އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ރިޔާޒު ޑްރަގް އެޖެންސީއަށް ބަދަލު ކުރަނީ

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު، ދެ އަހަރުގެ މުއްދަތަކަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް ބަދަލުކުރަން ނިންމައިފި އެވެ.ފުލުހުންގެ ސެކަންޑްމަންޓް އުސޫލުގެ ދަށުން ދެ އަހަރުގެ މުއްދަތަކަށް ރިޔާޒު، އެންޑީއޭއަށް ބަދަލުކުރަނީ ކޮމިޝަނާ އޮފް ޕޮލިސްއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.ރިޔާޒުގެ ވަޒީފާއަށް މި ބަދަލު ގެނައީ އޭނާއަށް މިހާރުވެސް ލިބޭ މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ނާންނަ ގޮތަށެވެ. މި ސަރުކާރު އައިއިރު ރިޔާޒު ހުންނެވީ ކްރައިމް އިންވެސްޓިގޭޝަންގެ ހެޑަކަށް ނަމަވެސް އެ މަސްއޫލިއްޔަތުން ނޮވެމްބަރު، 2023 ގައި އޭނާ ވަނީ ދުރުކޮށްފަ އެވެ.މި ސަރުކާރުގެ އިސް ބޭފުޅުންގެ ފާޑުކިޔުން އިދިކޮޅުގައި ތިބިއިރު ރިޔާޒަށް ވަރަށް ބޮޑަށް އަމާޒުވި އެވެ. ހާއްސަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅޭ ގޮތުން ރިޔާޒު އިސްވެ ހުންނަވައި ހިންގެވި ތަހުގީގުތަކާ ގުޅޭ ގޮތުން ފާޑުކިޔުން ބޮޑުވި އެވެ.ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ވެރިޔާގެ މަގާމުގައި ހުންނެވި އިރު އޭނާ ވަނީ މުހިންމު ތަހުގީގުތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި، 2021، ގައި ދިން ބޮމުގެ ހަމަލާ ހިމެނެ އެވެ.އެސިސްޓަންޓު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ރިޔާޒް އައްޔަންކޮށްފައި ވަނީ މާޗް، 2019، ގަ އެވެ. އެ މަގާމަށް ރިޔާޒް އައްޔަން ކުރީ ފުލުހުންގެ ވަޒީފާ އިއާދަކޮށްދިނުމަށްފަހެވެ. އޭނާ ފުލުހުންގެ ވަޒީފާއިން ވަކި ކުރީ ސެޕްޓެމްބަރު، 2017، ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.ފުލުހުންގެ ވަޒީފާއަށް ރިޔާޒް ވަދެފައި ވަނީ މެއި، 1999، ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ