wެއެފްއޭއެމް ލީގު ކަޕް: ޓީސީ އާއި އޮޑީގެ ކުރިމަތިލުން އެއްވަރު wެއެފްއޭއެމް ލީގު ކަޕް: ޓީސީ އާއި އޮޑީގެ ކުރިމަތިލުން އެއްވަރު

އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، އެފްއޭއެމް އިން އިންތިޒާމުކޮށްގެން ބާއްވާ ސީނިއާ ފުޓްބޯޅައިގެ ފުރަަތަމަ މުބާރާތް ކަމަށްވާ އެފްއޭއެމް ލީގު ކަޕްގެ ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެ އެވެ.
މިއީ، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ޓީމުތައް ހިމެނޭ މުބާރާތެއް، 502 ދުވަސް ތެރޭ ކުޅުނު ފުރަތަމަ ފަހަރެވެ. އެންމެ ފަހުން، ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގެ މުބާރާތެއް ކުުޅުނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.
ލީގު ކަޕަކީ ފީފާ އިން ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން އޮގަސްޓަށް ފަސް ކުރަން އެންގުމުން ޓީމުތަކުގެ ޕްރެކްޓިސް ފަށާފައިވާތީ އާއި ގައުމީ ޓީމުގެ މުހިންމު މެޗުތަކެއް ހުރުމުން، އެފްއޭއެމް އިންް ފީފާ އަށް އެދިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ލީގު ކަޕްގައި ވާދަކުރަނީ، ފުރަތަމަ ޑިވިޝަންގެ ތިން ޓީމާއި ދެ ވަނަ ޑިވިޝަނުގެ ތިން ޓީމެވެ.
ފުރަތަމަ ޑިވިޝަނުން ވާދަކުރަނީ އޮޑި އާއި ޓީސީގެ އިތުރުން އެންމެ ފަހުން ހަތަރު އަހަރު ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. ދެ ވަނަ ޑިވިޝަނުން މި މުބާރާތުގައި ވާދަކުރަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބް އެވެ. ދެ ވަނަ ޑިވިޝަނުގެ ޓީމުތަކަށް ފުރުސަތު ދޭން ނިންމީ، ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގެ މެދުގައި މި މުބާރާތަށް ތަރުހީބު ކުޑަވުމުންނެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ގޯލެއް ޖެހޭތޯ ގިނަގުނަ މަަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބުވާ ގޮތެއްނުވި އެވެ. ސްރީ ލަންކާގެ ކެޕްޓަން، ސުޖަން ޕެރޭރާ، ޓީސީގެ ގޯލު ބެލެހެއްޓިއިރު، އޭނާ ކައިރިން އޮޑި އަށް ގޯލެއް ނުޖެހުނެވެ. އަދި، ޓީސީން ވެސް ފުރަތަމަ ޑިވިޝަނުގައި ކުޅުނު ގިނަ ކުޅުންތެރިންތަކެއް ތިބި އޮޑި ކައިރީގައި އެޓޭކުކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް ކުރި ނުހޯދުނެެވެ.
އެފްއޭއެމް ލީގު ކަޕްގެ ހަރަދުތަކަށް، ފީފާ އިން ވަނީ 50،000 ޑޮލަރު (771،000 ރުފިޔާ) ދީފަ އެވެ. މުބާރާތުގެ ގަވާއިދުގައިވާ ގޮތުން، ޗެމްޕިއަން ޓީމަށް، 3000،000 ރުފިޔާ ދޭން ވަނީ ނިންމައިފަ އެވެ. އަދި، ރަނަރަޕަށް 150،000 ރުފިޔާ ދޭއިރު، ފެއާޕްލޭ ޓީމަށް 50،000 ރުފިޔާ ދޭނެ އެވެ.
ލީގު ކަޕްގެ ލީގު ބުރުގެ ކުޅުން ނިމުމަށް ފަހު، މި މަހު 25 ވަަނަ ދުވަހު ގަދަ ހަތަރު ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗުތައް ކުޅޭނެ އެވެ. ފުރަތަމަ ސެމީގައި އެއް ވަަނަ ޓީމު ކުޅޭނީ ހަތަރު ވަނަ ޓީމާ ދެކޮޅަށެވެ. އަދި، ދެ ވަނަ ސެމީގައި ދެ ވަނަ އާއި ތިން ވަނަ ޓީމު ކުޅޭނެ އެވެ. ފައިނަލް މެޗު އޮންނާނީ މި މަހު 28 ވަނަ ދުވަހުގެރޭގަ އެވެ.
މުބާރާތުގައި މާދަމާ ހަވީރު 16:00 ގައި ކުޅޭ މެޗުގައި، ނިއު އިން ކުޅޭނީ މާޒިޔާއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ