ސުޕްރީމް ކޯޓުން ބޭއްވި އަޑުއެހުންތަކާއި، ނިންމި މައްސަލަތަކުގެ އަދަދު ވަރަށް ބޮޑަށް ދަށްވެއްޖެ ސުޕްރީމް ކޯޓުން ބޭއްވި އަޑުއެހުންތަކާއި، ނިންމި މައްސަލަތަކުގެ އަދަދު ވަރަށް ބޮޑަށް ދަށްވެއްޖެ

މިދިޔަ އަހަރާއި މި އަހަރާ އަޅައިބަލާއިރު، ސުޕްރީމް ކޯޓުން ނިންމި މައްސަލަތަކާއި، ބޭއްވި އަޑުއެހުންތަކުގެ އަދަދު މަދުވެފައިވާ ކަމަށް އެ ކޯޓުގެ ވެބްސައިޓުގައި ފެންނަން ހުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހުގެ ތެރޭގައި 25 މައްސަލަ ނިންމާފައިވާއިރު، މި އަހަރުގެ އެ މުއްދަތުގެ ތެރޭގައި ނިންމުނީ 15 މައްސަލަ އެވެ.
ކޯޓުން ނިންމި މައްސަލަތަކެކޭ އެއްގޮތަށް، ބޭއްވި އަޑުއެހުންތަކުގެ އަދަދު ވެސް ވަނީ ރެކޯޑު މިންވަރަކަށް މަދުވެފަ އެވެ. އެ ގޮތުން އަހަރުގެ ފުރަތަމަ ދެ މަހުގެ ތެރޭގައި 47 އަޑުއެހުން ބޭއްވިއިރު، ޖެހިގެން އައި ތިން މަހު ޖުމުލަ ބޭއްވީ އެންމެ 11 އަޑުއެހުމެވެ.
ސުޕްރީމް ކޯޓުން ބޭއްވި އަޑުއެހުންތަކުގެ އަދަދު މަދުވީ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރުމާ ގުޅިގެންނެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު، ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ސަސްޕެންޑުކުރީ ފެބްރުއަރީ 28، ގައި އެވެ.
ޖޭއެސްސީން މި ތިން ފަނޑިޔާރުން ވެސް ސަސްޕެންޑުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެވެ. މިއަދާ ހަމައަށް މި ބުނާ މައްސަލައިގެ އެއްވެސް މައުލޫމާތެއް އެއްވެސް އިދާރާއަކުން ހާމަނުކުރެ އެވެ.
ސަސްޕެންޑުކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ހުސްނުއްސުއޫދު ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފަ އެވެ. އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ސިޓީގައި ބަޔާންކުރެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކައި ނުފޫޒުފޯރުވާތީ، އެކަމާ އިހުތިޖާޖު ކުރެއްވުމެވެ.
ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަނުގައި ބޭތިއްބުމަށް ފަހު, އަޒްމިރަލްދާ އާއި މަހާޒް ވަކިކުރީ ރަައްޔިތުންގެ މަޖިލީހުންނެވެ. މިދިޔަ މަހުގެ 18 ގައި އެ ދެ ފަނޑިޔާރުން ވެސް ވަކިކުރީ، ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ