ލޯނަށް %60 ދަރިވަރުން ފައިސާ ނުދައްކާ: ހައިދަރު

ދަރިވަރުންގެ ލޯނުގެ ފައިސާ އަނބުރާ ލިބުމުގައި ބޮޑެތި މައްސަލަތައް އެބަހުރި ކަމަށާއި އެ ލޯނުތަކަށް %60 މީހުން ފައިސާ ނުދައްކާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ހައިދަރު މިގޮތަށް ވިދާޅުވީ، ދަރިވަރުންގެ ލޯން ސްކީމާ ގުޅޭ ގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބު ދެއްވުމަށް މަޖިލީހަށް ވަޑައިގެން، އެހެން މެންބަރުން ކުރެއްވި އިތުރު ސުވާލުތަކަށް ދެއްވި ޖަވާބުގަ އެވެ.
ތަފްސީލު - ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ހުސައިން ކުރެއްވި ސުވާލުތަކުގެ ތެރޭގައި، މިހާތަނަށް ދަރިވަރުންގެ ލޯނުތަކަށް ކޮށްފައިވާ ހަރަދުތަކާއި ލޯނަށް ބަރާބަރަށް ފައިސާ ދައްކަމުންދޭތޯ ހިމެނެ އެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި:
މިދިޔަ ޖެނުއަރީން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 157 މިލިއަން ރުފިޔާ ލޯނު ފައިސާގެ ގޮތުގައި ދޫކޮށްފައިވޭ
ލޯނަށް އަނބުރާ ފައިސާ ދެއްކުމުގައި "ބޮޑެތި މައްސަލަތައް" އެބަހުރި
ފައިސާ އަނބުރާ ދައްކަމުންދަނީ ގާތްގަނޑަކަށް %40 މީހުން؛ ގާތްގަނޑަށް %60 މީހުން ލޯނަށް ފައިސާ ނުދައްކާ
އެއީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށާއި އެ ފައިސާ ހޯދުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް މަޝްވަރާކޮށް، ވަރަށް ވަހަށް ގޮތެއް ނިންމާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވާނީ އެ ކަމަށް މަސައްކަތް ކުރަން ފަށާފައި،" އޭނާ ވިދާޅުވި އެވެ.
މިއަހަރު ވެސް ސަރުކާރުން ވަނީ 500 ދަރިވަރުންގެ ލޯނުގެ ފުރުސަތަށް މިދިޔަ މާޗު މަހު ފަހުކޮޅު ހުޅުވާލާފަ އެވެ. ކުރިމަތިލުމަށް ދިން ސުންގަނޑި މިދިޔަ މަހު 30އަށް ވަނީ ހަމަވެފަ އެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ކުރެއްވި ސުވާލުތަކުގެ ތެރޭގައި، އެ ލޯނަށް ކިތައް ދަރިވަރުން ހުށަހެޅިތޯ އާއި ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ލޯނު ލިބޭނެތޯ އަދި ލޯނު ނުލިބޭ ދަރިވަރުން ކިޔެވުމުން މަހުރޫމް ކުރުމަކީ ސަރުކާރުގެ ސިޔާސަތެއްތޯ ހިމެނެ އެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ:
މިފަހަރުގެ ލޯން ސްކީމަށް 1،351 ދަރިވަރުން ކުރިމަތިލި
ލޯނަށް ކުދިން ހޮވަނީ މެރިޓަށް ބަލާއިފައި
މިދިޔަ އަހަރު ވެސް ހުޅުވާލީ 500 ފުރުސަތަށް؛ ޝަރުތު ހަމަވި އެންމެންނަށް މިދިޔަ އަހަރު ވެސް ލޯނު ދިން
"އެހެންވީމަ، އަޅުގަނޑު ގަބޫލު ކުރަނީ މިއަހަރު ވެސް ސަރުކާރުގެ ސިޔާސަތަކަށްވާނީ ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް އެވޯޑް ކުރުންހެން. އެކަމަކު އަދި ވަކި ގޮތަކަށް ނުނިމޭ،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ