އާމިރުގެ ބަދަލުގައި އުޖްވަލް ނިކަމްގެ ބައޮޕިކްއިން ފެންނާނީ ރާޖްކުމާރު ރާއޯ
އިންޑިއާގެ މަޝްހޫރު ޕަބްލިކް ޕްރޮސެކިއުޓަ އުޖްވަލް ނިކަމްގެ ވާހަކަ ކިޔައިދޭ ބައޮޕިކްއިން އާމިރު ޚާންގެ ބަދަލުގައި އެކްޓަރު ރާޖްކުމާރު ރާއޯ ގެނައުމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި ފިލްމަކީ އާމިރު ޚާންގެ އަމިއްލަ ފިލްމު ކުންފުނިން ވަރަށް ކުރީއްސުރެން ގެންނަން ނިންމާފައިވާ ފިލްމެކެވެ. އިންޑިއާއަށް ކޮވިޑްގެ ބަލިމަޑުކަން އައުމުގެ ކުރިން އުޖްވަލް ނިކަމްގެ ހަޔާތާ ގުޅޭ ފިލްމެއް އުފެއްދުމުގެ ޝައުގުވެރިކަން ހުރިކަމަށް އާމިރު ވަނީ ބުނެފައެވެ. މި ބައޮޕިކްގެ ސްކްރިޕްޓްތައް ވެސް އެކުލަވާލާ އެކި ޕްރޮޑިއުސަރުންނާ އެކު ފިލްމު ގެނެސްދިނުމުގެ މަޝްވަރާތައް ވެސް އާމިރު ވަނީ ކުރިއަށް ގެންގޮސްފައެވެ. ފިލްމީ ތަރިން ކަމަށްވާ ރާޖްކުމާރު ރާއޯ އަދި ކްރިތީ ސެނޮން ޕްރޮޑިއުސަރު ދިނޭޝް ވީޖަންއާ އެކު--ފޮޓޯ/މިޑްޑޭ ނަމަވެސް އާމިރު އެންމެފަހުން ނިންމާފައި ވަނީ ކާމިޔާބު ފިލްމުތައް ގެނެސްދީފައިވާ މެޑްޑޮކް ފިލްމްސްއާ ގުޅިގެން މި ބައޮޕިކް ގެނެސްދިނުމަށެވެ. އުޖްވަލް ނިކަމްގެ ވާހަކަ ކިޔައިދޭ ފިލްމުގައި އެ ކެރެކްޓާ އާމިރު ކުޅެން ކުރިން ނިންމި ނަމަވެސް އާމިރު އެންމެ ފަހުން ނިންމީ ފިލްމުގައި ޕްރޮޑިއުސަރެއްގެ ރޯލް އަދާކުރުމަށެވެ. އެހެންކަމުން މެޑްޑޮކް ފިލްމްސްގެ ކުޅަދާނަ ޕްރޮޑިއުސަރު ދިނޭޝް ވީޖަން ބޭނުންވަނީ އުޖްވަލް ނިކަމްގެ ރޯލް އެކްޓަރު ރާޖްކުމާރު ރާއޯއަށް ދިނުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. ރާޖްކުމާރު ރާއޯ އަކީ ދިނޭޝް ޕްރޮޑިއުސްކޮށްފައިވާ ގިނަ ފިލްމުތަކެއްގައި ދިނޭޝްއާ އެކު މަސައްކަތް ކޮށްފައިވާ އެކްޓަރެކެވެ. އޭގެތެރޭގައި މެޑްޑޮކް ފިލްމްސްގެ އެންމެ ކާމިޔާބު އެއް ފްރެންޗައިސް ކަމަށްވާ "އިސްތިރީ" އަދި ފިލްމު "ރޫހީ" ހިމެނެއެވެ. ހަމައެއާއެކު ރާޖް މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމު "ބޫލް ޗަކް މާފް"އަކީ ވެސް ދިނޭޝް ޕްރޮޑިއުސްކޮށް މެޑްޑޮކް ފިލްމްސްއިން ގެނެސްދޭ ފިލްމެކެވެ. ޕަބްލިކް ޕްރޮސެކިއުޓަ އުޖްވަލް ނިކަމް--ފޮޓޯ/އެބްޒޮލިއުޓްއިންޑިއާނިއުސް ޕަބްލިކް ޕްރޮސެކިއުޓަ އުޖްވަލް ނިކަމް އަކީ އިންޑިއާގައި ހިނގާފައިވާ ބޮޑެތި ހާދިސާތަކާ ގުޅިގެން ކުރިއަށްދިޔަ ގާނޫނީ މަސައްކަތްތަކުގައި މުހިއްމު ރޯލެއް އަދާކުރެއްވި ވަރަށް ވަރުގަދަ ޝަހްސިއްޔަތެކެވެ. އުޖްވަލް ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބައެއް ކޭސްތަކަކީ އިންޑިއާގައި ފާހަގަކޮށްލެވޭ މަރުގެ މައްސަލަތަކާއި ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކެވެ. އޭގެތެރޭގައި އިންޑިއާގެ މުމްބާއީއަށް ދިން 26/11ގެ ޓެރަރިޒަމް ހަމަލާ ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ