ދުނިޔެއަށް އަންނަ ބަދަލުތަކާ އެކު ދައުލަތަށާއި ގައުމަށް ލޮޅުމެއް އެރިޔަނުދީ، ދައުލަތް ދެމެހެއްޓުމުގެ މަސައްކަތް ކުރާނީ ދިވެހި ސިފައިން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދު ފާހަގަ ކުރާ ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބެއްގައި ރައީސް ވަނީ ސިފައިންނަށާއި ސިފައިންގެ އާއިލާތަކަށް އަދި މީގެ ކުރިން އަސްކަރިއްޔާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް ދުވަހުގެ ތަހުނިޔާ ފޮނުއްވައިފަ އެވެ.
ތަފްސީލް - ރައީސްގެ ހިތޯބުގައި ވިދާޅުވީ ދިވެހި ގައުމު މިއަދާއި ހަމައަށް ދެމިއޮތީ ގައުމުގެ މިނިވަންކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް ބަޔަކުވީ ގުރުބާނީގެ ސަބަބުން ކަމަށެވެ.
ކޮންމެ ނަމެއް ކޮންމެ ޒަމާނަކު ކީ ނަމަވެސް، މި ގުރުބާނީގެ ފަހަތުގައި އެންމެ މުހިންމު ދައުރެއް އަބަދު ވެސް އަދާކުރީ، މިހާރު ކިޔާ ގޮތުން ނަމަ އަސްކަރިއްޔާ އިން ނުވަތަ ސިފައިން ކަމަށްް ރައީސްގެ ހިތޯބުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ:
ސިފައިން އެ މީހުންގެ އަމިއްލަ ނަފުސާއި އާއިލާތަކަށް ވުރެ އަބަދު ވެސް އިސްކުރީ ދިވެހި ގައުމާއި ރައްޔިތުންގެ މަސްލަހަތު
ގައުމަށް ދިމާވި ކޮންމެ ބޮޑުކަމަކާއި ކޮންމެ އުނދަގޫ ވަގުތަކު، ދިވެހިންނަށްޓަކާ ދަލާއި ލޭ އޮހޮރުވައި ރެޔާއި ދުވާލު ވަރުބަލިވުމެއް ނެތި ބުރަ އުފުލުމުގައި އިސްނެގީ ދިވެހި ސިފައިން
ކޮންމެ ކަންބޮޑުވުމަކުން ރައްޔިތުން ރައްކާތެރިކުރުމަށް އެއްގަމާއި ކަނޑާއި ވައިގެ ތެރޭ ވެސް 24 ގަޑިއިރު ހަރަކާތްތެރިވަނީ ދިވެހި ސިފައިން
ރައީސް ވިދާޅުވީ ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި އެކި ޒަމާނާއި އެކި ހާލަތުގައި އެކި މިސްރާބަށް ކަންކަން އެނބުރެމުން ދާއިރު، ދިވެހި ދައުލަތާއި ދީބަށް ލޮޅުމެއް އެރިޔަނުދީ، ގައުމުގެ ކަރާމާތް ދެމެހެއްޓުމުގެ އެންމެ މަތިވެރި ގައުމީ ޒިންމާ އުފުލާނީ ދިވެހި ސިފައިން ކަމަށެވެ.
"ދިވެހި ސިފައިންގެ މުލައްދަނޑިތަކުގައި ގައުމީ ލޭ ދައުރުވާހާ ހިނދަކު، ދިވެހި އަސްކަރީންގެ ހިތްތަކުގައި މިނިވަންކަމުގެ ވިންދު ޖަހަމުންދާހާ ހިނދަކު، އިރާދަކުރެއްވިއްޔާ ދިވެހިންގެ މިނިވަންކަމަކަށް، ދެމިތިބުމަކަށް، އިރުއޮއްސުމެއް ނެތް،" ރައީސްގެ ހިތޯބުގައި ވިދާޅުވި އެވެ.
ދުނިޔެއަށް އަންނަ ބަދަލުތަކާ އެކު ދައުލަތް ދެމެހެއްޓުމުގެ މަސައްކަތް ކުރާނީ ސިފައިން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ