ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިސްޓު އެކުލަވާލުމުގައި ނާޖާއިޒް މަންފާ ނަގާފައިވާ ކަމަށް ބުނެ އޭރުގެ ހައުސިން މިނިސްޓްރީގެ ހަތަރު ވެރިއެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވުން އެމްޑީޕީން ކުށްވެރިކޮށްފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ސަރުކާރުގައި 4،000 ފްލެޓް ލިބޭ ލިސްޓު އެކުލަވާލުމުގައި ވަކި ބަޔަކު އޭގައި ހިމަނައި، ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާ ކަމަށް ކުރެވޭ ތުހުމަތު ތަހުގީގުކޮށް، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަަށް މިއަދު މައްސަލަ ފޮނުވި މީހުންނަކީ އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ:
ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން
ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި އޭރު ހުންނެވި މުހައްމަދު އާރިފް
ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި އޭރު ހުންނެވި ލިރުގާމް ވަހީދު
ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި އަހުމަދު ވިޝާން ނަސީމް
އެކަމާ ގުޅިގެން އެމްޑީޕީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިއީ ސިޔާސީ މަގްސަދެއްގައި ކުރާ، ސިޔާސީ ދައުވާތަކެއް ކަމަށެވެ. އަދި އެ މައްސަލައިގައި އެއްވެސް ހެއްކެއް ނެތް ކަމަށާއި އޭސީސީއިން ދައުވާ ކުރަން ފޮނުވީ، ރައީސް މުހައްމަދު މުއިއްޒުގެ އޯޑަރަށް ކަމަށް އެ ޕާޓީން ތުހުމަތު ކުރި އެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނީ:
މިނިސްޓްރީގެ ކުރީގެ ވެރިންގެ މައްޗަށް އެ ދައުވާ ކުރަނީ، ކުރިއަށް އޮތް އިންތިހާބުތަކާ ހަމައަށް ފްލެޓު ދިނުން ލަސްކޮށް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކަމަށް
މި މައްސަލާގައި އޭސީސީން އަމަލުކޮށްފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ހިލާފަށް ކަމަށް
އެހެންވެ މިއިީ، ފެށުނީއްސުރެ ވަކި އަތަކަށް ޖެހިފައިވާ ސިޔާސީ ތަހުގީގެއް ކަމަށް
އެނގުން މުހިއްމު - އޭސީސީން ބުނިގޮތުގައި އެ ހަތަރު މީހުންގެ މައްޗަށް ކުރުމަށް އެދިފައިވާނީ ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.
އެ ހަތަރު މީހުން ވެސް އެ ކުށް ކުރި ކަމަށް ތަހުގީގަށް ހެކި ލިބިފައިވާ ކަމަށް އޭސީސީން ބުންޏެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ކޮމިޝަނުން އަދި ހާމައެއް ނުކުރެ އެވެ.
އޭސީސީން އިތުރަށް ބުނީ އެ ހަތަރު މީހުން އެހެން އިތުރު ކުށްތައް ވެސް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ ކަންކަން ވެސް ފުލުހުންނާ ގުޅިގެން ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފްލެޓް ލިސްޓު މައްސަލައިގައި ދައުވާ ކުރަން ފޮނުވީ އިންތިހާބަށް ނުފޫޒު ފޯރުވަން: އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ