ރާއްޖޭގެ ފަސްވަނަ މޫސުން ބަލާ އޮބްޒަވޭޓަރީ މާފަރުގައި ބަހައްޓަނީ
ރާއްޖޭގެ މޫސުން ބަލާ ފަސްވަނަ އޮބްޒަވޭޓަރީ، ނ. މާފަރުގައި ގާއިމްކުރަން ނިންމައިފިއެވެ. ޔުނައިޓެޑް ނޭޝަންސް މަލްޓިޕާޓީ ޓްރަސްޓް ފަންޑު (ޔޫއެންއެމްޕީޓީއެފް) އަދި ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) ގުޅިގެން އުފައްދާފައިވާ ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސިން ފެސިލިޓީ (އެސްއޯއެފްއެފް) ގެދަށުން ރާއްޖޭގެ މޫސުމާބެހޭ ބައެއް އޮބްޒަވޭޝަން ސްޓޭޝަންތައް ގްލޯބަލް ބޭސިކް އޮބްޒަވޭޝަން ނެޓްވޯކް (ޖީބީއޯއެން)ގެ ފެންވަރަށް އަޕްގުރޭޑް ކުރުމަށް ރާއްޖޭގެ މެޓް އޮފީހާއި ޔުނައިޓެޑް ނޭޝަން އެންވަޔަރުމެންޓް ޕުރޮގްރާމު (ޔޫއެންއީޕީ)އާ ގުޅިގެން މަޝްރޫއެއް ހިންގުމަށް ވަނީ ނިންމައިފައެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން މިއަދުވަނީ މަސައްކަތު ބައްދަލުވުމެއް ބާއްވައިފައެވެ. https://x.com/MetMaldives/status/1929862289160798679 މެޓް އޮފީހުން ބުނީ ހަތަރު އަހަރަށް ކުރިޔަށް ގެންދާ މި މަޝްރޫއުގެ ދަށުން، ރާއްޖޭގައި މިހާރު ގާއިމު ކުރެވިފައިވާ ހަތަރު މެޓް އޮފީހުގައި ބަހައްޓާފައިވާ މޫސުމާބެހޭ އާލާތްތަކުގެ ފެންވަރު ރަނގަޅުކުރެވޭނެ ކަމަށެވެ. އަދި ފަސްވަނަ މެޓް އޮފީހެއް ނ. މާފަރުގައި ގާއިމު ކުރާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ. މި މަޝްރޫއުގެ ދަށުން، އައްޑޫ ސިޓީ ގަމުގައި ގާއިމު ކުރެވިފައިވާ ވައިގެ މަތީ ފަށަލަތަކުން މޫސުމާބެހޭ މައުލޫމާތު އެއްކުރާ ނިޒާމު (ރޭޑިއޯސޮންޑޭ) މަރާމާތުކޮށް އަލުން ބޭނުންކުރަން ވެސް ފެށޭނެއެވެ. އަދި މޫސުމާބެހޭ ވިއުގަ ރަނގަޅު ފެންވަރުގައި ދެމެހެޓުމަށް ބޭނުންވާ ތަކެއްޗާއި ތަމްރީން ޕުރޮގްރާމުތައް ވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންދާނެ ކަމަށް މެޓުން ބުނެއެވެ. މީގެ ސަބަބުން ރާއްޖޭގެ މޫސުން ބަލާ ވިއުގައިގެ ފެންވަރު ރަނގަޅުވެ، ދުރާލައި އިންޒާރުދޭ ނިޒާމު އިތުރަށް ހަރުދަނާވުމުގެ، އިތުރުން ދުނިޔޭގެ މޫސުމާބެހޭ އޮބްޒަވޭޝަން ނެޓްވޯކަށް ރާއްޖޭން ފޯރުކޮށްދޭ މުސުމާބެހޭ މައުލޫމާތުގެ ފެންވަރު ވެސް އިތުރަށް ރަނގަޅުވާނެއެވެ. މެޓުން ބުނީ މިއަދު ބޭއްވި މަސައްކަތު ބައްދަލުވުމުގައި ރާއްްޖޭގެ މެޓް އޮފީހާއި ޔޫއެންއީޕީގެ އިތުރުން ފަންނީ ލަފާދޭ ބައިވެރިއެއްގެ ގޮތުން ފިންނިޝް މީޓިއޮރޮލޮޖިކަލް އިންސްޓިޓުއްޓް (އެފްއެމްއައި) އާއި ރީޖަލަނަލް މަލްޓި ހަޒާޑް އާލީ ވޯނިން ސިސްޓަމް ފޯ އޭޝިޔާ އެންޑް އެފްރިކާ (ރައިމްސް) އަދި ރާއްޖޭ ކަމާގުޅުންހުރި ބައެއް މުއައްސަސާތައް ހިމެނޭހެން 40 ބޭފުޅުން ބައިވެރިވި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ