ސަރުކާރުން އުޅެނީ ހަރަދު ކުޑަނުކޮށް ފޫނެއް ފަޔަށް ފެން ފުރަން: އެމްޑީޕީ

ސަރުކާރުން އުޅެނީ ހަރަދު ކުޑަނުކޮށް ފޫނެއް ފަޔަށް ފެން ފުރަން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ. 
ވީ ކިހިނެއް؟ - އެމްޑީޕީން މިހެން ބުނީ ސަރުކާރަށް ފައިސާ ހޯދުމަށް އެޗްޑީސީ އާއި އެމްއެމްއޭ ނިވާފަތްގަނޑަކަށް ހަދައިގެން، 15 ބިލިއަން ރުފިޔާ ޗާޕްކުރަން އުޅޭކަމުގެ ކަންބޮޑުވުން ފާޅުކޮށް މިއަދު އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި އިސްކޮށް އިންނެވި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އެއީ ސަރުކާރުގެ ފައިނޭންސިން ޕްލޭން ފެއިލްވުމުން، އެތެރޭގެ މާކެޓުން ފައިސާ ހޯދަން އެޗްޑީސީ ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ހިންގާ ވަރަށް މަކަރުވެރި، މުސްތަގުބަލުގައި އޭގެ ނަތީޖާ ހިތިވާނެ މުއާމަލާތެއް ކަމަށެވެ.
ބުނީ ކީކޭ؟ - އަމީރު ވިދާޅުވީ އިގްތިސާދުގައި ހުރި މައްސަލަތައް ހައްލުކުރަން ހަގީގަތުގައި ސަރުކާރުން މިހާރު ކުރަން ޖެހޭ ކަމަކީ ހަރަދު ކުޑަކުރުން ކަމަށެވެ. ބަޖެޓުގައި ހަރަދު ކުޑަކުރަން ރާވާފައިވާ ފިޔަވަޅުތައް މިހާރު ވެސް ބޮލާލައި ޖަހައި އަދިވެސް ސަރުކާރުގެ ހަރުދުތައް ދަނީ ބޮޑުވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ:
15 ބިލިއަން ޗާޕުކޮށްގެން މިވަގުތު ޕެންޑިން ބިލުތައް އަދާކުރެވުނަސް ހަރަދު ކުޑަނުކުރާ ނަމަ ޑެފިސިޓް ކުޑަނުކުރެވޭނެ 
މިހާ ހިސާބަށް އަންނަން ޖެހުނީ ހަރަދު ކުޑަނުކުރެވި ބަޖެޓަށް ފައިސާ ހޯދަން ސަރުކާރުން ނުކުޅެދިފައިވާތީ
ހަރަދު ކުޑަނުކުރާ ތަނުގައި ރާއްޖޭގެ އިގްތިސާދަށް ސަރުކާރުން މިހާރު ދެމުން މިދަނީ އިއާދަ ނުކުރެވޭނެ ގެއްލުމެއް
"ސަރުކާރުން ދައްކަން ޖެހޭ ފައިސާ ދައްކަންވީކީ އެމްްއެމްއޭ ބޭނުންކޮށްގެން މިގޮތަށް ފައިސާ ޗާޕުކޮށްގެނެއް ނޫނޭ އަޅުގަނޑުމެން މި ފާހަގަކުރަނީ. [އެކަން ކުރަންވީ] ހަރަދުތައް ކުޑަކޮށްގެން،" އަމީރު ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ދެން އިންނެވި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ވިދާޅުވީ މިހާރު ފެންނަމުން މިދަނީ މަޖިލީހާއި ޝަރުއީ ދާއިރާގެ އިތުރުން ރާއްޖޭގެ އެންމެ މުހިންމު އެއް މުއައްސަސާސް އަދި މާލީ އާއި އިގްތިސާދީ ކަންކަމާ ގުޅޭ އިދާރާ މަރުކަޒީ ބޭންކަށް ވެސް ސީދާ ސަރުކާރުގެ ނުފޫޒު ފޯރުވަމުން ދާތަން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއަދު ރާއްޖެ މިއޮތީ ފައިސާ ޗާޕުކުރަން ޖެހޭ ހާލަތެއްގައި ނޫނެވެ. އެކަން ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ވެސް ބަހެއް ނުހޯދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމާ ގުޅޭ މައުލޫމާތު ސާފުކުރަން އެމްއެމްއޭގެ ގަވަރުނަރު މަޖިލީހުގެ މާލީ ކޮމިޓީއަށް ހާޒިރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ