އައިފޯން އެމެރިކާގައި ނުއުފައްދާނަމަ 25 އިންސައްތައިގެ ޓެރިފްއެއް ކަނޑައަޅަނީ

އައިފޯން އެމެރިކާގައި ނުއުފައްދާނަމަ 25 އިންސައްތައިގެ ޓެރިފްއެއް ކަނޑައަޅާނެ ކަމުގެ އިންޒާރު އެޕަލްއަށް ޓްރަމްޕް ދެއްވައިފިއެވެ. މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެޕަލް ކުންފުންޏަށް ބިރުދައްކަވަމުން ވިދާޅުވީ އެމެރިކާގައި ވިއްކާ އައިފޯން އެމެރިކާގައި ނުއުފައްދާނަމަ މަދުވެގެން 25 އިންސައްތައިގެ ޓެރިފްއެއް ކަނޑައަޅާނެ ކަމަށެވެ.ޓްރަމްޕްގެ މިއިންޒާރު އައިސްފައިވަނީ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތް ސޯޝަލް" ގައި ކުރެެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި އޭނާ ވަނީ އެޕަލްގެ ސީއީއޯ ޓިމް ކުކަށް ކުރިން ވެސް މިކަން އަންގާފައިވާ ކަމަށް ބުނެފައެވެ. އަދި އެމެރިކާގައި ވިއްކާ އައިފޯން އެމެރިކާގައި އުފައްދަންވާނެ ކަމަށާއި، އިންޑިއާ ނުވަތަ އެހެން ތަނެއްގައި އުފެއްދުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ. ޓްރަމްޕްގެ މި އިންޒާރާ ގުޅިގެން އެމެރިކާގެ ހިއްސާގެ ބާޒާރަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. އެގޮތުން ނަސްޑެކް 100 ކޮންޓްރެކްޓްތައް ވަނީ ދަށަށް ގޮސްފައެވެ. އަދި އެޕަލްގެ ހިއްސާ ވެސް ވަނީ ޕްރީ-މާކެޓް ޓްރޭޑިންގައި ހަތަރު އިންސައްތައަށް ވުރެ ބޮޑަށް ދަށަށް ގޮސްފައެވެ. އެޕަލްގެ އައިފޯން އުފެއްދުމުގެ މައިގަނޑު މަސައްކަތްތައް މިހާރު ކުރަމުން އަންނަނީ ޗައިނާގައެވެ. އެހެންކަމުން، އެމެރިކާގައި އައިފޯން އުފެއްދުމަކީ އެޕަލްއަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެއެވެ. މިހާރު އެމެރިކާގައި އައިފޯން އުފެއްދުމަށް ބޭނުންވާ ސަޕްލައި ޗެއިން އަދި އިންޖިނިއަރިން ހުނަރު ނެތްކަން ފާހަގަކުރެވެއެވެ. ޓްރަމްޕްގެ މި އިންޒާރާ ގުޅޭ ގޮތުން އެޕަލްއިން އަދި ރަސްމީ ބަޔާނެއް ދީފައެއް ނުވެއެވެ. ނަމަވެސް މި މަހުގެ ކުރީކޮޅު އެޕަލްއިން ވަނީ ޓެރިފްގެ ސަބަބުން މި ކުއާޓާގައި 900 މިލިއަން ޑޮލަރުގެ އިތުރު ޚަރަދު ހިނގާނެ ކަމަށް ބުނެފައެވެ. އެޕަލްއިން މިއަހަރުގެ ކުރީކޮޅު ބުނެފައިވަނީ، ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެމެރިކާގައި 500 ބިލިއަން ޑޮލަރު ހޭދަކުރާނެ ކަމަށެވެ. މީގެ ތެރޭގައި ހިއުސްޓަޓަންގައި އައު ސާވާ އުފެއްދުމުގެ ފެސިލިޓީއެއް ގާއިމުކުރުމާއި، މިޝިގަންގައި ސަޕްލަޔާ އެކަޑަމީއެއް ހެދުމާއި، އެމެރިކާގައި މިހާރު ވެސް ހުރި ސަޕްލަޔަރުންނާއެކު އިތުރު މަސައްކަތްތަކެއް ކުރުން ހިމެނެއެވެ. ނަމަވެސް މިއީ ޓްރަމްޕް ގޮވާލާ ފަދައިން އުފެއްދުންތެރިކަން މުޅިން އެމެރިކާއަށް ބަދަލުކުރުމެއް ނޫނެވެ. އައިފޯނާއި އެހެނިހެން ޑިވައިސްތައް އުފެއްދުން އެމެރިކާއަށް ބަދަލުކުރުމަކީ އެޕަލްއަށް ވަރަށް ބޮޑު މަސައްކަތަކަށް ވާނެއެވެ. އެޕަލްގެ އެންމެ ބޮޑެތި އެފްއޭޓީޕީ (ފައިނަލް އެސެމްބްލީ، ޓެސްޓް އެންޑް ޕެކް-އައުޓް) ފެސިލިޓީތަކަކީ ވަރަށް ބޮޑެތި ތަންތަނެވެ. މިއީ ހަމަ ރަށްތަކެކޭ އެއްފަދަ ތަންތަނެވެ. މިފަދަ ތަންތަނުގައި އެތައް ލައްކައެއްގެ މީހުންނާއި، ސްކޫލްތަކާއި، ޖިމްތަކާއި، މެޑިކަލް ފެސިލިޓީތަކާއި، ޑޯމިޓަރީތައް ހުރެއެވެ. އައިފޯން އުފައްދާ އެންމެ ބޮޑު އެއް ފެކްޓަރީ ކަމުގައިވާ ޖެންޖޯގައި ހުންނަ ކޮމްޕްލެކްސްއަށް ވަނީ "އައިފޯން ސިޓީ" އޭ ކިޔާ ހިސާބަށް ގޮސްފައެވެ. ފާއިތުވި ހަފުތާތަކުގައި އެޕަލްއަށް އަމާޒުކޮށް އިތުރުވަމުންދާ ފިއްތުންތަކަކީ ޓްރަމްޕްގެ ފުރަތަމަ ދައުރާ ތަފާތު ކަމެކެވެ. އޭރު އެޕަލްގެ ސީއީއޯ ޓިމް ކުކާ ޓްރަމްޕާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން އެޕަލްގެ އުފެއްދުންތަކަށް ޓެރިފް ލުއިތަކެއް ހޯދައިދެވުނެވެ. ނަމަވެސް މިހާރު މިފެންނަ ހަގީގަތަކީ ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏަށް ޓްރަމްޕްގެ ވިޔަފާރީގެ ސިޔާސަތުގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮންޖެހުންތަކެއްގެ ކޮޅުމަތި ކަމަށް މާހިރުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ