ޤިޔާމަތް ދުވަހު ތިބާގެ މައްޗަށް ޖިންނިތައްވެސް ހެކިދޭނެ 2 ޢަމަލު-

އެއްވެސް ޝައްކެއް ނެތެވެ. ކޮންމެ މީހަކު ކުރާ ހުރިހާ ޢަމަލުތަކެއް ވަނީ އެމީހެއްގެ ފަތުގައި ލިޔުއްވިގެންނެވެ. އެމީހަކު ކުޅަ ހުރިހާ ކަމަކަށް އެމިހާގެ ގުނަވަންތައް ހެކިދޭނެއެވެ. އެހެންކަމާއިއެކުވެސް މިދައްކާ ވާހަކަތައް ރަނގަޅަށް އަޑުއަހާށެވެ!
ފުރަތަމަ މިފަށަނީ އުފާވެރިކަމުގެ ޚަބަރަކުންނެވެ. އެއީ ކީރިތި ޤްރްއާން ރިވެތިކޮށް ކިޔަވަން މަސައްކަތްކުރާ މީހުންނަށް އޮތް އުފާވެރިކަމުގެ ޚަބަރެކެވެ.
އެހެނީ އެމީހުން ކީރިތި ޤްރްއާން ރިވެތިކޮށް ކިޔެވި އަޑު، ނުވަތަ ކިޔަވަން މަސައްކަތްކުރި އަޑު އިވިފައިވާ މުއުމިން ޖިންނިންނާއި ކާފަރު ޖިންނިންވެސް އެމީހަކަށްޓަކައި ހެކިބަސް ދޭނެއެވެ.
މިހުރިހާ ކަންކަމަށްވުރެވެސް ބޮޑަށް ވިސްނަންވީ އެމީހެއްގެ ހިތަށް އަރާ ކޮންމެ އެއްޗެއްވެސް ދެކެ ދެނެވޮޑިގެންވާ ﷲ ތަޢާލާ ހުރިހާ ކަމެއް ދެކެ ދެނެވޮޑިގެންވާ ކަމެވެ. ކުރާ ހެޔޮ އަމަލުތަކާއި ފާފަތައް މަލާއިކަތުން ބަރާބަރަށް ލިޔުއްވަވަމުން ގެންދަވާ ކަމެވެ.
މިކަންކަމުން އެނގެނީ ﷲ ތައާލާގެ އެންގެވުންތަކަށް އިހްމާލްވެ ފަރުވާ ކުޑަކުރާ މީހުންނަށް ކުރިމަތިވާނެ ބިރުވެރި ޙާލަތެވެ. އަދި ރަނގަޅު ގޮތުގައި ދިރިއުޅެ ހެޔޮ އަމަލުތައް ކުރާ މީހުންނަށް ލިބިގެންދާނެ އުފާވެރިކަމެވެ.
ދެން މިއޮތީ އެންމެ މުހިންމު ވާހަކައެވެ. މިސްކިތުގެ ތާޅަފިލިން ބަންގިގޮވާ ވަގުތުގައިވެސް އެއަޑު ނުއިވޭ ގިނަބައަކު އުޅެއެވެ. އެހެނީ މުސްލިމަކަށް ބަންގީގެ އަޑު އިވުމުން ވަގުތުން ޢިޖާދޭނެއެވެ. ޢިޖާބަ ނުދީ ލަސްކުރާނީ ކޮންމެހެން ލަސްކުރަންޖެހޭނެ ފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމައެވެ.
ބަންގީގެ އަޑު އިވުމުން ނަމާދު ނުކޮށް އެހެން ކަންކަމުގައި އުޅުމަކީ ކިހައިވަރެއްގެ ބިރުވެރިކަމެއްކަން އެނގޭ ހެއްޔެވެ؟ އެހެނީ ތިބާއަށް ބަންގީގެ އަޑު އިވުނު ކަމަށް ބަންގީގެ އަޑުއެހި ގަސްގަހާގެހިވެސް ޤިޔާމަތް ދުވަހު ހެކިދޭނެއެވެ. މީގެ އިތުރުން މުސްލިމް ޖިންނިންނާއި ކާފަރު ޖިންނިތައް ވެސް ހެކިދޭނެއެވެ.
 
މިޒަމާނުގައި ބަންގީގެ އަޑު އަހަން ކޮންމެހެން ތާޅަފިއްޔެއް ބޭނުމެއް ނުވެއެވެ. އެމީހަކު ބޭނުންނަމަ ނަމާދު ވަގުތު ޖެހުމުން އަމިއްލަ ފޯނުންވެސް އަޑުއެހޭނެއެވެ. ވީމާ ވަގުތު ޖެހިއްޖެކަން ނުއެނގުނީ ކަމަށް ބުނެ ދެއްކޭނެ އެއްވެސް ބަހަނާއެއް މިހާރަކު ނެތެވެ. އެހެނީ ކޮންމެ މީހަކުވެސް ފޯނެއް ގެންގުޅޭއިރު އަޑު އެހުމާއި ނުއެހުމުގެ އިޚްތިޔާރު އެމީހެއްގެ އަތުގައި އޮތުމުންނެވެ.
ކޮންމެ ފަދަ ބުރަ މަސައްކަތެއްގައި އުޅެންޖެހުނު ނަމަވެސް ނަމާދު ނުއަޅާށެވެ! ކެއިން ބުއިމަށްވުރެވެސް ނަމާދުކުރުމަށް އިސްކަން ދޭށެވެ! ވަގުތު ނުވެއްޖެ ނަމަ މެންދުރު ކެއުން ދޫކޮށްލާށެވެ! ނަމަވެސް މެންދުރު ނަމާދު ދޫކޮށް ނުލާށެވެ! ތިބާއަށް ބޭނުންވާ ހަކަތަ ﷲ ތަޢާލާ ދެއްވަވާނެތެވެ.
--ޝައިޚް ޢުމަރު ސުލައިމާންގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ