އިންޑިއާގެ ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލްގައި ބައިވެރިވި ދިވެހި ބޭންޑު '2 އޮފް އަސް'އަށް އެ މުބާރާތުން ސެކަންޑް ރަނަރަޕް (ތިން ވަނަ) ލިބިއްޖެ އެވެ.
މިއުޒިކީ ދުނިޔޭގައި ޝަރަފުވެރި ސްޓޭޖެއްގެ ގޮތުގައި ބަލާ ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލްގެ ގްރޭންޑް ފިނާލީއަށް 2 އޮފް އަސް ދަތުރުކުރީ ދިވެއްސާއި ހިންދީ އެކި ލަވަތައް ހުށަހަޅައިދީ، މުބާރާތުގެ ގިނަ ބުރުތަކެއް ކަޑައްތު ކުރުމަށް ފަހު އެވެ.
އެގޮތުން ފުރަތަމަ ހަތަރު ބުރުގެ ހުށަހެޅުންތަކާއި އެލިމިނޭޝަން ބުރާއި ސެމީ ފައިނަލް އަދި ގްރޭންޑް ފިނާލީގައި 2 އޮފް އަސްގެ ލަވަތަކަށް ފަނޑިޔާރުންނާއި އެ ޝޯ ބެލި މީހުންގެ ފަރާތުން ހޫނު ތަރުހީބެއް ވަނީ ލިބިފަ އެވެ.
2 އޮފް އަސްގެ ލައިންއަޕް:
އަހުމަދު އަދުހަމް
މުހައްމަދު ނަސޫހު ބިން ނަސްރުއްދީން
އަބްދުﷲ ޝަމްރޫހު
އަހުމަދު ޖަޝީމް
އަހުމަދު ޝަހީދު (ޝަހީދު ލެގަސީ)
ގްރޭންޑް ފިނާލީ ފެށީ އަދުހަމްގެ އާއިލާއިން ފޮނުވި ވީޑިއޯ މެސެޖަކާ ވިދިގެން އޭނާގެ އަސަރުގަދަ ވާހަކަތަކަކަށް ފަހު އެވެ.
ފަހު ބުރުގައި 2 އޮފް އަސްއިން ފުރަތަމަ ހުށަހަޅައިދިނީ 'އެހެރީ ދިވެހި ނިޝާން' އާއި އެ ލަވައިގެ އަސްލު، ހިންދީ ލަވަ 'އެ މެރީ ޒޮހޮރަ ޖަބީން' އެވެ.
ލަވައިގެ ވަކި ހިސާބަކުން މެދުކަނޑާލުމަށް ފަހު ބަދަލުކޮށްލަނީ 1970ގެ ހިންދީ ފިލްމު، 'މޭރާ ނާމް ޖޯކަރު'ގެ ލަވައެއް ކަމަށްވާ 'ޖީނާ ޔަހާ، މަރުނާ ޔަހާ' އަށެވެ.
2 އޮފް އަސްގެ ހުށަހެޅުމާ ބެހޭ ގޮތުން ފަނޑިޔާރުން ބުނީ އެއީ ޖަޒުބާތުން ފުރިގެންވާ އަދި އަސަރުކުރުވި ހުށަހެޅުމެއް ކަމަށެވެ.
ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް ކާމިޔާބުކުރީ މޮރިޝަސް އެބަނޭޒް ބޭންޑެވެ. ފަސްޓް ރަނަރަޕް ނުވަތަ ދެ ވަނައަށް ދިޔައީ އަވަށްޓެރި ސްރީ ލަންކާގެ ނައިޓްސް ބޭންޑެވެ.
2 އޮފް އަސްއިން ހޯދި ތާރީހީ މޮޅަށް ތައުރީފުކޮށް ގިނަ އަދަދެއްގެ މީހުން އަންނަނީ ސޯޝަލް މީޑިއާގައި އެ ބޭންޑަށް މަރުހަބާ ކިޔަމުންނެވެ. ބައެއް މީހުން ވަނީ މިފަދަ ޝަރަފުވެރި މުބާރާތެއްގައި ވާދަކޮށް، ފަހުރުވެރި ވަނައަކާއި ރާއްޖެއަށް ރީތި ނަމެއް ހޯދައިދިނީތީ 2 އޮފް އަސް ޝުކުރު އަދާކޮށްފަ އެވެ.
މި ކާމިޔާބީގެ ކުރިން ހިމޭންކޮށް އޮތް ޔޫތު މިނިސްޓްރީން ވެސް ވަނީ އެ ބޭންޑަށް މަރުހަބާ ކިޔައިފަ އެވެ. ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު މުމްބާއިއަށް ވަޑައިގެން އެ ބޭންޑާ ބައްދަލު ވެސް ކުރެއްވި އެވެ.
2 އޮފް އަސް: ޝަރަފުވެރި މިއުޒިކީ ސްޓޭޖެއްގައި ފަހުރުވެރި ތިން ވަނަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ