ސިވިލް ސާވިސްއިން ރިޓަޔާވެފައި ދައުލަތުގެ އެހެން ވަޒީފާއަކަށް ދިއުން ހަމައެއް ނުޖެހޭ: ސީއެސްސީ

ސިވިލް ސާވިސްގެ ވަޒީފާއަކުން ރިޓަޔާވެފައި ނުވަތަ މަގާމުން މުސްކުޅިވުމަށް ފަހު، ދައުލަތުގެ އެހެން ވަޒީފާއެއް އަދާކުރުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށާއި އެ ކަމަށް ގާނޫނުގެ ތެރެއިން ހައްލެއް ގެންނަންޖެހޭ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހު މިއަދު ވިދާޅުވެއްޖެއެވެ. ޑަބަލް ޕެންޝަންގެ މައްސަލަ ހައްލުކުރަން ރައްޔިތުންގެ މަޖިލީހުން އިސްނަގައިގެން ވަނީ މަސައްކަތް ފަށައިފައެވެ. އެގޮތުން، މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި މެންބަރުން ވަނީ ޕެންޝަން އޮފީހާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އާ ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނާސިހު ވިދާޅުވީ، ސިވިލް ސާވިސްއަކީ ދައުލަތުގެ އެންމެ ގިނަ މީހުން ވަޒީފާ އަދާކުރާ ބައި ކަމަށެވެ. ގާތްގަނޑަކަށް 35،000 އެއްހާ މުވައްޒަފުން މަސައްކަތްކުރަމުން އަންނަ ކަމަށް ނާސިހު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި 2008 އިން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 5،336 މުވައްޒަފުންނަށް މުސްކުޅިކުރުމުގެ އިނާޔަތް އެ ކޮމިޝަނުން ވަނީ ހަމަޖައްސައިދީފައެވެ. އޭގެ ތެރެއިން 55 އަހަރުވެގެން މުސްކުޅިކުރެވުނު މީހުންގެ އަދަދަކީ 1،612 ކަމަށާއި، އުމުރުން 65 އަހަރުވެގެން މުސްކުޅިކުރެވުނު މީހުންގެ ތެރޭގައި 3،626 ހިމެނޭ ކަމަށް ނާސިހު ވިދާޅުވިއެވެ. ސިވިލް ސާވިސްގެ އިތުރުން އެހެނިހެން މުއައްސަސާތަކުން ވެސް 55 އަހަރުވުމުން މަގާމުން މުސްކުޅިކުރެވޭ ގޮތަށް އުސޫލުތައް ހަދާފައިވާކަން ނާސިހު ފާހަގަކުރެއްވިއެވެ. "[އުމުރުން] 65 އަހަރާ ހަމައަށް ދާއިރު، ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން އެ އޮންނަ ކޮންޓްރިބިއުޓަރީ ސްކީމް، އެގޮތަށް ކޮންޓްރިބިއުޓްކުރާ އެމައުންޓަކަށް ބޭޒްކޮށްފައި ވެސް [ޕެންޝަން] އެބަ ލިބޭ. ދެން އަޅުގަނޑުމެން ސިވިލް ސާވިސްއިން ވެސް ދޭ ރިޓަޔާމަންޓާ ދޭތި ވެސް ލިބޭ ކަހަލަ ގޮތަކަށް. އެއީ ކަންނޭނގެ ޑަބަލް ޕެންޝަން ބައެއް ފަރާތްތަކުން މާނަކުރައްވާ ގޮތަކީ،" ނާސިހު ވިދާޅުވިއެވެ. އަބްދުއްރަހީމާއި ސީއެސްސީގެ ރައީސް މުހައްމަދު ނާސިހް -- ފޮޓޯ/ ސީއެސްސީ ނާސިހު ވިދާޅުވި ގޮތުގައި ޕެންޝަނަކީ ރިޓަޔާކުރުމުން ލިބޭ އެއްޗަކަށްވާއިރު، ބައެއް މީހުން ސިވިލް ސާވިސްއިން ރިޓަޔާވުމަށް ފަހު ސިވިލް ސާވިސް ނޫން އެހެން މުއައްސަސާތަކުގައި ވެސް މަސައްކަތްކުރެއެވެ. ސިވިލް ސާވިސްއިން ރިޓަޔާކޮށްފި މީހަކަށް ސިވިލް ސާވިސްގެ އެއްވެސް ވަޒީފާއެއް ދެން ނުދިން ނަމަވެސް އެހެނިހެން މުއައްސަސާތަކުގެ ގަވާއިދުތައް ތަފާތުކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން އެކަން ހައްލުކޮށް މޮނިޓާކުރުމަކީ ވެސް ފަސޭހަކަމަކަށް ނުވާނެ ކަމަށް ނާސިހު ވިދާޅުވިއެވެ. އެއީ، އެއްވެސް ހާލެއްގައި ހަމަޖެހޭ އުސޫލެއް ނޫން ކަމަށާއި، ގާނޫނުގެ ތެރެއިން އެކަމަށް ހައްލެއް ލިބެންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ނާސިހު ވިދާޅުވިއެވެ. "އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ރިޓަޔާމަންޓުގެ މަގުސަދަކީ މަސައްކަތް ނުކޮށް ހުރުންތާ. ދެން ޕްރައިވެޓްކޮށް ނުކުރެވޭނެއެކޭ ނޫން. އެހެންނަމަވެސް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ރިޓަޔާމަންޓް ބެނެފިޓެއް ލިބި، ދައުލަތުގެ ވަޒީފާއަކަށް އައުމަކީ ހަމަޖެހޭ އުސޫލެއް ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ،" ނާސިހު ވިދާޅުވިއެވެ. ކޮމިޓީގައި ޕެންޝަން އޮފީހުން ބުނީ، ޕެންޝަންގެ ގޮތުގައި ކޮންމެ މަހަކު 100 މިލިއަނެއްހާ ރުފިޔާ ހޭދަވާ ކަމަށާއި، 2030 ވަނަ އަހަރަށް ދާއިރު އެ އަދަދު ހަތް ޕަސެންޓަށް އިތުރުވާނެ ކަމަށް ލަފާކުރެވޭތީ އެއީ ދައުލަތަށް ކުރަން އުނދަގޫވާނެ ޚަރަދެއް ކަމަށެވެ. މި ފަހުން މާލިއްޔަތު ކޮމިޓީގައި ޑަބަލް ޕެންޝަންގެ ވާހަކަ ނެންގެވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. އޭނާ ވިދާޅުވީ، ފާއިތުވި 13 އަހަރު ތެރޭ ޕެންޝަނަށް 2.96 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. ޑަބަލް ޕެންޝަންގެ މައްސަލަ ހައްލުކުރަން ރައްޔިތުންގެ މަޖިލީހުން އިސްނަގައިގެން މަސައްކަތް ފަށަން ވެއްޖެ ކަމަށް ނާޒިމް ވިދާޅުވިއެވެ. ސިވިލް ސާވިސް ގާނޫނުގައި އޮތްގޮތުގެ މަތިންނާއި ވަކިވަކި އިދާރާތަކުން ޕެންޝަން ދިނުމުގެ ގަވާއިދުތަކެއް ހަަދައިގެން ޕެންޝަން ދެމުން ދިޔުމުން ޕެންޝަންގެ ބުރަ ބޮޑުވުމަކީ މާލީ އިދާރާތަކުން ފާހަގަކުރަމުން އަންނަތާ، ގިނަ ދުވަސްވީ މައްސަލައެކެވެ. އެގޮތުން، 2015ވަނަ އަހަރު އޮޑިޓަރު ޖެނެރަލް ނެރުއްވި ރިޕޯޓެއްގައި ވެސް ވަނީ އެގޮތަށް ޕެންޝަން ދެމުން ދިޔުން ރަނގަޅު ނޫން ކަމަށް ބުނެފައެވެ. މީގެ އިތުރުން، ދައުލަތުގެ ދަރަނި ބޮޑުވެފައިވާއިރު އިގުތިސާދު ހަމައަކަށް އަޅުވަން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ޑަބަލް ޕެންޝަން އުވާލުމަކީ ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެމް)އިން ވެސް ލަފާދީފައިވާ ގޮތެވެ. މި ސަރުކާރުން މިދިޔަ ޑިސެމްބަރު މަހު ވަނީ މި އަހަރުން ފަށައިގެން ޑަބަލް ޕެންޝަން އުވާލަން އިއުލާނުކޮށްފައެވެ. ނަމަވެސް، އެ ނިންމުން ފަހުން ވަނީ ބާތިލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ