ފެތުންތެރިންގެ އެ ހުވަފެނުގައި ހަގީގީ ކުލަ ޖެހުމުގެ ފުރަތަމަ މަރުހަލާ އައީ ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފްގެ ފަރާތްޕުޅުން 2019ގަ އެވެ. ދުނިޔޭގެ ފެންވަރުގެ ސްވިމިން ޕޫލެއް އަޅަން މާލީ އެހީ ދެއްވާނެކަމުގެ ޔަގީންކަން، ސްވިމިން އެސޯސިއޭޝަނާއި އޭރު އޮތް އެމްޑީޕީގެ ސަރުކާރަށް އޭނާ ދެއްވި އެވެ.
މާލޭގެ ދުވާ ޓްރެކްއާ ޖެހިގެން އޮތް ކޮށި ސްވިމިން އެސޯސިއޭޝަނަަށް ދިނެވެ. އެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ 28 ޖެނުއަރީ 2021ގަ އެވެ.
އެކަމަކު އެސޯސިއޭޝަނުން ބޭނުންވާ ފެންވަރުގެ ސްވިމިން ޕޫލާއި ފެނުގެ ކުޅިވަރުގެ އެހެން ބައެއް ވަސީލަތްތައް ގާއިމްކުރަން އެ ބިން ކުޑަ އެވެ. އެހެންކަމުން ސަރުކާރުން ދެން ބިން ހަމަޖެއްސީ ހުޅުމާލެއިންނެވެ. އެޗުޑީސީން ހުޅުމާލޭގައި ހެދި ސްވިމިން ޕޫލް ހިމެނޭ އިމާރާތާ ޖެހިގެން، ސެންޓްރަލް ޕާކަށް ވާ ގޮތަށް އޮތް ބިމުގައި މިހާރު ހަދަމުން އެ އަންނަނީ އެ ސްވިމިން ޕޫލެވެ.
ސްވިމިން އެސޯސިއޭޝަންގެ ރައީސް އަދި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ވެސް ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އަކީ ޗަމްޕާ އަފީފްގެ ދެބެންގެ ދެދަރި ބޭފުޅެކެވެ. އެ މަޝްރޫއުއަށް އަފީފް ދެއްވި 3 މިލިއަން ޑޮލަރު (46 މިލިއަން ރުފިޔާ)އަކީ ކުޅިވަރުގެ ވަސީލަތެއް ގާއިމްކުރަން ދިވެހި އެއް ފަރުދަކު މިހާތަނަށް ހޭދަކުރައްވާ އެންމެ ބޮޑު އަދަދެވެ.
ހުޅުމާލެއިން ހަމަޖެއްސި ބިން އޭރު ބޭނުންކުރަމުން އައީ ރާއްޖޭގައި މަޝްރޫއުތަކެއް ހިންގަމުން އައި ޗައިނާ ކުންފުންޏެއްގެ މުވައްޒަފުން ތިބޭށާއި ބަރު އުޅަނދުފަހަރު ބޭއްވުމަށެވެ. އެތަން ހުސްކުރަން އަހަރުތަކެއް ނެގި އެވެ. އެހެންވެ ސްވިމިން ޕޫލްގެ އަމަލީ މަސައްކަތް ފެށޭ ވަރުވީ މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވި ފަހުންނެވެ. އެ ބިން ހުސްކުރުމުގެ ކަންކަމުގައި މި ސަރުކާރުން އެހީތެރިވި އެވެ.
ބައިނަލްއަގުވާމީ މުބާރާތްތައް ވެސް ބޭއްވޭ ފެންވަރުގެ ވަސީލަތްތަކާ އެކު ހަދާ ސްވިމިން ޕޫލްގެ ވާހަކަ މީޑިއާގައި މިދުވަސްވަރު މި އޮތީ ގިނަވެފަ އެވެ. އެ ވާހަކަތައް ފެށުނީ މި މަހު ހަތް ވަނަ ދުވަހު ސްޕޯޓްސް މިނިސްޓްރީން ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓާ އެކު އެވެ. އެ އިމާރާތުގެ މަސައްކަތް ހިނގަމުން ދާ ގޮތް ބައްލަވާލައްވަން ކުޅިވަރާ ބެހޭ މިނިސްޓަރު އަބްދުﷲ ރާފިއު ކުރެއްވި ޒިޔާރަތުގެ ފޮޓޯތަކާ އެކު ލިއުނު ޕޯސްޓުން، މަޝްރޫއުގެ ހަގީގަތް ނޭނގި، ބައެއް މީޑިއާތަކުން އޭގެ ހުރިހާ ކްރެޑިޓެއް ދިނީ މި ސަރުކާރަށެވެ.
މިނިސްޓްރީގެ ޕޯސްޓްގައި މަޝްރޫއު ހިންގަމުން އަންނަ ގޮތުގެ އެއްވެސް މައުލޫމާތެއް ނުހިމަނަ އެވެ.
"މި އަހަރު ނިމުމުގެ ކުރިން މި ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ނިންމާލުމަށް އަމާޒު ހިފާފައިވާއިރު، މިވަގުތު ކުރިއަށްދަނީ ޕޫލްގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް. މި ކޮމްޕްލެކްސްއަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް، ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވޭ ފެންވަރަށް ތަރައްގީކުރާ ކޮމްޕްލެކްސްއެއް،" އެ ޕޯސްޓްގައި ލިއުނެވެ.
އެ ޒިޔާރަތަށް ފަހު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގައި ރާފިއު އެހެން ބަޔަކަށް ޝުކުރު ބަހެއް ވިދާޅުވެފައެއް ނުވެ އެވެ. އޭނާ ވިދާޅުވީ ސަރުކާރުން ވެރިކަމާ ހަވާލުވި އިރު އެއީ ހަމައެކަނި ސޮއިކޮށް އެކަމަކު އެއްވެސް ވަރަކަށް ކުރިއަށް ނުގޮސް އޮތް މަޝްރޫއުއެއް ކަމަށެވެ.
"އަޅުގަނޑުމެން ސަރުކާރާ ހަވާލުވި ފަހުން ހަމައެކަނި ސޮއިކުރެވިފައި އޮތް ކަމެއް. އެއްވެސް ވަރަކަށް މަސައްކަތް ކުރިއަށް ނުގޮސް އޮތީ. ފުރަތަމަ ހަފުތާއިން ފެށިގެން މި މަސައްކަތް ކުރިއަށް ގެންދަން މަގުފަހިކުރުމަށްޓަކައި އެކި އޮތޯރިޓީތަކާ ވާހަކަ ދެކެވިގެން، އޭގެ ތެރޭގައި އެޗުޑީސީއާ ވެސް ވާހަކަ ދެކެވިގެން، އަދި މިތަން އެކީ ކްލިއާކޮށް މިހާރު މަސައްކަތްކުރައްވާ ފާރާތަށް ސައިޓް ހަވާލުކުރެވުނީ އޭގެ ދެތިން ހަތަރު މަހެއް ފަހުން،" ރާފިއު ވިދާޅުވި އެވެ.
މިނިސްޓަރުގެ އެ ވާހަކަތަކަށް ރޭ ރައްދު ދެއްވީ ކުރީގެ ކުޅިވަރު މިނިސްޓަރު އަހުމަދު މަހުލޫފެވެ. އޭނާ ވަނީ އެ މަޝްރޫއުގެ ތަފުސީލު ދެއްވައި، މާޒީގެ ސަފުހާތަކެއް ހުޅުވާލައްވައިފަ އެވެ.
މަހުލޫފްގެ ބަހުން ނަމަ "ރާއްޖޭގައި ތަރައްގީކުރާ ފުރަތަމަ ބައިނަލްއަގުވާމީ ސުވިމިން ޕޫލަކީ މި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ކުޑަ ވެސް މިންވަރަކަށް އޮންނާނެ މަސައްކަތެއް ނޫނެ"ވެ.
ބިން ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ފޮޓޯތަކާއި އޭރު އޭނާ ކުރެއްވި ޓްވީޓްތަކުގެ ސްކްރީން ޝޮޓްތައް ވެސް، ދިގު ޕޯސްޓްގައި، މަހުލޫފް ހިމެނުއްވި އެވެ.
"ރައީސް [އިބްރާހިމް މުހައްމަދު ސޯލިހު]ގެ އިތުރުން މިކަމުގެ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ އޮނަރަބަލް ހުސައިން އަފީފަށް އަދި ސުވިމިންގެ ރައީސް ސައްތާރަށް. ސުވިންމިން ޕޫލެއް އެޅުމަށް ހިނގާ ހަރަދު ހަމަޖައްސާދެއްވާނެ ކަމުގެ ޔަގީކަން ރައީސް ސާލިހަށް އަދި ސުވިމިން އެސޯސިއޭޝަންގެ ރައީސް ސައްތާރަށް ވަރަށް ސާފުކޮށް އަފީފް އޮތީ ދެއްވާ އެފައިސާ ޔަގީންކޮށްދެއްވާފައި. މިކަމަށް ވޯލްޑް އެކުއާޓިކްސްގެ އެހީތެރިކަން ވެސް ލިބޭ،" މަހުލޫފް ލިއުއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި "އެތައް ބުރަ މަސައްކަތަކުން ކޮށްފައި ހުންނަ މިކަހަލަ ބޮޑެތި މަސައްކަތުގެ ކުރެޑިޓް، ކުޑަ ވެސް ބައިވެރިވުމެއް ނެތި މި ސަރުކާރުން ނަގަން އުޅުމަކީ ލަދުވެތި އަދި ހަޑި ކަމެކެ"ވެ.
'ދައުރު'އަށް އެނގިފައިވާ ގޮތުގައި އަފީފް ދެއްވި މާލީ އެހީތެރިކަމުގެ އިތުރުން ދުނިޔޭގެ ސްވިމިން ފެޑެރޭޝަންގެ އެހީ އާއި މަޝްރޫއުގެ އަމަލީ މަސައްކަތްކުރާ ކުންފުނިން ވެސް ފައިސާ ހޯދަ އެވެ. މި ހުރިހާ އެއްޗެއް އެއްކޮށްލުމުން އާ އެކްއާޓިކް ކޮމްޕްލެސްއަށް 160-180 މިލިއަން ރުފިޔާ ވަރު ހޭދަވާނެ ކަމަށް، މައުލޫމާތު ހުރި ބައެއް ބޭފުޅުން، ވިދާޅުވި އެވެ.
މިއީ ކުޅިވަރުގެ ވަސީލަތެއް ގާއިމްކުރަން ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު އެވެ. އެކަމަކު 'ދައުރު'އަށް އެނގިފައިވާ ގޮތުގައި މިހާތަނަށް ސަރުކާރުގެ މާލީ އެއްވެސް އެހީތެރިކަމެއް އަދި ނުލިބެ އެވެ.
ތަރައްގީގެ މިކަހަލަ މަޝްރޫއުތަކުގައި ސަރުކާރުގެ މާލީ ބައިވެރިވުން ނެތުމަކީ، ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި، އެއްވެސް މައްސަލައެއް ނޫނެވެ. އަމިއްލަ ވިޔަފާރިވެރިންނާއި އެސޯސިއޭޝަނުން ފަންޑު ހޯދުމުން ސަރުކާރަށް ވެސް ބޮޑު ބުރައެއް ލުއިވެ އެވެ. އެކަމަކު އެފަދަ ކަންކަމަށް އެހީތެރިވާ މީހުންގެ ނަން ފާހަގަކުރުމަކީ ސަރުކާރުގެ ޒިންމާއެކެވެ.
އެއް ބޭފުޅަކު ވިދާޅުވީ ސްވިމިން ޕޫލްގެ މަސައްކަތް ނިންމަން މިހާރު ކަނޑައަޅާފައި އޮތް ތާރީހަށް ނިމިއްޖެ ނަމަ ސަރުކާރަށް ވެސް އޭގެ ކްރެޑިޓް އޮންނާނެ ކަމަށެވެ. އެއީ މާލީ އެހީ ނެތަސް އެހެން އެތައް ގޮތަކުން ސަރުކާރުގެ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެތީ އެވެ. އޭގެ އަނެއްކޮޅުން ސަރުކާރުން ވެސް އޭގެ ހައްގުވެރިންނަށް ކްރެޑިޓް ދީ، ޝުކުރުގެ ބަސްތައް ބުނަން ޖެހޭނެ ކަމަށް، އޭނާ ވިދާޅުވި އެވެ.
އާ ސްވިމިން ޕޫލްގެ ވާހަކަތަކާއި އޭގެ ހައްގު ޝުކުރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ