ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑުނީ، މަގު ހަދަނިކޮށް ކޭބަލަކަށް ގެއްލުންވުމުން: ސްޓެލްކޯ
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޓަވަރުތަކަކުން މިއަދު ކަރަންޓު ކެނޑުނީ މަގު ހަދަނިކޮށް ކޭބަލަކަށް ގެއްލުންވުމުން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. މިއަދު 14:00 ޖަހަން އުޅެނިކޮށް، ދެވަނަ ފިޔަވަހީގެ ޓަވަރުތަކަކުން ކަރަންޓު ކެނޑިފައިވާ ކަމަށް، ބައެއް ފުލެޓުތަކުގައި ދިރިއުޅޭ މީހުން ވަނީ ބުނެފައެވެ. އޭގެ ފަހުން، 14:30ހާއިރު ސްޓެލްކޯއިން ވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށާއި މައްސަލަ ދެނެގަންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. އެ ކުންފުނިން ބުނި ގޮތުގައި ކަރަންޓު ކެނޑުނީ: ހިޔާ ޓަވަރު 5، 6، 7 ވިނަރެސް 10 އަމާން ދޯދި 12، 13، 14، 15، 16 އަމާން އުދަރެސް 5، 6 އެމްޕީއެލް ޓަވަރުތައް ސްޓެލްކޯއިން ހިއްސާކުރި މައުލޫމާތު ވަނީ، ކަރަންޓު ކެނޑިފައިވަނީ، މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ކޮންނަނިކޮށް ހައި ވޯލްޓޭޖް ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށް ބުނެފައެވެ. ކަރަންޓު ކޭބަލަށް ގެއްލުންވެފައި: ސްޓެލްކޯއިން ވަނީ، ކަރަންޓު ކެނޑުނީ ކޭބަލަކަށް ގެއްލުން ވުމުން ކަމަށް ބުނެފައި -- ފޮޓޯ/ ސްޓެލްކޯ "މިހާރު ދަނީ ކޭބަލް މަރާމާތުކޮށް، ވީ އެންމެ އަވަހަކަށް ޚިދުމަތް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން،" އެ ކުންފުނިން ބުންޏެވެ. މި މަހުގެ 12 ވަނަ ދުވަހު ވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ގިނަ އަދަދެއްގެ ޓަވަރުތަކުން ކަރަންޓު ކެނޑި، އެ ޓަވަރުތަކުގައި ދިރިއުޅޭ މީހުންނަށް ޚިދުމަތް ނުލިބި އަށް ގަޑިއިރުވިއެވެ. https://x.com/sunbrk/status/2047989266391965986 އެ ދުވަހު ވެސް ކަރަންޓު ކެނޑުނީ ކޭބަލަކަށް ގެއްލުންވުމުން ކަމަށް ސްޓެލްކޯއިން މީގެ ކުރިން ބުނެފައިވެއެވެ. އެގޮތުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ، ބަޔަކު އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަރަންޓު ދިނުމަށް އަޅާފައިވާ މައި ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށް އޭރު އެ ކުންފުނިން ބުންޏެވެ. ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމާ ގުޅޭ ގޮތުން ސްޓެލްކޯއިން މިއަދު، ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ވެސް މަޝްވަރާކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ