އަޔޫބަށް ނުކުޅެވޭނެ، ޕާކިސްތާނަށް އޯޕަނިން ބެޓްސްމަނުންގެ މައްސަލަ

ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގައި ޕާކިސްތާނަށް އޯޕަނިން ބެޓްސްމަނުންގެ މައްސަލަ ކުރިމަތިވެއްޖެ އެވެ.
މި މައްސަލަ ބޮޑުވީ ޓީމުގެ އެންމެ އިތުބާރު ބެޓްސްމަން ސައިމް އަޔޫބަށް ކުޅެވޭގޮތް ނުވުމުންނެވެ. އޭނާގެ ކަކުލަށް ލިބިފައިވާ އަނިޔާ އަށް ފަރުވާ ހޯދަމުންދަނީ އިނގިރޭސިވިލާތުގަ އެވެ. ނަމަވެސް މިހާރު ޔަގީން ކުރެވިފައިވަނީ އަންނަ މަހުގެ 19ގައި ފަށާ މުބާރާތަށް އޭނާ ފިޓްނުވާނެ ކަމަށެވެ.
އަމިއްލަ ގައުމުގައި ކުޅޭ މުބާރާތަށް މިހާތަނަށް ޓީމު އިއުލާނުކޮށްފައި ނުވާ ހަމައެކަނި ގައުމަކީ ވެސް ޕާކިސްތާނެވެ. މީގެ ސަބަބަކީ އަޔޫބަށް ކުޅެވޭނެކަން ޔަގީންކޮށްފައި ނޫނީ ޓީމު ފައިނަލް ކުރަން ޕާކިސްތާން ބޭނުންނުވުމެވެ.
އަޔޫބް ނެތުމުން ޕާކިސްތާނުގެ އިނިންގްސް ހުޅުވަން ނުކުންނަނީ އަބްދުﷲ ޝާފިގީ އާއި އުސްމާން ހާން އެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ މުބާރާތަށް ތައްޔާރުވާ ސްކޮޑުން އުނިކޮށްފަ އެވެ. ނަމަވެސް ފަހުރުއްޒަމާން އާއި މުހައްމަދު ރިޒްވާން އަދި ކުރީގެ ކެޕްޓަން ބާބަރް އަޒަމް ވަނީ ޓީމުގައި ހިމަނާފަ އެވެ. މީގެ އިތުރުން ބެޓްސްމަނުންގެ ގޮތުގައި ޓީމުގައި ހިމެނުމަށް ޕާކިސްތާނުން ވިސްނަމުންދަނީ އިމާމުލް ހައްގު އާއި އުއްމީދީ ބެޓްސްމަން ހަސީބުﷲ އެވެ.
މީގެ އިތުރުން ތައްޔަބް ތާހިރާއި އިރްފާން ހާން އާއި ސަލްމާން އަގްހާ އަކީ ވެސް ޓީމުން ޖާގަ ދީފާނެ ކުޅުންތެރިންނެވެ.
ބެޓްސްމަނުންގެ މައްސަލަ ދިމާވި ނަމަވެސް ޕާކިސްތާނުގެ ބޯލިން ޑިޕާޓްމަންޓް ވަރުގަދަ އެވެ. ޝާހީން އަފްރީދީ އާއި ނަސީމް ޝާހު އަދި ހާރިސް ރައުފް އާއި މުހައްމަދު ހަސްނިއައިން ކަމްރަން ގުލާމް އަދި އަބްރާރު އަހުމަދު އަދި ޒުވާން ސުފްޔާން މުގީމް ޓީމުން ޖާގަ ހޯދާނެ ކަމަށް ބެލެވޭ ކުޅުންތެރިންނެވެ.
ޕާކިސްތާން ޓީމު އިއުލާނުކުރާނެ ކަމަށް ބެލެވެނީ އަންނަ އަންގާރަ ދުވަހު އެވެ. މުބާރާތުގައި ޕާކިސްތާން ހިމެނެނީ އިންޑިޔާ އާއި ބަނގްލަދޭޝްއާ އެއް ގްރޫޕެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ