މެޕްސް ކޮލެޖުން މާސްޓަރ އޮފް އޭވިއޭޝަން މެނޭޖްމެންޓް ކޯސް ތައާރަފްކޮށްފި

މެޕްސް ކޮލެޖުގެ ފަރާތުން މާސްޓަ އޮފް އޭވިއޭޝަން މެނޭޖްމެންޓް ކޯސް ތައާރަފްކޮށްފި އެވެ.
މިކޯސް ތައާރަފްކުރުމާ ގުޅިގެން އެ ކޮލެޖުގެ ޑެޕިއުޓީ ރެކްޓަރ ފާތިމަތު ރަޝީދު ވިދާޅުވީ އޭވިއޭޝަން ދާއިރާ އަކީ ރާއްޖޭގެ ސިނާއަތުގައި ހަލުވިކަމާއެކު ފުޅާވަމުން އަންނަ ދާއިރާއަކަށް ވެފައި، އޭވިއޭޝަން އޮޕަރޭޝަންތަކާއި،ގަވާއިދުތަކާއި ސްޓްރެޓެޖިކް ޕްލޭންތައް މެނޭޖްކުރުމުގެ ކޮމްޕްލެކްސިޓީތައް ވިސްނޭ ހުނަރުވެރި ފަންނުވެރިން އެ ދާއިރާއަށް ބޭނުންވެފައިވާ ކަމަށެވެ.
މެޕްސް ކޮލެޖުން އަލަށް ތައާރަފް ކުރެވުނު މާސްޓަރސް އޮފް އޭވިއޭޝަން މެނޭޖްމަންޓް ކޯހުގެ ސަބަބުން އޭވިއޭޝަން ދާއިރާއިން ކުރިއަށް ދިއުމަށް ޝައުގުހުރި ގިނަ ބަޔަކަށް މަތީ ފެންވަރުގެ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށް ޑެޕިއުޓީ ރެކްޓަރ ވަނީ ވިދާޅުވި އެވެ.
އަލަށް ތައާރަފް ކުރެވުނު މާސްޓަރސް ކޯހުގެ ސަބަބުން އޭވިއޭޝަން ދާއިރާއިން ބެޗެލަރަސް ޑިގްރީ ހާސިލުކޮށްފައިވާ ދަރިވަރުންނަށް ވެސް އަމިއްލަ ޤައުމުގައި ތިބެގެން ހެޔޮ އަގެއްގައި މަތީ ތައުލީމު ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް މެޕްސް ކޮލެޖުން މައުލޫމާތު ދެއްވައެވެ. ހާއްސަކޮށް މިއީ މާލޭގެ އިތުރުން އަތޮޅު ތެރޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ވެސް އެއްވެސް ހުރަހެއް ނެތި ފަސޭހަ ކަމާއެކު މާސްޓަރސް ލެވެލް ކޯހެއް ފުރިހަމަ ކުރުމަށް ލިބުނު ރަނުގެ ފުރުސަތެއްގެ ގޮތުގައި އެ ކޮލެޖުން ވަނީ ފާހަގަކޮށްފައެވެ.
މާސްޓަރ އޮފް އޭވިއޭޝަން މެނޭޖްމަންޓް ކޯހުގެ އިތުރުން މެޕްސް ކޮލެޖުން ހިންގާ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، މާސްޓަރ އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓް އަދި މާސްޓަރ އޮފް ޕްރޮޖެކްޓް މެނޭޖްމަންޓް ކޯހުގެ ކިޔެވުން ވެސް މި އަހަރުގެ އޭޕްރިލް މަހުގެ 6 ވަނަ ދުވަހު ފަށަން ނިންމާފައި ވާއިރު މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި ހިނގާ މާރޗް މަހުގެ 23 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލުކުރާ ބެޗެލަރސް ޑިގްރީ (އެމް.އެން.ކިއު.އެފް) ލެވެލް 7 ނިންމާފައިވާ ކޮންމެ ދަރިވަރަކަށް ވެސް މެޕްސް ކޮލެޖުން ހިންގާ މާސްޓަރސް ކޯސް ތަކުގައި ބައިވެރިވެވޭނެއެވެ. އެއް އަހަރުގެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މާސްޓަރސް ކޯސްތަކަށް އިންސްޓޯލްމަންޓް އުސޫލުން ކޯސް ފީ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް މެޕްސް ކޮލެޖުން މައުލޫމާތުދެއްވައެވެ.
މެޕްސްކޮލެޖްއިން ހިންގާ އިތުރު ކޯސްތަކުގެ ތެރޭގައި ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލަރސް ޑިގްރީ ލެވެލްގެ ތަފާތު އެކި ދާއިރާތައް ހިމެނެއެވެ. އޭގެތެރޭގައި ބިޒްނަސް އެޑްމިނިސްޓްރޭޝަން، އެކައުންޓިންގް، ހިއުމަން ރިސޯސް މެނޭޖްމަންޓް، މާކެޓިންގް މެނޭޖްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް، ސަޕްލައި ޗެއިން މެނޭޖްމަންޓް، ޓުވަރިޒަމް މެނޭޖްމަންޓް އަދި އައިޓީގެ ކޯސްތައް ހިމެނެއެވެ. ހަމައެއާއެކު އިންޓަނޭޝަނަލް ކޯސްތައް ކަމަށްވާ އެސޯސިއޭޝަން އޮފް ޗަރޓަޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭ.ސީ.ސީ.އޭ)ގެ ކޯސްތައް ވެސް މެޕްސް ކޮލެޖުގައި ހިންގައެވެ.
މެޕްސް ކޮލެޖަކީ މަތީ ތައުލީމުގެ ދާއިރާއިން ރާއްޖޭގައި ޚިދުމަތް ފޯރުކޮށްދެމުން އަންނަ އެންމެ ދުވަސްވީ އެއް ކޮލެޖެވެ. ޚިދުމަތުގައި 25 އަހަރު ފުރިފައިވާ މެޕްސް ކޮލެޖުން އަންނަނީ 2019ވަނަ އަހަރުން ފެށިގެން ކާމިޔާބު ކަމާއެކު އޮންލައިންކޮށް ކޯސްތައް ހިންގަމުންނެވެ.
މެޕްސް ކޮލެޖުން ހިންގަމުން އަންނަ ކޯސްތަކާއި ބެހޭ އިތުރު މަޢުލޫމާތު މެޕްސް ކޮލެޖުގެ ވެބްސައިޓް www.maps.edu.mv އިން ހޯދާލެވޭނެއެވެ. ހަމައެއާއެކު ކޮލެޖްގެ ނަމްބަރު 3314621 އަށް ގުޅާލުމުން ވެސް ކޯސްތަކާބެހޭ އިތުރު މައުލޫމާތު ފޯރުކޮށް ދެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ