ވާހަކަ: މިތުރާ މަގޭ - ސައުވީސްވަނަ ބައި

25 މޭގެ ބަޔާ ގުޅޭ 
"ހޫރައިން..." ހަމްރާއު ބާރަށް ގޮވާލި ގޮތުން
ހޫރައިން ސިހުނެވެ.
އެނބުރުނުއިރު ހަމްރާއު ހުރީ ރުޅިއައިސްފަ އެވެ. އަތް
މުށްކަވާލައިގެން ބަލަން ހުރެލާފައި ފާރުގައި ޖައްސައިލީ އޭނަގެ ގަޔަށް އަތްލެވިދާނެތީ ކަހަލަ އެވެ. ހޫރައިން އައިސް ހުރި ރުޅި އާއި ހިތާމައިން ލޮލުން ކަރުނަ
އަ އެވެ. އޭނަ އެތަނުން ދާން އުޅުމުން ހަމްރާއު އަނެއް އަތުން އޭނަގެ
މުލައްދަނޑީގައި ހިފާ ހުއްޓުވައިފި އެވެ.
"ދެން ދުވަހަކުވެސް ތިހެން ނުބުނައްޗޭ،"
ހަމްރާއުގެ ޖުމްލަ ނިމުނުއިރު އެ ލޮލުގައިވި ރުޅި ފިނިވިތަން ފެނުނެވެ.
ތުންފިއްތައިލުމާއެކު ހޫރައިން އައިސް މޫނު ފޮރުވައިލީ
ހަމްރާއުގެ މޭގަ އެވެ. އެ ދެއަތުގެ ހިމާޔަތް ލިބުމުން ކަރުނައިގެ ސިފައިގައި ހުރިހާ
ޝަކުވާއެއް އޮހޮރިގެން ދާން ފެށި އެވެ. ހަމްރާއު ކުޑަކުއްޖަކު މަސަލަސްކުރާހެން
ހޫރައިންގެ ބުރަކަށީގައި ފިރުމަން ފެށި އެވެ. ތަކުރާރުކޮށް ނުރޯށޭ ބުނެލީ ނިކަން
އާދޭހާ އެކުގަ އެވެ. ހަމްރާއުގެ އަޑު ވެސް ހުރީ ކުރި އަސަރުން ބަރުވާ ގޮތް ވެފަ
އެވެ.
ހޫރައިންގެ އަޑު ކެނޑުނު ފަހުން ހަމްރާއު އޭނަގެ އަތުގައި
ހިފައިގެން ގެންގޮސް ގޮނޑީގައި ބޭންދި އެވެ. ހަމްރާއު އިށީނދެލީ ކައިރީގައި ހުރި
އަނެއް ގޮނޑީގަ އެވެ. ހޫރައިންގެ އަތުގައި ހިފާލައިފައި ގެނެސް އެ ދެއަތުގެ
ތެރެއަށް ލައިގެން އެ މޫނަށް ބަލަން ފެށިއިރު ހޫރައިން އިނީ އިސްޖަހާލައިގެންނެވެ.
"ހޫރައިން،" ހަމްރާއު ގޮވާލި އެވެ.
"ލެޓްސް ގޯ ޝޮޕިން!" ހޫރައިންގެ އެއްވެސް
ރައްދެއް ނައުމުން ހަމްރާއު އަލުން ވާހަކަދެއްކި އެވެ.
ހޫރައިން ކުއްލިއަކަށް އިސްއުފުލައިލީ އެ އަޑު އަހާފަ އެވެ.
"ރައިނާ އެހާ ބަލިއިރު އޭނަ ދޫކޮށްލާފަ މާދުރަކަށް
ނުދެވޭނެ. އެކަމަކު ކައިރި ރިސޯޓަކަށް ނޫނީ ރަށަކަށް ދެވިދާނެއެއްނު،"
ހަމްރާއު ހޫރައިންގެ ދަތްދޮޅީގައި ހިފާލައިފައި އެ މޫނަށް ބަލަން އިނދެގެން
ބުނެލިއެވެ.
ހޫރައިންގެ މިލާފައިވާ މޫނަށް ލުއި ހިނިތުންވުމެއް
ވެރިވުމާއެކު ބޯޖަހައިލި އެވެ. އިސާހިތަކު ހަމްރާއުއަށް ވެސް ހިނިތުންވެލެވިއްޖެ
އެވެ.
***
ރައިނާ އާއި ހަމްރާއު ދިރިއުޅޭ އެޕާޓްމަންޓަށް ހަމްރާއު
ދިޔައީ ހެނދުނުގެ ނާސްތާ ހޫރައިންއާއެކު ކޮށްގެންނެވެ. ގެއަށް ވަންއިރު އާދައިގެ
މަތިން އެތެރެ ފެނުނީ ފަޅުކޮށް އޮއްވަ އެވެ. ކުޑަމަންޖެ އަދި ނުތެދުވާނެކަން
ހަމްރާއުއަށް އެނގެ އެވެ. ރައިނާގެ ކޮޓަރި ތަޅުގައި އޭނަ ހިފައިލީ މަޑުމަޑުންނެވެ.
ދޮރުފޮތިގަނޑު ކުޑަކޮށް ކަހާލައިފައި ހުރުމުން އެތެރެއަށް ދުވާލުގެ އަލި ވަދެފައި
ވެ އެވެ. ރައިނާ ހޭލާ އުޅޭކަން ހަމްރާއުއަށް އެނގުނީ އެހެންވެ އެވެ.
ރައިނާ ހީވަނީ ފާހާނާގައި ހެންނެވެ. ތަންމަތީގައިވާ ރޫތައް
ފިލުވައިލާ ރީތިކޮށްލާފައި އޭނަ ރައިނާގެ އިންތިޒާރުގައި އިށީނދެލީ ރައިނާ ނިދާ
ފަރާތް ނޫން އަނެއް ފަރާތުގަ އެވެ. ފޯނު ނަގައިގެން އެއަށް ގެއްލިފައި އިންދާ
ފާހާނާގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. ހަމްރާއު އިސްއުފުލައިލި އެވެ.
ރައިނާ ފާހާނާއިން ނިކުތްއިރު ހުރީ ނިދަން ލީ، ސެޓިން
ފޮތީގެ އަތްކުރު މަތިކޮޅާއި ހަރުވާޅުގަ އެވެ. އިސްތަށިގަނޑު ހޭވިފައި އޮތްއިރު
ބޮލުގައި ޖަހާފައި އިން ވޫލްކޮޅު ކިރިޔަ ކިރިޔާ ހަރުލާފައި އިންކަމެވެ. މޫނުގައި
ހަރުލާފައިވާ ފެން ތިކިތަކުން ދޭހަކޮށްދިނީ މޫނު ދޮވެގެން ނިކުތްކަމެވެ.
ހަމްރާއު ފެނިގެން ނަޒަރެއް ދީފައި އޭނަ އައިސް ހުއްޓުނީ
އަލަމާރި ކައިރިއަށެވެ. މޫނު ފުހޭ ކުޑަ ތުވާލިކޮޅެއް ނަގައިގެން އައިސް ރީތިވާ
މޭޒު ކުރިމައްޗަށް ހުއްޓި މޫނު ހިއްކަން ފެށި އެވެ.
"ފަތިސް ނަމާދަށް ނުހޭލަނީތަ މިއަދު؟" ހަމްރާއު
ބަލަން އިނދެފައި ސުވާލުކުރި އެވެ.
ރައިނާ ލޮލުގެ ހިމަކޮޅުން ބަލާލައިފައި ވެސް ޖަވާބެއް
ނުދިނެވެ. އެއީ މިހާރު އޭނަގެ ކަންތައް ހުންނަ ގޮތެވެ. މަޖުބޫރުވެގެން
ނޫން ގޮތަކަށް ހަމްރާއުއާ ވާހަކައެއް ނުދައްކަ އެވެ. ހުންނަނީ އަބަދުވެސް
ހަމްރާއު ދެކެ ހިތްހަމަނުޖެހި ރުޅިއައިސްފަ އެވެ. ހަމްރާއު ފެންނަ ހިސާބަށް އަޔަސް
އޭނަ ރުޅިއާދެ އެވެ. އެކަމަކު ނުފެނުނަސް ހިތަށް ހަމަޖެހުމެއް ނުލިބެ އެވެ. ހިތަށް
އަރަނީ އޭނަ އެ ހާލަށް ދޫކޮށްފައި ގޮސް ހަގު އަނބިމީހާއާ އެކު އުފާކުރާނެކަމެވެ.
އެ ހިޔާލުން އޭނައަށް ރަނގަޅަށް ނުވެސް ނިދެ އެވެ. އަނެއްކޮޅުން ބަލިވެއިނުމުން
މިހާރު އުފުލަން ޖެހިފައިވާ ތަކުލީފުތައް އެހާމެ ގިނަ އެވެ. އެކަމާ ވެސް ރުޅިއާދެވެނީ އަނެއްކާވެސް ހަމްރާއު ދެކެ އެވެ. އޭނައަށް އެ ހާލު ޖެއްސީ ވެސް ހަމްރާއު
ރާވައިގެން ކަމުގައި ގަބޫލުކުރެވެ އެވެ. ހަމްރާއު ބޭނުން ގޮތަކަށް އުޅެން ހުރަހަކަށް ވެދާނެތީ އޭނަ ބަނދެލީ އެވެ.
"ނާސްތާ ނުނަގަންދޯ އަދި؟ ހިނގާ އަހަރެން ނާސްތާ
ހަދައިދޭނަން،" ހަމްރާއު ތެދުވެގެން އައިސް ރައިނާގެ ފުރަގަހަށް ހުއްޓުނެވެ.
ލޯގަނޑުން އެ ސޫރައަށް ބަލަމުން އަތް އުފުލާލައިފައި
ރައިނާގެ ދެބުމަ ދޭތެރެއަށް އަރާފައިވާ ރޫތައް ފިލުވާލަދިނެވެ. "އަބަދު
ތިހެން ރުޅިއައުމަކީ ސިއްހަތަށް ރަނގަޅު ކަމެއް ނޫން. އަދި މިހާރު ބޭބީއަށް ވެސް
ބަލަންޖެހޭނެއެއްނު."
ރައިނާ ހަމްރާއުގެ އަތް ފޮޅުވާލުމުން ތިރިކޮށްލާފައި ދެން
ހިފަހައްޓައިލީ ބަނޑާ ހިސާބުގަ އެވެ.
ރައިނާއަށް ތެޅިގަނެވުނެވެ. ހަމްރާއުގެ އަތުގައި
ތަންކޮޅެއް ބާރަށް ހިފަހައްޓައިލެވުނު ނަމަވެސް މިފަހަރު އެއަތް ދުރެއް ނުކުރެ އެވެ.
އޭނަ އިސްއުފުލާލައިފައި ހަމްރާއުގެ މޫނަށް ބަލައިލީ ލޯގަނޑުންނެވެ. ހަމްރާއު ހުރީ
ލޯބިވެތި ނަޒަރަކުން އޭނަގެ ބަނޑާ ދިމާއަށް ބަލާށެވެ. އެހެން ހުރެގެން
މަޑުމަޑުން ފިރުމަން ފެށި އެވެ.
ރައިނާ ހިތްވަރުކޮށްލާފައި ހަމްރާއުގެ އަތް ދުރަށް ލުމަށް ފަހު
އެތަނުން ދިޔަ އެވެ.
ހަމްރާއު އިރުކޮޅަކު ބަލަން ހުރެލާފައި ނިކުތީ ބޭރަށެވެ.
އޭނަ ގޮސް ބަދިގެއަށް ވަނުމުގެ ކުރިން ރަނާ ކޮބައިތޯ ވެސް ބަލައިލި އެވެ.
ގޭގައި މެއިޑު ވެސް ފެންނަން ނެތް ވަގުތެކެވެ. ހަމްރާއު
ހީކުރީ ރައިނާ އޭނައަށް ޖެއްސުމަށް މެއިޑު ފޮނުވައިލީ ކަމަށެވެ.
ނާސްތާ ތައްޔާރުކުރަން ހުރިއިރު ހަމްރާއު ވިސްނި އެވެ.
ރައިނާ ކައިރީ ރަށުން ބޭރަށް ދާ ވާހަކަ ބުނާނެ ގޮތަކާމެދު އޭނައަށް އެކި
ގޮތްގޮތަށް ހިޔާލު ކުރެވުނެވެ. ރަނގަޅު ގޮތަކީ ތެދަށް ބުނުމެވެ. އެއްކޮޅުން
ހޫރައިން ދެރަކޮށްފައި ހަމައެކަނި ރައިނާގެ ހިދުމަތުގައި ވެސް ހުރެވޭކަށް ނެތެވެ.
އަނެއްކޮޅުން ރައިނާ ރުޅިއަރުވާފައި ވެސް އޭނައަކަށް ނޫޅެވޭނެ އެވެ. ތެދަށް ބުނަންޏާ
އޭނަ އެވަނީ އިތުރު މީހެއްގެ ލަފައަކަށް ބޭނުންވެފަ އެވެ. ތަކުރާރުކޮށް އަމިއްލަ
ނަފްސަށް އޭނަ ހަނދާންކޮށްދޭ އެއްޗަކީ އޭނަގެ ދެވަނަ ކައިވެންޏަކީ ހުއްދަ ކަމެއްކަމެވެ.
އޭނަ ކުރީ އެއްގޮތަކަށްވެސް ދީނާ ހިލާފު ކަމެއް ނުވަތަ ފާފައެއް ނޫނެވެ. އެކަމަކު
އެ އާ ހާލަތަށް ހޭނެން ރައިނާއަށް ވެސް ވަގުތު ބޭނުންވާނެ އެވެ.
ހަގީގަތުގައި ރައިނާއަކީ ގޯސް މީހެއް ނޫނެވެ. އޭނަ
"ސްޕޮއިލް" ވެފައި ހުރީ ފެށުނީއްސުރެ ހަމްރާއު ލޯބިން އޭނަ ގެންގުޅުނު
ގޮތުންނެވެ. އަދި އެގޮތަށް އެ ދެ މީހުންގެ ދިރިއުޅުމަށް ތިންވަނަ ފަރާތެއް
އަތުވެދާނެ ކަމަށް ރައިނާ ދުވަހެއްގެ ކޮޅުން ވެސް އުންމީދެއް ނުކުރެ އެވެ. އޭނަ
ހީކުރީ ހަމްރާއު އަބަދުވެސް ހުންނާނީ ހަމައެކަނި އޭނަގެ މީހެއްގެ ގޮތުގައި
ކަމަށެވެ.
މޭކަޕްކޮށްކޮށްފައި ރައިނާ ހުއްޓައިލީ ލިޕްސްޓިކް
ޖައްސަންވެފައި ހުއްޓަ އެވެ. ލޯގަނޑަށް ބަލަން ހުރެލާފައި ދެން ނެގީ މޭކަޕް ފުހެން
ބޭނުންކުރާ ފުޅި އެވެ. އެކަމަށް ހާއްސަކޮށް ގެންގުޅޭ ވައިޕްއަކަށް ފުޅިން
އެތިކޮޅެއް އަޅާ ތެންމާލައިފައި ފެށި ގޮތަށް ދެން ހުއްޓައިލީ މޫނު ސާފުކޮށް
ނިންމާފަ އެވެ. ދެވަނަ ފަހަރަށް ލޯގަނޑަށް ބަލައިލުމެއް ވެސް ނެތި އޭނަ އެ ހުރި
ގޮތަށް އެތަނުން ނިކުމެއްޖެ އެވެ.
ހަމްރާއު ބަދިގޭގައި އުޅޭކަން އެނގިގެން އެތަނަށް
ބޯދިއްކޮށްލިއިރު މޭޒުމައްޗަށް ތަށިތައް ނަގަނީ އެވެ.
"އާދޭ!" ރައިނާ ފެނިގެން ހަމްރާއު ގޮވި އެވެ.
ރައިނާ ހުރީ ކުޑަކޮށް ޖެހިލުންވެފަ އެވެ. އެ ގަޑީގައި
ކައިގެން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެ އެވެ. އެކަމަކު ނުކައި ހައިބަނޑާ
ހުރެފިއްޔާ ވެސް ހޮޑުލަވާނެ އެވެ. ހެޔޮ އެއް ގޮތެއް ވެސް ނެތެވެ.
ޓީޝާޓުގެ އަތުކުރި ތަންކޮޅެއް މައްޗަށް ޖައްސާލައިފައި
އޭނަ ގޮސް ގޮނޑި ދަމާލައިގެން އިށީނެވެ. ގަޔާނުވެފައި ކަހަލަ ގޮތަކަށް ފަހަރަކު
ތަށްޓަކަށް ބަލަން އިނދެލާފައި އޭނަ ކައިރިކޮށްލީ ހަމްރާއު ބޯންވެގެން ގިރާފައި
ހުރި ކަޅު ސައިތަށްޓެވެ. ހަމްރާއު އެ ވާހަކަ ބުނުމުން ކޮނޑު އަރުވާލައިފައި ނަގައި
ކޯވަރެއް ރަހަ ބަލާލައިފައި ބެހެއްޓި އެވެ.
"ހަކުރު އަޅަން ހަނދާން ނެތުނީތަ؟" ރައިނާގެ
އަނގައަށް ވީގޮތް ފެނިފައި ހަމްރާއު ގާތަށް ހިނި އަ އެވެ.
"ހަކުރު އެޅިން. އެކަމަކު ހާފް ސުޕޫން،"
ހަމްރާއު ހިނިއައިސްފައި ސައިތަށި ގެނެސް ކުރިން ހުރި ތަނުގައި އޭނަ ކުރިމަތީ ބެހެއްޓި
އެވެ.
ރައިނާ އަނގައަށް ވައްތަރު ޖައްސައިގެން އިނދެފައި
ޖަނބުރޯލެއް ނަގައި އަނގަޖެހި އެވެ. އޭގެ ރަހަ ލިބުމާއެކު އޭނަ ކުރިއަށްވުރެ
ހަމަޖެހުނުކަން މޫނުމަތިން ދޭހަވި އެވެ.
"ތި ފެނިގެން ހަމަ ހިތަށް އެރީ ރައިނާއަށް
ކަމުދާނެއޭ. ރަނާގެ ފަހަރު ވެސް އެންމެ މީރުވެގެން ކޭ އެއްޗަކީ ޖަނބުރޯލު،"
ހަމްރާއު ކުރިއަށްވުރެ ހަމަޖެހިފައި އިނދެ ވާހަކަދެއްކި އެވެ.
ރައިނާ ވަކި ޖަވާބެއް ނުދެ އެވެ. އެއް ޖަނބުރޯލު
ހުސްކޮށްލާފައި އަނެއް އެތި ނަގައިފި އެވެ.
"މިއަދު އަންނާނެ ރައިނާގެ މަންމަ،" ހަމްރާއު
އިނދެ އިނދެފައި އިއްވައިލި އެވެ.
ރައިނާގެ ކެއުމަށް މަޑުޖެހުން އައީ އެ ހިސާބުންނެވެ. މަންމަ
އެ އަންނަނީ އޭނަ ބަލަން ބާވައޭ ހިތަށް އެރި އެވެ. އެ ހިސާބުން އޭނަގެ ހިޔާލުތައް
ދަތުރުކޮށްފައި ދިޔައީ އެހެން ދިމާއަކަށެވެ. ހަމްރާއު އެވަރަކުން އޭނަ ބަލަން
މަންމަ ގެންނަން ބޭނުންވާނީ އިތުރު އެހެން ސަބަބެއް އޮވެގެންނެވެ.
"މަންމަ ގެނެސް މި ގޭގަ ބަހައްޓާފަ ހަމްރާއު
ކޮންތާކަށް ދާން؟" ރައިނާ ކެއުން ހުއްޓާލައިފައި ހަމްރާއުއަށް ބަލަން
އިނދެގެން އެހި އެވެ. އެ އަޑާއި މޫނުގައި ސީރިއަސްކަމެވެ.
ރައިނާ އެހާ ޔަގީންކަމާއެކު އެހެން އަހައިލި ގޮތުން ވެސް
ހަމްރާއު އިނީ އިތުރަށް އޮޅުވާނުލެވޭނެކަން ޔަގީންވެފަ އެވެ. އަންހެނުން ކަންކަން
ދެނެގަންނަން އެހާ މޮޅީ ކީއްވެ ހެއްޔެވެ؟
"ހޫރައިން ގޮވައިގެން އެބަޖެހޭ ކުރު ދަތުރެއް ރާވަން.
އެކަމަކު ރާއްޖެއަކުން ނުދާނަން. މިތާ ކައިރި ރިސޯޓަކަށް ނޫނީ ރަށަކަށް،"
ހަމްރާއު ހަތަރުކަޅި ވަކިކޮށްނުލާ އިނދެ ޖަވާބުދިނެވެ. އޭނަ ރައިނާ ދެކެ އެއްވެސް
ވަރަކަށް ޖެހިލުންވެފައި އިންކަން ދޭހަވާފަދަ އަމަލެއް ފެންނާކަށް ބޭނުމެއް
ނޫނެވެ.
"އެކަމަކު އަންނަން ޖެހިއްޖެއްޔާ އަހަރެން
އަންނާނަން. އައި ޕްރޮމިސް،" ރައިނާ އެއްވެސް އެއްޗެއް ނުބުނެ އިނދެފައި
ތެދުވިހާއިރުން ހަމްރާއު ބުނެލި އެވެ.
ރައިނާގެ ފަހަތުން އޭނަ ވެސް ތެދުވެއްޖެ އެވެ.
"ތި ނިމުނީތަ؟ އެއްވެސް އެއްޗެއް
ރަހަ ވެސް ނުބަލަމެއްނު. އެހެން އެއްޗެއް ތައްޔާރުކޮށްދޭންވީތަ؟ ކޯއްޗެއް ކާން
ބޭނުމީ؟" ރައިނާ އެތަނުން ނިކުންނަން އެނބުރުމާއެކު ހަމްރާއު ވެސް މޭޒު
ވަށާލައިފައި ގޮސް ރައިނާ ފަހަތުން ދާން ފެށި އެވެ. އެކަމަކު ރައިނާ އޭނަގެ
އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެ އެވެ.
"ހަމްރާއު ދާ ތާކަށް ހަމްރާއު ދޭ. އަހަންނަށް ހެޔޮ ރާއްޖެއިން
ބޭރަށް ދިޔަސް ނޫނީ އެހެން ޕްލެނެޓަކަށް ދިޔަސް. އައި ޖަސްޓް ޑޯން ކެއާ އެނީ
މޯ..." ހޫރައިން ބާރުބާރަށް ގޮސް ކޮޓަރިއަށް ވަދެފައި ހަމްރާއުގެ މޫނު
މައްޗަށް ދޮރު ޖަހާލިލެއް ބާރުކަމުން ގެ ވެސް ގުޑައިގެންދިޔަ ކަހަލަ އެވެ.
ހަމްރާއު އިރުކޮޅަކު ގަނޑުވެފައި ދޮރާ ދިމާއަށް ބަލަން
ހުއްޓެވެ.
ރައިނާ އެތެރެއަށް ގޮސް އެނދުގައި އިށީނުމާއެކު ހުރިހާ
ހިތްވަރެއް ނެތިގެން ލޮލުން ކަރުނަ އަތުވެއްޖެ އެވެ. އެއް އަތުން ބެޑްޝީޓް ބޮނޑިކޮށްލެވުމާއެކު
އަނެއް އަތުން އަނގަމަތީ ބާރަށް ހިފަހައްޓާލީ ރުއިމުގެ އަޑު ބޭރަށް އިވުނަ
ނުދޭންވެގެންނެވެ. ހަމްރާއު ކުރިމަތީ މިހާ ހިތްވަރު ދައްކާފައި އައިސް ކޮންމެ
ފަހަރަކު އޭނަ ރޮއިރޮއި ހާލު ދެރަވާކަން އެކަކަށް ވެސް ދައްކާކަށް ބޭނުމެއް ނޫނެވެ.
ދައްކަން ވެސް ވީ ކީއްކުރަން ހެއްޔެވެ؟ ހަމްރާއު ވެސް އޭނަގެ އާދޭހެއް ނޭހި އެވެ.
(ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ