާގައިގެ ޔުޕިއާ، ގޯލްޑަން ޖޫބިލީ ސްޓޭޑިއަމްގަ އެވެ.
ބުރާސްފަތި ދުވަހު، ބަންގްލަދޭޝާ ކުޅުމަށް ފަހު، ދެ ވަނަ މެޗުގައި ބޫޓާނާ ބައްދަލުކުރާނީ މި މަހު 13 ވަނަ ދުވަހު އެވެ.
ފްލައިޓަށް ބަދަލު އައުމުން ދަތުރަށް ބުރޫއެރި 19 އަހަރުން ދަށުގެ ޓީމަށް އުނދަގޫ ހާލަތެއް ފްލައިޓަށް ބަދަލު އައުމުން ދަތުރަށް ބުރޫއެރި 19 އަހަރުން ދަށުގެ ޓީމަށް އުނދަގޫ ހާލަތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ