ގްރެމީ އަދި އޮސްކާ އެވޯޑް ހާސިލް ކޮށްފައިވާ ލަވަކިއުންތެރިޔާ ބިލީ އައިލިޝް އަކީ ކުޅަދާނަ ފަންނާނެއް އެކަންޏެއް ނޫނެވެ. އޭނާ މިހާރު ކާމިޔާބު ސެންޓު ވިޔަފާރިއެއް ވެސް ހިންގަ އެވެ. މި މަހު ކުރީކޮޅު ބިލީ އައިލިޝް ނެރުނު 'ޔޯ ޓާން އޯ ޑު ޕާފަމް' އަކީ އޭނާގެ ހަތަރުވަނަ ސެންޓެވެ.
'ޔޯ ޓާން' އަކީ ބިލީ ކުރިން 2021ގައި ނެރުނު ސެންޓުތަކާ ތަފާތު ސެންޓެކެވެ. މި ސެންޓުގެ ވަހާއި ފުޅީގެ ޑިޒައިނަށް ބެލިޔަސް ވަރަށް ތަފާތެވެ.
'ބާޑްސް އޮފް އަ ފެދާ'ގެ ލަވަކިޔުންތެރިޔާ ބުނީ އޭނާއަކީ އަބަދުވެސް ސެންޓަށް ވަރަށް ޝައުގުވެރިވާ މީހެއް ކަމަށާއި އާ ސެންޓެއް އުފެއްދުމުގެ މަރުހަލާއަށް އޭނާ ވަރަށް ލޯބިކުރާ ކަމަށެވެ.
'ކްރޯމް' ރިހި ކުލައިގެ ޑައިސް ޖޯޑެއްގެ ސިފައަށް ފަރުމާކޮށްފައިވާ ސެންޓު ފުޅީގައި އެކުލެވިގެން ވަނީ 'ވުޑީ ފްލޯރަލް' ވަހެކެވެ. އޭގެ ޓޮޕް ނޯޓްސްގައި ބާގަމޮޓް، ކާފޫރުތޮޅި، އިނގުރު، އަދި މިޑްލް ނޯޓްސްގައި ހުވަނދުމާ، ކުރުނބާ ފެން، ޕީޗް ހިމެނޭއިރު ބޭސް ނޯޓްސްގައި އޮސްޓްރޭލިއަން ސޭންޑަލްވުޑް، މަސްކް އަދި އިސޯ އީ ސުޕާ އެކުލެވިގެންވެ އެވެ.
'ޔޯ ޓާން' އަކީ ގައިމު ވެސް ތަފާތު އެކަމު ހިތްގައިމު ވަހަކަށް ލޯބި ކުރާ މީހުންނަށް ކަމުދާނެ ސެންޓެކެވެ. އަދި މިއީ ބިލީގެ މިޒާޖާއި ސްޓައިލްއެކޭ އެއްފަދައިން ވަރަށް ތަފާތު އަދި އަމިއްލަވަންތަކަމެއް އެކުލެވޭ ސެންޓެކެވެ.
ބިލީ އައިލިޝްގެ އެހެން ސެންޓުތައް ފަދައިން 'ޔޯ ޓާން' އަކީ ވެސް ސާފު އަދި ވީގަން އުފެއްދުމެކެވެ. ސެންޓު ފުޅި ލުމަށް 'އެންވައިރޯފޮއިލް'ގައި ޕްރިންޓްކޮށްފައިވާ ފޮށި ތައްޔާރުކޮށްފައިވަނީ ތިމާވެއްޓަށް ރައްކާތެރި އިއާދަކުރަނިވި ވައިގެ ހަކަތަ ބޭނުންކޮށްގެންނެވެ.
'ޔޯ ޓާން' ސެންޓު ހަތަރު ސައިޒަކުން އަދި ޓްރެވަލް ސައިޒުގެ ފުޅީގައި ވެސް ލިބެ އެވެ.
ބިލީ އައިލިޝްގެ ހަތަރުވަނަ ސެންޓު 'ޔޯ ޓާން' ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ