އެމެރިކާގެ މަތިންދާބޯޓު އުފުލާ ތިން މަނަވަރު މެދުއިރުމަތީގައި

އީރާނާއި އެމެރިކާއާ ދެމެދު އަމަލުކުރަމުންދާ ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުން ނާޒުކު ޙާލަތެއްގައި އޮއްވައި، 2003 ވަނަ އަހަރުގެ ޢިރާޤު ހަނގުރާމައަށްފަހު ފުރަތަމަ ފަހަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ ތިން މަނަވަރު އެއް ވަގުތެއްގައި ހުޅަނގު އޭޝިޔާ ސަރަޙައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
ޞަހްޔޫނީންނާ ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި ބައިވެރިކުރުވުމަށް ވޮޝިންގްޓަނުން އެންމެ ފަހުން އެ ސަރަޙައްދަށް ފޮނުވާފައި ވަނީ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ޖޯޖް އެޗް ޑަބްލިޔު ބުޝްއެވެ. އަދި، އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން ވަނީ، ޖުމުލަ 34 މަނަވަރެއްގެ މިސްރާބު އެ ސަރަޙައްދަށް ބަދަލުކޮށްފައެވެ. މި ފައުޖުގައި 12 އެސްކޯޓު މަނަވަރާއި، 200 އަށްވުރެ ގިނަ އަސްކަރީ މަތިންދާބޯޓު އަދި 15,000 އަށްވުރެ ގިނަ ސިފައިން ހިމެނެއެވެ. އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރުތައް ކަމުގައިވާ ޔޫއެސްއެސް އެބްރަހަމް ލިންކަންގެ އިތުރުން ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑު ވެސް ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ.
ދެ ޤައުމުގެ މެދުގައި ފަށާފައިވާ ސުލްޙައިގެ މަޝްވަރާތައް މި ވަގުތު މެދުކެނޑިފައިވަނީ، މަޝްވަރާތައް އަލުން ފެށުމުގެ ޝަރުޠެއްގެ ގޮތުގައި އެމެރިކާގެ ކަނޑުގެ ޙިޞާރު އުވައިލުމަށް އީރާނުން ބާރުއަޅަމުންދާތީއެވެ. އެޕްރީލު 22 ގައި ރައީސް ޑޮނަލްޑް ޓްރަމްޕް ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރެއްވި ނަމަވެސް، އީރާނުގެ ބަނދަރުތަކަށް އަމާޒުކޮށްފައިވާ ޙިޞާރު ހުއްޓައިލުމަށް އޭނާ ވަނީ އިންކާރު ކުރައްވާފައެވެ. މީގެ ރައްދުގައި އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅި އަލުން ބަންދުކޮށް، ތެހްރާންގެ ހުއްދައާނުލައި އެ ކަނޑުއޮޅި ހުރަސްކުރަން މަސައްކަތްކުރާ އުޅަނދުފަހަރު ހިފަހައްޓަށް ފަށާފައެވެ. ޓްރަމްޕް ވިދާޅުވީ، ޙިޞާރާއެކު އީރާނުގެ އިޤުތިޞާދު ފުނޑުފުނޑުވަމުންދާއިރު، އަވަސްއަރުވައިލައިގެން އެއްބަސްވުމެއް އެކުލަވައިލަން އެމެރިކާއިން ބޭނުންނުވާ ކަމުގައެވެ.
އެމެރިކާއިން ތަންފީޒު ކުރަމުންދާ ޙިޞާރަކީ "ހަނގުރާމައިގެ ޢަމަލެއް" ގެ ގޮތުގައި ތެހްރާނުން ސިފަކޮށްފައިވާއިރު، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ މިހާތަނަށް އީރާނުގެ ތެޔޮ އުފުލާ ދެ އުޅަނދެއް ހިފަހައްޓާފައެވެ. ނުތަނަވަސްކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، އީރާނުގެ ޢާންމު ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ ބިނާރާއި ވަސީލަތްތަކަށް ޙަމަލާދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައެވެ. އެކުވެރި ދައުލަތްތަކުން (އދ) މި ފަދަ ޙަމަލާތަކަކީ "ހަނގުރާމައިގެ ކުށެއް" ކަމަށް ބުނެ އިންޒާރު ދީފައިވީ ނަމަވެސް، އެމެރިކާއިން ދަނީ އީރާނުގެ ބަނދަރުތަކަށް ވަދެ ނުކުމެވާ އުޅަނދުފަހަރު ހުއްޓުވުމުގެ ޖަރީމާ މެދުކަނޑައިނުލައި ކުރިއަށްގެންދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ