މީދޫ ކައުންސިލް އިންތިހާބުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި

ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓުގެ މައްސަލަ ހައިކޯޓަށް ބަލައިގަނެ، އަންނަ ހަފުތާގައި އަޑު އެހުންތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އިލެކްޝަން ކޮމިޝަނުން ފުރަތަމަ އާންމުކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން، އެ އިންތިޚާބުގައި ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށް 393 ވޯޓު ލިބުނުއިރު، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ކެންޑިޑޭޓް މުޙައްމަދު ޝާހިދަށް ލިބުނީ 392 ވޯޓެވެ.ނަމަވެސް ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮށްޓަކަށް، ވޯޓުލުމުގެ ހައްގު ނެތް ފަރާތަކުން ވޯޓުލާފައިވާ މައްސަލައެއް ފާހަގަވެ، އެ ފޮށި އަލުން ގުނައިދިނުމަށް އެމްޑީއޭ، އަދި ޕީއެންސީގެ ކެންޑިޑޭޓުން ވެސް ވަނީ އެދިފަ އެވެ. އެ މައްސަލައިގައި އީސީގެ ކޮމްޕްލެއިންޓްސް ބިއުރޯގެ މެމްބަރުންގެ އިއްތިފާގުން ވަނީ، މައްސަލަ ޖެހުނު ވޯޓަކީ ސައްހަ ނޫން ވޯޓެއް ކަމަށް ކަނޑައަޅައި، ނަތީޖާއިން އެ ވޯޓު އުނިކުރުމަށް ނިންމާފަ އެވެ. ކޮމިޝަނުން އަލުން ވޯޓު ގުނުމުން އެއް ވޯޓުގެ ތަފާތުން ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރީ އެމްޑީއޭގެ ކެންޑިޑޭޓެވެ.މައުލޫމާތު ލިބިފައިވާ ގޮތުގައި މީދޫ ކައުންސިލްގެ ވޯޓުގެ މައްސަލަ މިހާރުވަނީ ހައިކޯޓުގައި ރަޖިސްޓްރީކޮށްފަ އެވެ. މި މައްސަލަ ހުށަހެޅީ ޕީއެންސީގެ ކެންޑިޑޭޓް ސުހާއެވެ. މި މައްސަލައިގެ އަޑު އެހުންތައް އަންނަ ހަފުތާގައި ފެށޭނެ ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ